ރިޕޯޓުބޮޑީވޯން ކެމެރާ: މިއީ ދޮގު ނުހަދާނެ ހެއްކެއް، ފައިދާ އާއްމުންނަށް!

ބޮޑީވޯން ކެމެރާ: މިއީ ދޮގު ނުހަދާނެ ހެއްކެއް، ފައިދާ އާއްމުންނަށް!

ކެމެރާ ބޭނުންކުރަން ފެށުމުން ފަސޭހަވާނެ އެތައް އޮޕަރޭޝަނެއް އެބަހުއްޓެވެ. އެއް މިސާލަކީ މަސްތުވާތަކެތި އަތުލައިގަތުމުގެ މަސައްކަތެވެ. ވަރަށް ގިނަ ފަހަރު ވާ ގޮތަކީ މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހަކު ހަމަ ހިފަހައްޓާއިރަށް އޭނާގެ އަތުގައި ހުރި ނަމަ ހުރި އެއްޗެއް އުކައިލުމެވެ.

ފުލުހަކު ބޮޑީވޯން ކެމެރާއެއް ދައްކައިލަނީ. މައްސަލަތަކުގައި ހެއްކަކަށް ފުދޭނެ. ފޮޓޯ: އާއިމް ޒަމީޒު/ އަދަދު
ފުލުހަކު ބޮޑީވޯން ކެމެރާއެއް ދައްކައިލަނީ. މައްސަލަތަކުގައި ހެއްކަކަށް ފުދޭނެ. ފޮޓޯ: އާއިމް ޒަމީޒު/ އަދަދު

ބައެއް ގަތުލުތަކާއި ބޮޑެތި ވައްކަންތަކުގެ މައްސަލަތަކުގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެން އެތައް އަހަރެއް ހޭދަވެ އެވެ. އެކި އެކި ސަބަބުތަކާ ހެދި އެވެ. އެ ހާލަތުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަމުގައި ހެކިބަސްދޭން ތިބޭ އެތައް ބައެއްގެ ހަނދާންތައް ފަނޑުވަމުން ދިއުމެވެ. އެފަދަ ހާދިސާތަކަށް އެޓެންޑްކުރާ ފުލުހުންނަކީ އެކަމުގައި އިސްތިސްނާއެއް ނޫނެވެ.

ވަރަށް އަވަސް މައްސައްކަތްތަކެއް ކުރަން ޖެހޭ އެހާލަތުގައި ފެނުނު ހުރިހާ މަންޒަަރަކާއި އެހި ހުރިހާ އަޑުތަކެއް އެންމެ ކުދިކުދި ތަފްސީލްތަކާ އެކީ ދިހަ ބާރަ އަހަރުވަންދެން ހަނދާން ބެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ފުލުހުންނަށް މިހާރު ތައާރަފްކޮށްފައިވާ "ބޮޑީ ވޯން ކެމެރާ" އަކީ މި މައްސަލައަށް ރަނގަޅު ހައްލެކެވެ;

ޔުނީފޯމްގައި ހަރުކޮށްފައިވާ ކެމެރާ އޮން ކޮށްލައިގެން އެފަދަ ސީންތަކަށް އެޓެންޑްކުރުމުން ހުރިހާ މަންޒަރެއް އަޑާ އެކު ރެކޯޑްކޮށްލެވޭނެ އެވެ. އަދި އެއީ ފުލުހުންގެ ކޮމާންޑް ސެންޓަރަަށް ވަގުތުން ލިބެމުންދާނެ މަންޒަރުތަކެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމް (ވ) އަދި އިންސްޕެކްޓާ އޮފް ޕޮލިސް ތޯރިގު މުހައްމަދު އަދަދުއަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމް (ވ) އަދި އިންސްޕެކްޓާ އޮފް ޕޮލިސް ތޯރިގު މުހައްމަދު އަދަދުއަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމް (ވ) އަދި އިންސްޕެކްޓާ އޮފް ޕޮލިސް ތޯރިގު މުހައްމަދު އަދަދުއަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

"ފުލުހުންނަށް ވެސް ރައްޔިތުންނަށް ވެސް [ލިބޭ] އިތުރު ވިޓްނަސްއެއް މިއީ، ބޮޑީވޯން ކެމެރާ އަކީ،" ކެމެރާ ބޭނުންކުރަން ފެށުމުން ވާނެ ފަސޭހަތަކާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އިންސްޕެކްޓަރް އޮފް ޕޮލިސް ތޯރިގު މުހައްމަދު ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ތޯރިގާ އެކު ބައިވެރިވެވަޑައިގެންނެވި ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމް ވެސް ވިދާޅުވީ ކޯޓްގައި މައްސަލަތައް ދިގު ދެމިގެން ދާއިރު ހުރިހާ ތަފްސީލެއް ހަނދާން ނުހުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.

