ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތަށް ހަރަދުކުރަނީ ކޮން ބައެއް ކަން ވަރަށް ތަފްސީލުކޮށް ފުލުހުންނަށް އެނގޭ ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭން މެޓީރިއަލް އުފައްދަން ހަރަދުކުރަނީ ކޮން ބައެއް ކަމާއި އެކަމާ ބެހޭ ލިއުމެއް ޝާއިއުކުރުމުން ފައިސާ ދެނީ ކޮން ބައެއް ކަން ވެސް ފުލުހުންނަށް އެނގޭ ކަމަށެވެ. ކެމްޕޭން މެޓީރިއަލް ގެންނަނީ ކޮންތާކުން ކަން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހަރަކާތަށް ފަންޑުކުރަނީ ކޮންބައެއްތޯ، ޓީޝާޓް ޕްރިންޓްކުރަން ހަރަދުކުރަނީ ކޮން ބައެއްތޯ، ޓީޝާޓް ގެންނަނީ ކޮންތާކުންތޯ، ކެމްޕޭން މެޓީރިއަލް ހަދަނީ ކޮންތާކުންތޯ، އާޓިކަލްއެއް ޕޯސްޓްކުރީމާ އެ އާޓިކަލް އަށް ފައިސާ ދެނީ ކާކުތޯ؟" މީއްޗިހި އަޅުގަނޑުމެންނަށް އެނގޭ. އެކަމާ ގުޅޭ ފުދޭވަރެއްގެ ކޮމްޕްރިހެންސިވް އަންޑަސްޓޭންޑިން އެއް އަޅުގަނޑުމެންނަށް އެނގޭ،" ހަމީދު ވިދާޅުވި އެވެ.
"ހަރަކާތުގެ މަގުސަދުތައް ވެސް އެނގޭ"
އިއްޔެގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހަމީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭންގެ މަގުސަދުތަކާ ބެހޭ ގޮތުން ވެސް ފުލުހުން ބެލުންތައް ބަލާފައިވާ ކަމަށެވެ. ތަހުގީގީ އެ މަސައްކަތްތައް ކުރީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށް ކުރި މަސައްކަތެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ފުލުހުންގެ އެހޯދުންތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

" އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ގާތްގަނޑަކަށް ހައެއްކަ ނުކުތާ މިހަރަކާތުގެ ފަހަތުގައި އޮތް މަގުސަދާ ގުޅިގެން. މިހިންގޭ ހަރަކާތާ ގުޅިގެން ފުލުހުންގެ ތަހުގީގީ [މަސައްކަތްތަކުން] ނޫން ނަމަ ދާހިލީ ސަލާމަތް ދެމެހެއްޓުމަށް ޓަކައި ބަލަން ޖެހޭ ބެލުންތަކުގެ ތެރެއިން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި ކޮބައިކަން އަސްލު މިހަރަކާތް ހިންގާ މަގުސަދަކީ،" ހަމީދު ވިދާޅުވި އެވެ.
ހަަމަ އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް އެ ހަރަކާތުގެ މަގުސަދު ނުވެސް އެނގޭ ކަމަށެވެ. ކުށްކުރާ މީހުން އެހަރަކާތުގައި ބައިވެރިވެ، މީހުންގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ ހިސާބަކަށް ކަންތައް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ދާހިލީ ސަލާމަތަށއް ވަރަށް ބޮޑު ގޮންޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް
އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.










