އާއިލާއެއް އެކުގައި އުޅޭ ކަމުގައި ވަނީ ނަމަ ދެ ކޮޓަރީގެ ފްލެޓެއް ނޫނީ ގެއެއް އެއީ ހައްލެއް ނޫން ކަމަށާއި އެ ފަދަ ތަންތަނުގެ ޖާގަ އެއަށް ވުރެ ތަނަވަސްކޮށް ހުންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޅ. ނައިފަރުގައި އެޅި ހައުސިން ޔުނިޓުތައް ކައުންސިލާ ހަވާލުކުރަން ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅުވައި ވާހަކަ ދައްކަވަމުންނެވެ. އެ ހައުސިން ޔުނިޓުތަކަކީ މިދިޔަ އަހަރު އާރްސީސީއާ ހަވާލުކޮށްގެން މި ސަރުކާރުން ފެށި ހައުސިން މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނައިފަރުގައި އެޅި 1000 އަކަފޫޓުގެ ތިން ކޮޓަރި ފްލެޓުތަކަކީ މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް ގާއިމުކުރެވުނު ފްލެޓުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، ދެ ކޮޓަރީގެ ފްލެޓެއް، ނޫނީވިއްޔާ ގެއެއް، އެއީކީއެއް އެންމެ ރަނގަޅު ހައްލު ނޫންކަމަށް. އެންމެ މަދުވެގެން އާއިލާއެއް އެކުގައި އުޅޭކަމަށްވަންޏާ، އަދި މައިންބަފައިންނާ އެކީގައި އުޅޭކަމަށްވަންޏާ، އެއަށްވުރެ ތަނަވަސްކޮށް، އެ ފްލެޓެއްގެ، ނޫނީވިއްޔާ އެ ގެއެއްގެ ކަންތައްތައް ހުންނަންޖެހޭނެ" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރައީސް ސޯލިހު އަދި މި ސަރުކާރުގެ މިނިސްޓަރުން ވަނީ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ދޫކުރާ ފްލެޓުތަކުގެ ޖާގަ ބޮޑު ވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި ސަރުކާރުން އަޅާ ހުރިހާ ހައުސިން ޔުނިޓުތަކަކީ ޖާގަ ތަނަވަސް، އާއިލާއަކަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ތަންތަނަށް ވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއަށް އެ ބޭފުޅުން އެންމެ ގިނައިން އަމާޒުކުރާ ފާޑުކިޔުމަކީ ވެސް ޖާގަ ކުޑަވުމެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ސަރުކާރުން ވަނީ އެ މަޝްރޫއާ ހަވާލުވުމަށް ފަހު ޖާގަ ބޮޑުކުރެވޭތޯ މަސައްކަތް ވެސް ކޮށްފަ އެވެ. އެކަމަކު އެކަމަށް ހިނގާނެ ހަރަދު ބޮޑުވާނެތީ އެ ވިސްނުން ދޫކޮށްލީ އެވެ.
އޭގެ އިތުރުން، ދިވެހިންގެ ބޯހިޔާވަހިކަމުގެ ބޭނުންތައް ހުރި ގޮތަށް ބަލާއިރު، ކުރީ ސަރުކާރުން ގެންގުޅުން އެއް ކޮޓަރި އެޅުމުގެ ސިޔާސަތަކީ ވެސް ބޭނުންތެރި ސިޔާސަތެއް ނޫން ކަމަށް ބުނެ އެއް ކޮޓަރި ފްލެޓު އެޅުން ވެސް ވަނީ ހުއްޓާލާފަ އެވެ.
ދެ ކޮޓަރިއަށް ވުރެ ތިން ކޮޓަރި ރަނގަޅު ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން ފަށަން ރާވާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ދެ ކޮޓަރި އެޕާޓުމަންޓުތައް ހިމެނެ އެވެ.
އެގޮތުން އިންޑިއާގެ ކުންފުނިތަކަކާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކޮށްފައިވާ 4000 ހައުސިން ޔުނިޓު މަޝްރޫއުތަކުގައި އެކަނި ވެސް ދެ ކޮޓަރީގެ 1200 އެޕާޓްމަންޓު ހިމެނެ އެވެ. އެއިން އެޕާޓްމަންޓެއްގެ ސައިޒަކީ 650 އަކަފޫޓެވެ.