"އެހެންވީމާ އެ ރިކޯލް ކޮށްލަން ވެސް ކޯޓްގައި އެ ވީޑިއޯ ދައްކައިލާއިރަށް އިނގޭނެ އެ ދުވަހު ކަންތައް ހިނގި ގޮތް. އޭނާ [ތުހުމަތުކުރެވޭ މީހާ] އަތުގައި އެ ދުވަހު ވަޅިއެއް ނޫނީ ހަމަލާ ދޭން ބޭނުންކުރި އެއްޗެއް އޮތްތޯ، ނޫނީ އެތަނުގައި [އެފަދަ އެއްޗެއް] އޮތްތޯ،" އަމީން ވިދާޅުވި އެވެ.

ކެމެރާ ބޭނުންކުރަން ފެށުމުން ފަސޭހަވާނެ އެތައް އޮޕަރޭޝަނެއް އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ މަސްތުވާތަކެތި އަތުލައިގަތުމުގެ މަސައްކަތެވެ. ވަރަށް ގިނަ ފަހަރު ވާ ގޮތަކީ މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހަކު ހަމަ ހިފަހައްޓާއިރަށް އޭނާގެ އަތުގައި ހުރި ނަމަ ހުރި އެއްޗެއް އުކައިލުމެވެ. އެފަދަ މީހުން ފަހާ ފުލުހުން ދުވަން ޖެހިއްޖެ ހާލަތެއްގައި އެމީހުންގެ އަތުގައި ހުންނަ އެއްޗެއް އަމުދުން އަތެއް ނުވެ އެވެ.

އަމީން ވިދާޅުވި ގޮތުގައި ބޮޑީ ކެމެރާގެ ޒަރިއްޔާއިން އެ މަންޒަރުތައް ރެކޯޑްކުރެވުމަކީ ކޯޓް މަރުހަލާ ފަސޭހަވާނެ ކަމެކެވެ.

"އެހެންވީމާ ކޯޓް ޕްރޮސެސްގައި ވެސް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވި އެވެ.

ކެމެރާތަކުގެ ފެންވަރު ރަނގަޅު

ފުލުހުން ބޭނުންކުރާ ބޮޑީ ކެމެރާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު
ފުލުހުން ބޭނުންކުރާ ބޮޑީ ކެމެރާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ފުލުހުން ބޭނުންކުރާ ބޮޑީ ކެމެރާ. ފޮޓޯ: އާއިމް ޒަމީރު/އަދަދު

ފުލުހުން ކެމެރާ ބޭނުންކުރަން ފެށުމުން އުފެދުނު ގިނަ ސުވާލުތަކަކަށް އަމީނާއި ތޯރިގު ޖަވާބު ދެއްވި އެވެ. އޭގެ އެއް ސުވާލަކީ އެ ކެމެރާތަކުން މަންޒަރުތައް ނެގޭނެ ދުރުމިނާ މެދު އުފެދުނު ސުވާލެވެ. ދެބޭފުޅުން ވެސް ވިދާޅުވި ގޮތުގައި އިންސާނުންގެ ހަމަލޮލަށް ފެންނަ ދުރުނިމަނީ އެކެމެރާތަކަށް ވެސް އަރާނެ ދުރުމިނެވެ. މީގެ މާނައަކީ ޔުނިފޯމްގައި ކެމެރާ ހަރުކޮށްގެން ހުންނަ ފުލުސްމީހާއަށް ފެންނަ ހުރިހާ މަންޒަރެއް ކެމެރާއަށް ރެކޯޑްކުރެވުމެވެ.

"އެކަމަކު ރޭގަނޑު ގަޑީގައި އެ އަންނަ މޫމެންޓްތައް އެ ކެމެރާއިން ވަރަށް ބޮޑަށް ސްޓެބްލައިޒްކުރާނެ،" ތޯރިގު ވިދާޅުވި އެވެ.

ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމަށްޓަކައި ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފުރަތަމަ ގެނައީ މަޝްހޫރު ދެ ބްރޭންޑެއްގެ ކެމެރާ އެވެ. އެއީ މޮޓޮރޯލާއާއި އެގްޒޯން ބްރޭންޑްގެ ކެމެރާ އެވެ.

ކެމެރާ ކަނޑައެޅީ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެ މަޝްވަރާ ވެސް ހޯދައިގެންނެވެ.

"އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ޔޫކޭގެ މެޓްރޮޕޮލިޓޭން ޕޮލިސް [ކެމެރާ ބޭނުންކުރާ ގޮތް] އޭގެ އިތުރުން އޮސްޓްރޭލިއާގެ ޕޮލިސްގައި މިކަން ކުރާ ގޮތް ބަލާފައި އެބޭފުޅުންގެ ލަފާވެސް ހޯދިން،" ތޯރިގު ވިދާޅުވި އެވެ.

ފުލުހުން ބޭނުންކުރާ މި ކެމެރާތަކީ ބޭނުންކޮށްލަން ވެސް ވަރަށް ފަސޭހަ ކެމެރާތަކެކެވެ. ރެކޯޑްކުރަން ފަށަން ހަދަން ޖެހޭ ސެޓިންތަކެއް ނެތެވެ. ކެމެރާގައިވާ ބަޓަނަކަށް ދެ ފަހަރު ފިއްތައިލީމާ ނިމުނީ އެވެ.

"އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން، އަޅުގަނޑުމެންގެ އޮފިސަރުން އެ ކެމެރާއަށް ރެކޯޑްކުރަން އެ ފިއްތައިލުމުން، އޭގެ 30 ސިކުންތު ކުރިން ހިނގާފައި ހުރި ކަމެއް ވެސް ހުންނާނީ ކެމެރާއަށް ރެކޯޑްކުރެވިފައި،" ކެމެރާ އޮޕަރޭޓްކުރާ ގޮތް ދައްކަވައިލެއްވުމަށް ފަހު ތޯރިގު ވިދާޅުވި އެވެ.

މީހުންގެ ކަރާމަތަށް އިހުތިރާމްކުރާނެ

ފުލުހުންގެ އަތުގައި މިހާރު ހުރި 200 ކެމެރާ ވެސް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ ކެމެރާތައް ގެންގުޅޭ އޮފިސަރުން ހިންގާ ހުރިހާ އޮޕަރޭޝަނެއްގައި ވެސް ކެމެރާ ބޭނުންކުރާނެ އެވެ. އެކަމަކު ކުށް ނުކުރާ މީހުންނާއި ކުށުގެ ޝިކާރައަކަށްވާ މީހުން ހާސްވާން ޖެހޭ ކަމެއް މިއަކު ނެތެވެ.

އެއީ ކެމެރާ ބޭނުންކުރުމުގެ އެސްއޯޕީތައް ހުރީ މީހުންގެ ކަރާމާތަށް އެންމެ މަތީ ދަރަޖައިގައި އިހުތިރާމްކުރާ ގޮތަށް ކަމަށް ވާތީ އެވެ. ކެމެރާ ބޭނުންކުރާ އޮފިސަރަކު ސީންއަކަށް އެޓެންޑްކުރާ އިރު ރެކޯޑްކުރަން އެެކަށީގެން ނުވާ މަންޒަރެއް ފެންނަ ނަމަ ކެމެރާގެ ލެންސް ނިވާކުރާނެ އެވެ.

"މިސާލަކަށް، ނިވާކަން ކުޑަ ގޮތަކަށް ވިކްޓިމަކު މިހުންނަނީ ސީން އެއްގައި، އެހެން ވެއްޖެ ކަމަށް ވަންޏާ އަަޅުގަނޑުމެން ކެެމެރާގެ ލެންސް މަތީގައި އަތް އަޅާ ނޫނީ ކެމެރާ އޮފް ކޮށްލާނީ އެކަހަަލަ ހާލަތެއްގައި،" އަމީން ވިދާޅުވި އެވެ.

މީހުންގެ އޮވެދާނެ އަނެއް ކަންބޮޑުވުމަކީ ފުލުުހުންގެ ކެމެރާތަކަށް ރެކޯޑްކުރާ މަންޒަރުތައް ލީކްވެ، އާއްމު ވެދާނެ ކަމުގެ ކަންބޮޑުވުމެވެ. އެފަދަ ހާލަތެއްގައި ކުށެއްގެ އަނިޔާ ލިބޭ މީހުންގެ މަންޒަރުތައް ވެސް އެމީހުން ނޭދޭ ގޮތަކަށް އާއްމުންނަަަށް ފެނިދާނެ އެވެ.

