އަބޫދާބީ، ޔޫއޭއީ (ފެބްރުއަރީ 12) - ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރާސް އަތުން 2-1 އިން މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ފުރަތަމަ ފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިރެއާ ހަމައަށް ޗެލްސީ އަށް އެ ކްލަބްގެ ތާރީހުގައި މިހާތަނަށް ނުލިބި އޮތް ބޮޑު މުބާރާތަކީ ފީފާ ކްލަބް ވޯލްޑް ކަޕް އެވެ. ޗެލްސީން 2012 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް ފައިނަލުގައި ވަނީ ކޮރިންތިއަންސް އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭ 120 މިނިޓް ކުޅެގެން ޕަލްމެއިރާސްގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ތަށި އުފުލާލީ އެވެ.
ޗެލްސީ އަކީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ތިން ވަނަ ކްލަބް އެވެ. މީގެ ކުރިން 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއި 2019 ވަނަ އަހަރު ލިވަޕޫލުން މި މުބާރާތް ކާމިޔާބުކުރި އެވެ.
އަބޫ ދާބީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އާއި ޕަލްމެއިރާސް އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ޕަލްމެއިރާސްގެ ކުރިއަށް ކުޅޭ ޑޫޑޫ އަށް ރަނގަޅު ވަގުތުގައި ބޯޅަ ފޮނުވާނުލެވި ފުރުސަތުތައް ގެއްލުނީ އެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫ އަށް މާ ބޮޑު ކަމެއް ނުކުރެވުނު ނަމަވެސް ދެ ވަނަ ހާފްގެ ކުރީކޮޅުގައި އޭނާ ވަނީ ގޯލު ޖަހައި ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. ކަލުމް ހަޑްސަން އޮޑޯއި ނެގި ހުރަހަކުން ލުކާކޫ ބޮލުން ޖެހި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.
ޗެލްސީ އަށް މާގިނައިރު، ލީޑުހިފަހައްޓައި ނުލެވުނެވެ. މެޗުގެ 64 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕަލްމެއިރާސްގެ ރަފައެލް ވެއިގާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން، ވީިޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ހަވާޓްޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި އިތުރު ގޯލެއް ޖަހަން ދެ ޓީމުން ވެސް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެ ގޮތުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ވެސް ފަހު ވަގުތު ޗެލްސީން މޮޅުވި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ޕަލްމެއިރާސްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ލުއާން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ވައްދާލީ ކައި ހަވާޓްޒް އެވެ. މި ޕެނަލްޓީ ދޭން ނިންމީ ވެސް ވީއޭއާރް އިން ބަލައިފަ އެވެ.
މިދިޔަ އަހަރު މެއި މަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހި ހަވާޓްޒް މިރޭ ކްލަބް ވޯލްޑް ކަޕުން ޗެލްސީ މޮޅުކޮށްދިން ޕެނަލްޓީ ޖެހިއިރު، އޭނާ އަކީ ބޮޑު ދެ ފައިނަލުގައި މޮޅުވި ގޯލު މި ގޮތަށް އެއް އަހަރެއްގައި ޖެހި ދެ ވަަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެކަން ހާސިލްކުރީ 2011 ވަނަ އަހަރު ބާސެލޯނާގައި ލިއޮނަލް މެސީ އެވެ.
ޕަލްމެއިރާސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ޕެނަލްޓީ ދިން ލުއާން އަށް ފަހުން ރަތް ކާޑެއް ދެއްކީ ހަވާޓްޒް އަށް ކުރި ފައުލަކަށެވެ. މި ރަތް ކާޑު ދެއްކީ ވެސް ވީއޭއާރް އިން ބަލައިފަ އެވެ.
މި މެޗު ބެލުމަށް ޔޫއޭއީ އަށް ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ވެސް ދިޔަ އެވެ. އިންގްލެންޑުން އަބްރަމޮވިޗަށް ދީފައި އޮތް އިންވެސްޓްމަންޓް ވިސާ ކެންސަލްކޮށްފައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ޗެލްސީން އިންގްލެންޑްގައި ކުޅޭ މެޗެއް ބަލަން ނުދެވެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވިތާ މިވީ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޗެލްސީ ގޮވައިގެން ނުކުތް ހުރިހާ މުބާރާތެއްގެ ފައިނަލުގައި ކުޅެފަ އެވެ. މިިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނުއިރު، މި ފަހަރުގެ ސީޒަން ފަށަން ޔުއެފާ ސުޕަ ކަޕް ފައިނަލް ކުޅުނެވެ. އަދި މިރޭ ކްލަބް ވޯލްޑް ކަޕް ފައިނަލް ކުޅުމަށް ފަހު، މި މަހުގެ 27 ވަނަ ދުވަހު ލީގު ކަޕް ފައިނަލުގައި ލިވަޕޫލާ ކުޅޭނެ އެވެ.
ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ވަނީ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހޯދައިފަ އެވެ. އެފްއޭ ކަޕް ފައިނަލުން މިދިޔަ އަހަރު ލެސްޓާ ސިޓީ އަތުން ވަނީ ބަލިވެފަ އެވެ. ޓުޗެލް މިރޭގެ ފައިނަލަށް އައީ ކޮވިޑުން ރަނގަޅުވާން ކަރަންޓީނުގައި ހުރުމަށް ފަހު އެވެ.
ޗެލްސީގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބީ އެންމެ ހާއްސަވާނެ އެއް ކުޅުންތެރިއަކީ ދާދި ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ޗެމްޕިއަންކަން ހޯދި ސެނެގާލް ޓީމުގައި ހިމެނޭ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަށެވެ. ފީފާގެ މޮޅު ކީޕަރުގެ މަގާމު ހޯދި މެންޑީ މިރޭގެ ފައިނަލުގައި ކުޅުނުއިރު، އޭނާ އަންނަނީ ޗެލްސީއާ ގުޅުމަށް ފަހު އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ.












