އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ އީގަލްސް ޗެމްޕިއަންކަން ހޯދައިފި

ޔޫތު ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު ޗެމްޕިއަންޝިޕްގެ ތަށްޓާ އެކު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބު އީގަލްސް އިން ހޯދައިފި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް އިން ވަނީ މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތް ކުޅުނުއިރު، ހަތް މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ފަސް ފަހަރު ތަށި އުފުލާލި އީގަލްސް އިން މުޅިން ވެސް ކާމިޔާބުކުރީ 21 އަހަރުން ދަށަށް މުބާރާތް ބޭއްވިއިރު އެވެ. އެއީ 2014، 2016، 2017 އަދި 2019 ވަނަ އަހަރު އެވެ.

ޔޫތު މުބާރާތް 19 އަހަރުން ދަށަށް ބޭއްވި ހަމައެކަނި ފަހަރު 2018 ވަނަ އަހަރު އީގަލްސް ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު 19 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި ފަހަރު ވެސް އީގަލްސް އިން މި ވަނީ ތަށި އުފުލާލައިފަ އެވެ.

ފައިނަލް މެޗުގެ ކުރިން ސަސް އާއި އީގަލްސް ވަނީ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗު ވެސް އީގަލްސް އިން ކާމިޔާބުކުރީ 1-0 ގެ ނަތިޖާއަކުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް ހޯދިއިރު އެ ޓީމް އެއްވެސް މެޗަކުން ބަލިނުވެ އެވެ. އަދި ބައިކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.

ނިލަންދޫ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ސަސް އިން ކުރިއަށް ޖެހިގެން ކުޅެން އުޅުނެވެ. ސަސްގެ މެދުތެރެއިން ކުރިއަށް ލަޔާން ހުސައިން އަށް ދިން ބޯޅައަށް މަސައްކަތް ކުރަނިކޮށް އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ކުރިއަށް ނިކުމެ އެ ބޯޅަ ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ އީގަލްސް އިންނެވެ. އީގަލްސްގެ ފޯވާޑް މުހައްމަދު ސަމާހު އަށް އޭރިއާ ބޭރުން ސަސްގެ ޑިފެންޑަރުން ފައުލް ކުރުމުން ލިބުނު ހިލޭ ޖެހުމުން ޒައިން ޒަފަރު ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް އަމާޒުވާން ދަނިކޮށް ސަސްގެ ގޯލުގައި ހުރި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

މެޗުގައި އީގަލްސް އަށް ލިބުނު ފުރަތަމަ ކޯނަރުން ޒަައިން ނަގައިދިން ބޯޅަ އީގަލްސްގެ ކެޕްޓަން ހުމައިދު ހުސައިން ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އީގަލްސް އަށް ލިބުނު އެހެން ކޯނަރަކުން ހަސަން ސަހާފް ނަގައިދިން ބޯޅަ ޒައިން ބޮލުން ފޮނުވާލުމުން ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

އީގަލްސްގެ ފޯވާޑް ޒައިން އާއި ސަމާހު ހުއްޓުވުމުގައި ސަސްގެ ޑިފެންޑަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ފުރަތަމަ ހާފުގައި ސަސް އަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސާލިފް ހުސައިން އަށެވެ. އީގަލްސްގެ ޑިފެންޑަރުންނަށް އޭރިއާ ތެރެއިން ބޯޅަ ސާފުކޮށް ނުލެވިގެން އުޅެނިކޮށް ސާލިފް އަށް ލިބުނު ބޯޅަ ސާލިފް އެއްފަހަރުން ފޮނުވާލުމުން ދިޔަައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

އީގަލްސްގެ ޒައިން (ވ) ސަސްގެ ކީޕަރު މީސަމް ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގައި ފެނުނު ހަމައެކަނި ގޯލު އީގަލްސް އިން ޖެހީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. މެދުތެރެއިން ސަހާފް މުޅިން ހުސްކޮށް ދިން ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ ޒައިން ވަނީ ކީޕަރު މީސަމް އަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ މިނެޓެއް ފަހުން ލީޑް ފުޅާކުރަން އީގަލްސްއަށް ފުރުސަތެއް ލިބުނެވެ. މިފަހަރު ކޯނަރުން ޒައިން ލިބުނު ބޯޅަ ލިބުނީ އޭރިއާތެރޭގައި ހުރި ސަހާފް އަށެވެ. އެހެން ނަމަވެސް ސަހާފް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރުންނެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ސަމާހު އަށް މެޗުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކުގައި ސަމާހު އަށް ލިބެން ދިޔަ ބޯޅަ ދިފާއުކުރަން ކީޕަރު މީސަމް ނުކުތް ނަމަވެސް އޭނާއަށް ބޯޅަ ލިބޭ ގޮތެއް ނުވި އެވެ. ހުސް ގޯލަށް ބޯޅަ ފޮނުވާލަން ސަމާހު އުޅުނު ވަގުުތުގައި ފަހަތުން އައި ސަސްގެ ޑިފެންޑަރު އަހުމަދު އައިހަމް ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