އަމީނާއި ތޯރިގު ވެސް ދެއްވި ޔަގީންކަމަކީ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ކުޑަކޮށް ވެސް ނެތްކަމުގެ ޔަގީންކަމެވެ. އެއީ އެ ކެމެރާތަކުން ނަގާ މަންޒަރުތައް އެހެން ޑިވައިސްއަކަށް ނެގުމުގެ ފުރުސަތު ކެމެރާ ބޭނުންކުރާ އޮފިސަރަށް ވެސް ނޯންނާނެތީ އެވެ.

"އެވީޑިއޯތައް އެއްވެސް އިތުރު ޑިވައިސްއަކަށް ކޮޕީކޮށް އެކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ،" ތޯރިގު ވިދާޅުވި އެވެ.

ފުލުހުންނާއި އާއްމުންނަށް ވެސް އިތުބާރު

ފުލުހުންގެ ޔުނިފޯމްގައި ކެމެރާ ހަރުކުރުމުން ހާސިލުވާ އެންމެ މުހިއްމު އެއް ކަމަކީ ފުލުހުން ކުރިއަށް ވުރެ ވެސް ބޮޑަށް ޕްރޮފެޝަނަލް ވާނެކަމުގެ ޔަގީންކަމެވެ. އެކަށީގެން ނުވާ ބާރުގެ ބޭނުންކުރުމާއި ފަރުވާ ކުޑަކުރުން ފަދަ ކަމެއްގެ ތުހުމަތުވެއްޖެ ހާލަތެއްގައި ބަލައިލަން ވީޑިއޯ އެވިޑެންސް އޮންނާނެތީ އެވެ.

"ހަމަ ކެމެރާ އޮފް ކޮށްލާފައި ބޭނުން ގޮތަކަށް ކަންތައް ކޮށްފާނެ ނުންތޯ," ބައެއް މީހުން ސުވާލު އުފައްދައިފާނެ އެވެ. ފުލުހުން ދޭ ޔަގީންކަމަކީ އެގޮތަށް ކަންތައް ނުކުރާނެ ކަމެވެ. ކެމެރާ ހުރީ އޮޕަރޭޝަނުގައިކަން ފުލުސް މީހާ ފެންނަ އިރަށް ވެސް އެނގޭނެ އެވެ. ރެކޯޑްކުރަަން ފެށުމުން ކެމެރާގެ މޫނުމަތީގައި ހުންނަ ރަތްކުލައިގެ ބޮތްކެއް ނިވިދިއްލެން ފަށާތީ އެވެ.

ކެމެރާތައް ބޭނުންކުރާނީ ވެސް އެކަމަށް ތަމްރީނުވެފައިވާ ފުލުހުންނެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ކެމެރާ ބޭނުންކުރުމުގައި ފުލުހަކަށް އެއްވެސް ދައްޗެއް ވެސް ނުވާނެ އެވެ. މީގެ މަނާއަކީ ރަނގަޅު ވަގުތުގައި ރެކޯޑްކުރަން ނުފެށުން ކަހަލަ ކަމެއް ވެސް ނުވާނެ ކަމެވެ.

"ހަމަ އެކަނި މި އިންނަނީ ބަޓަނަކަށް ފިއްތައިލަން. ދެން އަބަދުވެސް ކެމެރާ ހުންނާނީ ރެޑީގައި. ސީންއަކަށް އެޓެންޑްވާ އިރު އެ ކެމެރާ އޮން ކޮށްލަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އެހެންވީމާ މިއީ ފުުލުހުންނަށާއި ރައްޔިތުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ވާނެ ކުރިއެރުމެކެވެ. މައްސަލަތައް ތަހުގީގުކުރަން ކުރިއަށް ވުރެ އެތައް ގުނައަކަށް ފަސޭހަވާނެ އެވެ. ކޯޓްގައި ހެކިބަސްދޭން ވެސް ފަސޭހަވާނެ އެވެ. މައްސަލަ ކިތަންމެ ދިގުލައިގެން ދިޔަސް، ސީންއަށް އެޓެންޑްކުރި އޮފިސަރަށް ހާދިސާ ކިޔައިދޭން އެނގޭނެތީ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox