އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުން މޮޅުވުމުގައި ފޯވާޑް ޒައިން ޒަފަރުގެ ތަޖުރިބާ ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށް ކްލަބް އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް އިން ވަނީ މި ފަހަރުގެ ފައިނަލުގައި 1-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ހޯދާފައެވެ. ފައިނަލް މެޗު ކުޅުނީ ފ. ނިލަންދޫ ޓާފް ދަނޑުގަ އެވެ. މިއީ ޔޫތު ޗެމްޕިއަންޝިޕްގެ ތާރީހުގައި މި މުބާރާތުގެ ފައިނަލް މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތް ކުޅުނުއިރު، އީގަލްސް ވަނީ ހަތް މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ފަސް ފަހަރު ތަށި އުފުލާލި އީގަލްސް އިން މުޅިން ވެސް ކާމިޔާބުކުރީ 21 އަހަރުން ދަށަށް މުބާރާތް ބޭއްވިއިރު އެވެ. އެއީ 2014، 2016، 2017 އަދި 2019 ވަނަ އަހަރު އެވެ. ޔޫތު މުބާރާތް 19 އަހަރުން ދަށަށް ބޭއްވި ހަމައެކަނި ފަހަރު 2018 ވަނަ އަހަރު އީގަލްސް ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު 19 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި ފަހަރު ވެސް އީގަލްސް އިން މި ވަނީ ތަށި އުފުލާލައިފަ އެވެ.
ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން މުބާރާތުގެ އެންމެ މޮޅުގެ ކޯޗުގެ މަގާމު ހޯދި ނިމާ ބުނީ މުބާރާތަށް ޓީމުން ކަނޑައެޅި އަމާޒު ހާސިލްވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ. އަދި 19 އަހަރުން ދަށުގެ މުބާރާތް ފުރަތަމަ ފަހަރަށް މި ހޯދުނީ ވަރަށް ރަނގަޅު ނަތީޖާތަކަކާ އެކު ކަމަށް ނިމާ ވަނީ ބުނެފަ އެވެ.
އީގަލްސް އިން މެޗަކުން ބަލިނުވެ، ތަށި އުފުލާލިއިރު، ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. މުބާރާތުގެ ތެރޭގައި އަނިޔާގެ އެކި ކަންކަމުގެ ތެރޭގައި ވެސް ފޯވާޑް ޒައިން އަށް ކުޅެވޭ މެޗުތަކުގައި ވަނީ ބޭނުންކޮށްފަ އެވެ. ފައިނަލް މެޗުގެ ހަމައެކަނި ގޯލު ވެސް ޖެހީ ޒައިން އެވެ. ނިމާ ބުނީ މޮޅުވުމުގައި ޒައިން އިސް ރޯލެއް ކުޅުނު ކަމަށެވެ.
"މި މެޗަށް ޒައިން ނެރުނީ މި މެޗުން އީގަލްސް އިން ތަށި ޔަގީންކުރަން ބޭނުންވާތީ، އަނިޔާގައި ހުރެ ނަމަވެސް ޒައިން މެޗުގައި ތަފާތު ދެއްކިި. އޭނާގެ ތަޖުރިބާގެ ބޭނުން މެޗުގައި ވަރަށް ބޮޑަށް ކުރެވުނު،" ނިމާ ބުންޏެވެ.
އީގަލްސްގެ ސީނިއާ ޓީމުގެ ހެޑް ކޯޗުކަން ވެސް މި ވަގުތު ފުރަމުން އަންނަ ނިމާ ބުނީ ޖުމްލަކޮށް ބަލާއިރު ފައިނަލް މެޗުގައި ކުޅުންތެރިން ފެނުނީ ހީކުރި ވަރަށް ވުރެ ބޮޑަށް ޕްރެޝަރުގައި ކުޅުނު ތަން ކަމަށެވެ. އަދި ފައިނަލް މެޗު ވަކި ދަނޑެއްގައި ކުޅެން ޖެހުމުން އޭގެ ތަފާތު ވެސް ފެނުނު ކަމަށް ނިމާ ގަބޫލުކުރެ އެވެ.
"މިހާ ޒުވާން ކުޅުންތެރިން މި ވަރުގެ މެޗަކަށް ނުކުންނައިރު ފެނުނު އެ ޕްރެޝަރު ވެސް. އަނެއްކޮޅުން މާލޭގައި ހަރު ޓާފެއްގައި ކުޅެފައި އައިސް މިގޮތަށް މަޑު ތަނެއްގައި ކުޅުނީމަ އެ އުނދަގޫ ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނު. އެކަމަކު ވެސް ހުރިހާ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްގެން މި ކާމިޔާބީ މި ލިބުނީ،" ނިމާ ބުންޏެވެ.
އީގަލްސް އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށް ވުމާ އެކު އެއީ ވެސް އެ ޓީމަށް ފައިނަލުގައި ދިމާވި ޕްރެޝަރެއް ކަމަށް ނިމާ ވަނީ ބުނެފަ އެވެ.













