ރިޕޯޓުމިތަން ސަލާމަތްކޮށްދީ، ކާށިދޫ މީހުން ތިބީ ހިންގައިލަން

މިތަން ސަލާމަތްކޮށްދީ، ކާށިދޫ މީހުން ތިބީ ހިންގައިލަން

ބަނދަރާ މާ ދުރުނޫން ހިސާބެއްގައި ތިލަ ފަޅު ތެރެއަށް ދަމާލާފައި އޮތް ރީތި ފާލަމަށް ބަލައިލުމުން ވެސް އެރަށުގެ މަސައްކަތް ތެރީންގެ ހުނަރު ފެނޭ. ރަށުގައި ހުރި ގެސްޓް ހައުސްތަކުން ވެސް ބުނެދޭ ވާހަކައަކީ ލޯކަލް ޓޫރިޒަމް ރަނގަޅަށް ހިންގައިލެވޭ ވަރުގެ މީހުން އެރަށުގައި ތިބިކަން.

ކާށިދޫ ސިޓީ ހޮޓާ އަޅަން ދޫކުރި ސަރަހައްދުގެ ގޮނޑުދޮށް، ސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގޮސް އެ ސަރަަހައްދުގެ ބޭނުން އޮތީ ނުހިފި. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ސިޓީ ހޮޓާ އަޅަން ދޫކުރި ސަރަހައްދުގެ ގޮނޑުދޮށް، ސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގޮސް އެ ސަރަަހައްދުގެ ބޭނުން އޮތީ ނުހިފި. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކުގެ ރެސްޓޯރެންޓުތަކުގައި ކެއްކުމަށް، ބޭނުންވާ ހުރިހާ ވަސީލަތްތަކަކާ އެކު ހުންނަނީ ފެންވަރު ރަނގަޅު ބަދިގެތަކެވެ. އެތަންތަނުގެ އުނދުން، ރެސްޓޯރެންޓުގައި ކާންތިބޭ މީހުންނަށް ގިނަ ފަހަރު ނުފެންނާނެ އެވެ. އެކަމަކު މި ރެސްޓޯރެންޓްގައި އުނދުނެއް މިހުރީ މިތަނަށް ވަންނަ މީހުން އެންމެ އަވަހަށް ގޮސް ނަގާނެ މޭޒު ހުންނަންވީ ތަނުގަ އެވެ. ފެހިގަދަ ދިއްގާ ގަސްތަކާއި މަގޫގަސްތައް ތެރޭން މޫދު ފެންނާނީ އެ މޭޒުގައި ތިބޭ ބަޔަކަށް ކަމަށް ވާތީ އެވެ.

ކ. ކާށީދޫގައި އާބާދީއާ ދުރުގައި ހަމަ ހިމޭންކަމާއި ގުދުރަތީ ރީތިކަން ހިތަކަށް ލިބިފައިވާ މި ރެސްޓޯރެންޓުގެ މެދުތެރޭގައި އުނދުނެއް ހުރީ ދުވަސްކޮޅެއް ކުރިން އެތަނުގެ އެތެރޭގައި ބަޔަކު ބާބެކިއު ހަދާފައި ވާތީ އެވެ. މީހުންނަށް އެ ފުރުސަތު ލިބުނީ އިތުރު މާގިނަ މަސައްކަތެއްނުކޮށް ހުޅުވައިލެވޭ ވަރަށް މަސައްކަތް ގެންގޮސްފައިވާ އެތަނަށް އަޅައިލާނެ ބަޔަކު ނެތި ދޫކޮށްލާފައި ހުރީމަ އެވެ. ވަލުތެރޭގައި ހަލާކުވާން ދޫކޮށްލާފައި މިހުރީ ކާށިދުއަށް އަންނަ ޓޫރިސްޓުންގެ އެތައް ބަޔަކައިގެން ރަކަރަކަލާފައި އޮންނަން ޖެހޭ ސިޓީ ހޮޓަލުގެ ރެސްޓޯރެންޓެވެ.