ދެ ވަނަ ހާފަށް އީގަލްސް ނިކުތީ ދެ ބަދަލަކާ އެކުގަ އެވެ. މިގޮތުން ފޯވާޑް ސަމާހުގެ ބަދަލުގައި މުހައްމަދު ރިޝާން އާއި އިބްރާހިމް ޝަރީފްގެ ބަދަލުގައި މާހީ އިބްރާހިމް ވަނީ ކުޅެން އަރުވައިފަ އެވެ. މި ހާފު ފަށައިގެން ފުރަތަމަ 15 މިނެޓު ނިމުނުއިރު، ދެ ޓީމަށް މާ ނުރައްކާތެރި ހުސް ފުރުސަތެއް ތަނަވަސް ނުކުރެވުނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސް އިން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. މާހީ އޭރިއާ ތެރެއަށް ވަދެ ޒައިން އަށް ދިން ބޯޅަ އޭނާ ހިފައިންގޮސް ގޯލަށް ފޮނުވާލުމުގެ ކުރިން އައިހަމް ވަނީ ޓެކުލްކޮށް އެ ބޯޅަ ދިފާއުކޮށްފަ އެވެ. އީގަލްސް އިން އެޕީލް ކުރީ އައިހަމް އެބޯޅައިގައި ޖެއްސީ ޒައިން އަށް ފައުލްކުރުމަށް ފަހު ކަމަށެވެ. އެކަމަކު، ރެފްރީ އަފްޝީން ނަސީރު ނިންމީ ފައުލެއް ނޫން ކަމަށެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ ލީޑް ފުޅާކޮށްލަން ރިޝާން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް އަރިމަތިން ވަދެ ޒައިން ނަގައިދިން ހުރަހުން ރިޝާން ފޮނުވާލި ބޯޅަ ކުރިމާތީގައި ހުރި ޑިފެންޑަރު އަލީ ޒާލިފްވަނީ ބްލޮކް ކޮށްފަ އެެވެ.

ލީޑުފުޅާކޮށްދޭން އީގަލްސްގެ މާހީ އަށް ގޯލެއް ޖެހުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަނިމާ އެކަނި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް އެބޯޅަ ދިފާއުކުރީ ޑިފެންޑަރު އައިހަމް އެވެ. މާހީ ފޮނުވާލި ބޯޅަ ދިޔައީ މަޑު މަޑުންނެވެ. މުޅި މެޗުގައި އީގަލްސްގެ ހަމަލާތައް ދިފާއުކޮށް އެ ޓީމަށް ލީޑް ފުޅާވިޔަ ނުދިނުމަށްޓަކައި ސަސްގެ ޑިފެންޑަރު އައިހަމް މޮޅު ކުޅުމެއް ދެއްކި އެވެ.

މި ހާފުގައި ސަސްއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ އިޝް'އާފު މުހައްމަދެވެ. ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ވާތުފައިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކީޕަރު ޝައިހާން އެވެ. އޭގެ ފަހުން މުތާއު މުހައްމަދު ފޮނުވާލި ބޯޅަވެސް ކީޕަރު ޝައިހާން ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅު ކުރިއަށް ޖެހިގެން ކުޅެ ސަސް އިން ފުރުސަތުތައް ހޯދަން މަސައްކަތްކުރި އެވެ. ނަތީޖާއެއްގެ ގޮތުން އީގަލްސްގެ ފަހަތަށް ބާރު ބޮޑުވެ އެޓީމުން ފައުލްތައް ކުރަން ފެށި އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުންތަކާއި ކޯނަރުތަކުން ލިބުނު ބޯޅަތަކުގައި ސަސް އަށް މާ ބޮޑު ނުރައްކާތެރި ހަމަލާއެއް ނުއުފެއްދި އީގަލްސް މޮޅުވެގެން ނިމުނީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޒައިން އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އީގަލްސްގެ ކޯޗު އަހުމަދު ނިމާދު އަށެވެ. ފެއާ ޕްލޭ ޓީމަކަށް މަހިބަދޫ ސްޕޯޓްސް ކްލަބް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ވެސް ވަނީ ހޮވައިފަ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ އީގަލްސްގެ ސަމާހު، އިސްމާއިލް ސާއިފް، ހުމައިދް ހުސައިން ސަސްގެ ކީޕަރު މީސަމް، ވިޝާހު އަބްދުލް މަޖީދު، އިޝްއާފް މުހައްމަދު ފިރާގު، ޓީސީގެ އަހްނަފް މުހައްމަދު ތަސްނީމް، އައިހަމް ހަމްދޫނާއި އައިހަމް ސައީދުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ޒައިން ސުޖާއު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިޔާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox