މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ މިރޭ ދީނީ ދަރުހެއް ދިނުމަށް ނިންމައިފި އެވެ.
ޝެއިހް އަލް އީސާ މިހާރު ރާއްޖެއަށް ކުރައްވާ އެ ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ޝެއިހް އަލް އީސާ ރާއްޖެ ވަޑައިގަތީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އޭނާ ވަނީ ރައީސްގެ އިތުރުން ދައުލަތުގެ ވަޒީރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
އެ ދަރުސް ހާއްސަ ކޮށްފައި ވަނީ "އިސްލާމް ދީނަކީ މެދުމިނުގެ ދީން" މައުލޫގެ މައްޗަށެވެ. ދަރުސް ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 8:45ގަ އެވެ. ދަރުސް ބާއްވާނީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގަ އެވެ.
މިރޭގެ ދަރުސް އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލުން ވެސް ވަގުތުން ދައްކާނެ އެވެ.

މި ދަރުސް އޮންނާނެކަން އިއްޔެ އިއުލާން ކުރަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ މިއީ އޮޅުން އަރާފައިވާ ކަންކަމުގެ ސައްހަ މައުލޫމާތު، އިލުމުވެރި ބޭފުޅެއްގެ ފަރާތުން ހޯދަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން ދައުވަތު އެރުވި އެވެ.












