އަބޫދާބީ، ޔޫއޭއީ (ފެބްރުއަރީ 12) - ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް، ކޮވިޑް-19 އިން ރަނގަޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި މިރޭ ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ޓީމުގެ ކޭމްޕާ ގުޅިއްޖެ އެވެ.
މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެގެން ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމަށް އިރުޝާދުދޭން އުމުރުން 48 އަހަރުގެ ޓުޗެލް އަށް ޗެލްސީ ބެންޗުގައި ނީނދެވުނެވެ. ޓުޗެލް ނެތުމުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބެންޗުގައި ހުރެ ޗެލްސީ ޓީމަށް އިރުޝާދުދިނީ ޒޮލްޓް ލޯ އެވެ. ޓުޗެލް ނެތި ޗެލްސީން ކުޅުނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕްލައިމައުތު އާގައިލް އާއި ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އޭޝިއާގެ ޗެމްޕިއަން އަލް ހިލާލްއާ އެވެ. ދެ މެޗުން ވެސް މޮޅުވީ ހަނި ފަރަގަކުންނެވެ.
އަބޫ ދާބީގައި ކްލަބް ވޯލްޑް ކަޕް ކުޅޭއިރު، ޓުޗެލް ޔޫއޭއީ އަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ. ޓުޗެލް އައިސް މިރޭގެ ފައިނަލްގެ ކުރިން މުހިންމު ނިންމުމެއް ނިންމަން ޖެހޭނެ އެވެ. އެއީ ފައިނަލުގައި ޗެލްސީގެ ގޯލު ބަލަހައްޓާނީ ކޮން ކީޕަރެއްތޯ ކަނޑައެޅުމުގެ ނިންމުމެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ޗެމްޕިއަން ކަމާއި މޮޅު ކީޕަރުގެ މަގާމު ހޯދި ސެނެގާލް ޓީމުގެ އެޑޮއާޑް މެންޑީ ވެސް ޓީމާ ގުޅިފައިވާއިރު، މެންޑީ ނެތި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޗެލްސީގެ ދެ ވަނަ ކީޕަރުގެ މަގާމުގައި ހުރި ކެޕާ އަރިއްޒަބަލާގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"މިދިޔަ ހަފްތާތަކުގައި މި ދެ ކީޕަރުން ވެސް ވަރަށް މޮޅަށް ކުޅެފި. ދެން ދެރަ ނިންމުމަކަށްވާނީ، އެއް ކީޕަރެއް ބެންޗުގައި ބަހައްޓަން އެބަޖެހޭ. ތޯމަސް (ޓުޗެލް)އާ މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ،" ލޯ ބުންޏެވެ.
ޗެލްސީ އަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތެރެއިން ތަށި ނުހޯދި އޮތީ ކްލަބް ވޯލްޑް ކަޕްގެ އެވެ. ޗެލްސީން 2012 ވަަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން 1-0 އިން ބަލިވެފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވިތާ މިވީ 379 ދުވަސް ތެރޭ އޭނާ ޗެލްސީ ގޮވައިގެން ނުކުތް ހުރިހާ މުބާރާތެއްގެ ފައިނަލުގައި ވަނީ ކުޅެފަ އެވެ. މިިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނުއިރު، މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް ފައިނަލް ކުޅުނެވެ.
މި ސީޒަނުގައި މި ވަނީ އިނގިރޭސި ލީގު ކަޕާއި ކްލަބް ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖެ ގަޑިން 21:30 ގައި ޕަލްމެއިރާސްއާ ކުޅޭއިރު، ލީގު ކަޕް ފައިނަލުގައި ލިވަޕޫލާ ކުޅޭނީ މި މަހު 27 ގަ އެވެ.