ކާށިދޫ ސިޓީ ހޮޓަލުގެ ރެސްޓޯރެންޓްގެ އެތެރެ. އެ މަޝްރޫއު ހުއްޓުނީ ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ފަހު. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ސިޓީ ހޮޓަލުގެ ރެސްޓޯރެންޓްގެ އެތެރެ. އެ މަޝްރޫއު ހުއްޓުނީ ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ފަހު. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ސިޓީ ހޮޓަލުގެ ރެސްޓޯރެންޓްގެ އެތެރެ. އެ މަޝްރޫއު ހުއްޓުނީ ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ފަހު. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ވާރޭ ވެހިގެން އެޅުނު ފެން ހަރުލާފައިވާ ވަޅުގަނޑެއް އެތަނުގެ ކައިރީގައި އޮތެވެ. އަހަރެމެންނަށް މަގު ދައްކަން އައި ކާށިދޫ ދެމީހުން ބުނި ގޮތުން ނަމަ އެއީ ސިޓީ ހޮޓަލުގެ ޕޫލެވެ. ރަނގަޅު ފެންވަރެއްގެ ރޫފިން މެޓީރިއަލް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ރެސްޓޯރަންޓަށް ފެންނަ ހިސާބުގައި އެހެން އިމާރާތެއް ވެސް ހުއްޓެވެ.

"އެއީ ގެސްޓް ރޫމެއް ދޯ؟" މަގުދައްކަން އައި މީހުން ގާތު އަހައިލީމެވެ.

ރެސްޓޯރެންޓާއި ސްވިޕިން ޕޫލު ހުރަސްކޮށް، ގޮނޑުދޮށަށް އަހަރެމެން ނުކުތީ ގަސްތައް ފޭކުރަމުން، ފައިދޮށް ބަލަމުން ވަރަށް ހާލުންނެވެ. ދުރުދުރަށް އެތައް ހިސާބަކަށް ދެމިފައިވާ ކާށިދޫ ފަޅުގެ "ޕެނަރޯމިކް ވިއު" އެއް މިތަނުން ފެނެ އެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި އޮންނަހާ ސާފުކޮށް އެ ސަރަހައްދުގެ އަޑި ނުފެންނަނީ ބޯކޮށް މޫދު ވިނަ ހެދިފައި އޮތީމަ އެެވެ.

"ސީދާ ސިޓީ ހޮޓަލަށް ލޯންޗު ކައިރިކޮށްލެވޭ ގޮތަށް ވެސް މިތަން ހެދިދާނެތާ ދޯ؟" އެހެން ބުނެވުނީ ދުރުން ފެންނަން އޮތް ހުރާ ގަނޑަކީ ކަނޑިންމައެއް ފުންކުރަން ނަގާފައި އޮތް ފަސްފުންޏެއްކަން އެނގޭތީ އެވެ. ކާށިދޫ ބަނދަރަށް ދާން ހަދާފައި އޮތަސް އެ ކަނޑިންމަ ކައިރީ މި ތަނަށެވެ.

ސިޓީ ހޮޓަލުގެ އެހެން އިމާރާތްތައް ވެސް އަހަރެމެން ބަލައިލީމެވެ. މުވައްޒަފުން ދިރިއުޅެން ހެދި އިމާރާތުގައި ކުދިދޮރުތަކުގެ ދޮރުފޮތިވެސް ދަމާފައި ހުއްޓެވެ. ހަލާކުރި ކުރި ބަޔަކު ހަލާކޮށްފައި ހުއްޓަސް، އެތަންތަނަކީ ނިމިފައި ހުރި ތަންތަންކަން އެކަމުން އެނގެ އެވެ.

ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް އޭރިއާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް އޭރިއާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް އޭރިއާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫގެ އެންމެ ރީތި އެއް ސަރަހައްދުގައި 50 އެނދުގެ ސިޓީ ހޮޓަލެއް އިމާރާތްކޮށް ހިންގަން ފަސް އަހަރު ކުރިން ހަވާލުވި ސީ ކްރޮސް މޯލްޑިވްސް އިން އެތަނަށް ބޮޑު ހަރަދެއް ކޮށްފައިވާކަން އެކަމުން އެނގެ އެވެ. އެކަމަކު އެކުންފުންޏަށް އެކަން ކުރިއަށް ނުގެންދެވުނީ ކީއްވެކަން ކާށިދޫ ކައުންސިލަކަށް ވެސް މާ ސާފުކޮށެެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެތަން ބެލެހެއްޓުން ވެސް އެކުންފުނިން ހުއްޓައިލިތާ އެތައް ދުވަހެއް ވެއްޖެ ކަމެވެ. މިހާރު މުޅިތަން އޮތީ ވީރާނާ ވެފަ އެވެ.

މުވައްޒަފުން ތިބެން އެޅި އިމާރާތުގެ ދޮރުތައް މިހާރު ނެތީ، އެނގޭ މީހަކު ބުނި ގޮތުގައި ސީ ކްރޮސްގެ ހުއްދަ ހޯދައިގެން ބައެއް މީހުން އެ ދޮރުތައް ނަގައިގެން ގެންދިއުމުންނެވެ. އެކަމުގައި ޚިޔާލުތަފާތު މީހުންނާ ވެސް އެރަށުން ދިމާވި އެވެ. ބިއްލޫރިތައް ތަޅާލާފައި ހުރި ކުދި ދޮރުތަކެއް ވެސް ފެނުނެވެ. ރަނގަޅު ފެންވަރުގެ މެޓީރިއަލް ބޭނުންކޮށްގެން ހަދާފައިވާ ސީލިން ސިސްޓަމް ވެސް ދަމައި ބިމަށް ތިރިކޮށްފައިވާ ކޮޓަރިތައް ވެެސް ހުއްޓެވެ.

ކާށިދޫ ސިޓީ ހޮޓަލުގެ އިމާރާތެއް. މުޅިތަން ވަނީ ވީރާނާވެފައި. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ސިޓީ ހޮޓަލުގެ އިމާރާތެއް. މުޅިތަން ވަނީ ވީރާނާވެފައި. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ސިޓީ ހޮޓަލުގެ އިމާރާތެއް. މުޅިތަން ވަނީ ވީރާނާވެފައި. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ސިޓީ ހޮޓަލުގެ މަސައްކަތް ކުރި ކުންފުނިން އެތަން މުޅީން "އެބަންޑަން" ކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެެކުންފުންޏަށް ވެސް އެ މަސައްކަތުން ވެފައި އެއޮތީ ވަރަށް ބޮޑު ގެއްލުމެކެވެ.

" އެ ހޮޓަލަކީ ހަގީގަތުގައި ކޮވިޑް އައުމުގެ މާކުރިން ނިންމައި ހިންގަން ފަށާފައި ހުންނަން ޖެހޭނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ކާށިދޫން "އަދަދު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ސީ ކްރޮސް މޯލްޑިވްސް އިން އެ ބިން ވަކިކޮށް ޓޫރިޒަމަށް ހުޅުވާލައިފި ނަމަ އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ގެސްޓްހައުސް އެއް ނުވަތަ ހޮޓަލެއް އަޅައި ހިންގައިލެވޭ ވަރުގެ އެތައް ބަޔަކު އެރަށުގައި ވެސް އެބަ ތިއްބެވެ. އެރަށަކީ މަސައްކަތްތެރީންގެ ރަށެކެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ފުރަތަމަ "ކަތިވަޅިއާ އެކީ އެރި" ބައެއް ގްރޫޕްތައް ލީޑްކުރީ ކާށިދޫ މީހުންނެވެ.

ރަށުގެ ބަނދަރުގެ އެއް ފަރާތެއްގައި މާ ދުރުނޫން ހިސާބެއްގައި ތިލަ ފަޅު ތެރެއަށް ދަމާލާފައި އޮތް ރީތި ފާލަމަށް ބަލައިލުމުން ވެސް އެރަށުގެ މަސައްކަތް ތެރީންގެ ހުނަރު ފެނެ އެވެ. ރަށުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ވެސް ބުނެދޭ ވާހަކައަކީ ލޯކަލް ޓޫރިޒަމް ރަނގަޅަށް ހިންގައިލެވޭ ވަރުގެ މީހުން އެރަށުގައި ތިބިކަމެވެ.

