މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކަށް ކުރިމަތިލާން މިއަދު މެންދުރު ހުޅުވާލަން އަނެއްކާވެސް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް އިއްޔެ ހުޅުވާލި އެވެ. ނަމަވެސް އެ ލިންކް ބްލޮކްވުމާ ގުޅިގެން، މިއަދު އަލުން ޕޯޓަލް ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމީ އެވެ. އެ ލިންކް ބްލޮކް ކުރީ ސަރުކާރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވަ އެވެ. ނަމަވެސް އެ ވާހަކަ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިއަދު މެންދުރު 2:00 ގައި ޕާކިން ޒޯންތަކަށް ކުރިމަތިލުމަށް ޕޯޓަލް އަލުން ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޕާކިން ޒޯންތަކަށް ކުރިމަތި ލުމަށް parking.malecity.gov.mv ލޮގިން ވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
އަދި އިއްޔެ ޕޯޓަލް ހުޅުވާލެވިފައިވަނިކޮށް ޕާކިން ޒޯނަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މިއަދު ހުޅުވާލަން ނިންމާފައި ވަނީ މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.
އޭސީސީއަށް މައްސަލަ ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު އޭރު ކުރިމަތިލި މީހުންގެ މެދުގައި އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ. ނަމަވެސް އޭސީސީން ވަނީ ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.
ކައުންސިލުން ފަހުން ވަނީ ޕާކިން ސްލޮޓަށް ކުރިމަތިލާފައިވާ މީހުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން ބާތިލް ކޮށްފަ އެވެ.
ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. އެއީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫނެވެ. އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ.
ކޮންމެ މީހަކަށް ވެސް މާލޭގެ ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭ ގޮތަށް ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 ޕަސަންޓް ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މިހާރު މަހަކު 1،000ރ. ކައުންސިލަށް ދައްކަންޖެހޭ ނަމަވެސް އެ އަގު 1500ރ. އަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. ޕާކު ކުރުރަށް ޓެކްސީއަކުން ނަގަމުންދަނީ މަހަކު 750 ރުފިޔާ އެވެ.
ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލާފައި ވާއިރު، މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ނިންމުން ފަސްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ވަނީ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.













