ރާއްޖޭގެ ބައެއް ހިސާބުތަކަށް ރޭ ފަތިހު ޖައްވުގެ ތެރެއިން ފެނުނު އައްޔަކީ އިންޑިއާ އިން ސެޓެލައިޓެއް ފޮނުވާލަން ލޯންޗުކުރި ރޮކެޓެކެވެ.
ރޭ ފަތިހުމާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރުގެ ބައެއް ރަށަރަށަވެސް އަލިގަނޑެއް ފެނިފައިވާއިރު އޭގެ ހަގީގަތް ނޭނގިގެން ގިނަ ބަޔަކު އުޅުނެވެ.
އިންޑިއަން ސްޕޭސް ރިސާޗު އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ބުނީ ސެޓަލައިޓް ފޮނުވަން ހާއްސަ ރޮކެޓެއް ކަމަށްވާ ޕޯލާ ސެޓަލައިޓް ލޯންޗު ވެހިކަލް (ޕީއެސްއެލްވީ)އެއް އުދުއްސާލާފައި ވަނީ ރޭ ފަތިހު އިންޑިއާ ގަޑިން 5:59 ގައި ކަމަށެވެ.
އެއީ ރާއްްޖެ ގަޑިން 4:29 އެކެވެ.


އިންޑިއާއިން ރޭ ފޮނުވާލި ރޮކެޓްގެ މަސައްކަތުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: އައިއެސްއާރްއޯ
ސަތިޝް ދަވަން ސްޕޭސް ސެންޓަރުން އުދުއްސާލި އެ ރޮކެޓުން ވަނީ އިންޑިއާ ގަޑިން ފަތިހު 6:17ގައި އާތު އޮބްޒަވޭޝަން ސެޓަލައިޓެއް ކާމިޔާބުކަމާ އެކު ޖައްވަށް ފޮނުވާލާފަ އެވެ. އެއީ ރާއްޖެ ގަޑިން 5:47ގަ އެވެ.
ބެންގަލޫރުގައި ހުންނަ ޔޫއާރު ރާއޯ ސެޓަލައިޓް ސެންޓަރުގައި އުފައްދާ "އީއޯއެސް-04" ނަމުން ނަން ދީފައިވާ އެ ސެޓްލައިޓް 10 އަހަރު ޖައްވުގައި ހަރަކާތްތެރިވާނެ ކަމަށް އައިއެސްއާރުއޯ އިން ބުނެ އެވެ. ކަނޑުން ފެށިގެން 529 ކިލޯމީޓަރު އުސް މިނުގެ އޯބިޓަކަށް ދޫކޮށްލި މި ސެޓަލައިޓުގައި ބަރުދަނުގައި 1710 ކިލޯ ހުންނައިރު 2280 ވޮޓުގެ ކަރަންޓު އުފައްދަ އެވެ.

އިންޑިއާއިން ރޭ ފޮނުވާލި ރޮކެޓް-- ފޮޓޯ: އައިއެސްއާރްއޯ
އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނަކީ އިންޑިއާއިން ޖައްވު ދިރާސާކުރުމަށް ހާއްސަ އޯގަނައިޒޭޝަނެކެވެ. މި އޯގަނައިޒޭޝަނުން ވަނީ ޖައްވީ އެކިއެކި މިޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ.