" އެ ސަރަހައްދު ދޫކޮށްލައިފިއްޔާ ނަގާނެ ކިތަންމެ ބައެއް އެބަތިބި. އެ މަސައްކަތް ކޮށްލާނެ ޒުވާނުން މިރަށުގައި އެބަތިބި،" އެކަކު ބުންޏެވެ.

ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް ބްލޮކް. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް ބްލޮކް. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކާށިދޫ ސިޓީ ހޮޓަލުގެ ސްޓާފް ބްލޮކް. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ކައުންސިލުން މިފަހަރު މިކަން ކޮޅެއްގައި ޖައްސާނެ

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ސިޓީ ހޮޓަލުގެ މަސައްކަތް ކުރި ކުންފުނިން އެތަން މުޅީން "އެބަންޑަން"ކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެެކުންފުންޏަށް ވެސް އެ މަސައްކަތުން ވެފައި އެއޮތީ ވަރަށް ބޮޑު ގެއްލުމެކެވެ.

" އެ ހޮޓަލަކީ ހަގީގަތުގައި ކޮވިޑް އައުމުގެ މާކުރިން ނިންމައި ހިންގަން ފަށާފައި ހުންނަން ޖެހޭނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.

އެތަން އެވަރަށް ވީރާނާވީ އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ގޮތަކަށް ބަލަހައްޓަމުން ނުދާތާ ވަރަށް ގިނަ ދުވަސްވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް އެހިސާބަށް ގެންގޮސްފައި ކުންފުނިން ވަނީ އެތަން ވީރާނާވާން ދޫކޮށްލައިފަ އެވެ.

" އަނެއްހެން ބަލާއިރު ވަރަށް ބޮޑު ގެއްލުމެއް އެ ބޭފުޅުންނަށް ވެސް ކައުންސިލަށް ވެސް،" އާމިރު ވިދާޅުވި އެވެ.

ސިޓީ ހޮޓަލުގެ ކަންތަކުގައި ކާށިދޫ ކައުންސިލުން މިހާރު ސީ ކްރޮސް މޯލްޑިވްސްއާ މިހާރު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނުވަތަ އަރާފައި އޮތް ޖޫރިމަނާ ދައްކަން ނުވަތަ އެތަން މުޅިން ދޫކޮށްލަން ކައުންސިލުން މިހާރު ވަަނީ އެކުންފުންޏަށް އަންގައިފަ އެވެ.

"އެހެންވީމާ މިހާރު އަޅުގަނޑުމެން މި ތައްޔާރުވަނީ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން. އެ މައްސަލަ ކޯޓަށް ގެންގޮސްގެން، [އެތަން ސަލާމަތްކުރުމުގެ ] މަސައްކަތް ފަށާނެ ވާހަކަ އަޅުގަނޑުމެން މިހާރު އޮންނާނީ އެބޭފުޅުްންނަށް އަންގާފައި،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެފަރާތަށް ވެސް މިހާރު ހަމަ އެންމެ ރަނގަޅުވާނީ ސިޓީ ހޮޓަލުގެ އެގްރިމެންޓް ބާތިލުކުރުމެވެ.

ކާށިދުއަކީ އާމިރު ވިދާޅުވި ގޮތުގައި ރަނގަޅު މަސައްކަތްތަތަކެއް ކޮށްލައިފި ނަމަ ޓޫރިޒަމަށް ވަރަށް ރަނގަޅަށް ހިންގެން އޮތް ރަށެކެވެ. ބައެއް އެހެން ރަށްރަށުގައި އޮންނަހާ ރީތި ގޮނޑުދޮށްތަކެއް ނެތަސް، ކާށިދޫގައި ޓޫރިސްޓުން ގަޔާވާނެ މާގިނަ އެހެން ކަންތައްތައް އެބަހުއްޓެވެ.

"މިރަށަށް މިހާރު ވެސް މި އަންނަ މަދު އަދަދެއްގެ ޓޫރިސްޓުން ގެ ސިކުނޑީގައި އިނދޭ ދަނޑުތައް. ރުއްފާ، ކުއްޅަވައްފާ. އެހެންވީނާ މިކަހަލަ ނޭޗާ ޓޫރިޒަމެއް އަސްލުގައި މިރަށުގެ ޕްރޮޑަކްޓެއްގެ ގޮތުގައި އޮންނާނީ. މިސާލަކަށް މިއަތޮޅުގެ އެހެން ރަށްރަށާ އަޅައި ބަލާއިރުގައި މިހާ ބޮޑު ޖަންގައްޔެއް އޮތް ރަށެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ކާށިދޫ ކުއްޅަވަށް ފާ ތެރެއިން ނަގާފައިވާ ފޮޓޯއެއް:
ކާށިދޫ ކުއްޅަވަށް ފާ ތެރެއިން ނަގާފައިވާ ފޮޓޯއެއް:

ކާށިދޫ ކުއްޅަވަށް ފާ ތެރެއިން ނަގާފައިވާ ފޮޓޯއެއް:

އާމިރު އެ ވިދާޅުވި ފަދައިން، ކާށިދޫގެ ދަނޑުމައްޗާއި ވަލު ތެރެއަކީ ރާއްޖޭގެ ގިނަ ރަށްރަށުން ނުފެންނަހާ ރީތި މަންޒަރުތަކެއް ފެންނަ ސަރަހައްދެކެވެ. އެންމެ އިހުގައި އޮތް ކަަމަށް ބުނާ މުޅި ރަށުގެ ކޮއްތު ހަމަޖައްސައިލެވޭ ވަރުގެ ކުއްޅަވައް ފަލެއް ނެތަސް މިހާރުވެސް އެެރަށުގެ "ދިގު ހިންނަ" ކުއްޅަވައް ފަލުަގައި ބޮޑެތި އެތައް ގަހެއް އެބަހުއްޓެވެ.

ތަފާތު އަނެއް ކަމަކީ އެރަށަކީ އެންމެ ފަރަކުން އުފެދިފައިވާ ވަކި އަތޮޅަކަށް ވުމެވެ. އެހެންވެ އެރަށް ވަށައިގެންވާ ފަރަކީ ރާއްޖޭގެ އެހެން ފަރުރަތަކާ ހިލާފަށް އަތޮޅު ފަރެކެވެ.

"މިރަށް ވަށައިގެން މި އޮންނަނީ އަތޮޅު ފަރެއް. އެހެންވީމާ އަތޮޅުގެ އެހެން ރަށްރަށާ އަޅައި ބަލާއިރުގައި މިރަށުގެ ފަރު ވަރުގަދަ ވެފައި ރީތިވެސް ވާނެ،" އާމިރު ވިދާޅުވި އެވެ.

ކާށިދޫގައި އޮތް ހާއްސަ އަނެއް ކަމަކީ ގަދީމީ ކުރުހިންނަ ތަރާގަނޑެވެ. ގާތްގަނޑަކަށް މީގެ 2000 އަހަރު ކުރިން ބިނާކޮށްފައިވާ ކަމަށް ބެލެވޭ އެތަނަކީ ތާރީހާ ސަގާފަތަށް ލޯބިކުރާ ޓޫރިސްޓުން ވަރަށް ގަޔާވާނެ ތަނެކެވެ. މިހުރިހާ ސިފަތަކަކާ އެކު ކާށިދުއަކީ ދަނޑުވެރިކަމެކޭ އެއްވަރަށް ޓޫރިޒަމް ވެސް ފުޅާ ކުރެވެން އޮތް ރަށެކެވެ. އެކަމަށްޓަކައި ސަރުކާރުން އެންމެ އަވަހަށް ކޮށްދޭންވީ ކަމަކީ ސިޓީ ހޮޓާ ސަރަހައްދު ސަލާމަތްކޮށް ކައުންސިލަށް އެތަން ލިބޭނެ ގޮތް ހެދުމެވެ. ކާށިދޫ މީހުން ތިބީ އެތަން ހިންގައިލާށެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox