ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އިތުރު 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނު ކޮށްފި އެވެ.
އެއް މަހާއި އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، ފިނޭންސް މިނިސްޓްރީން 1.8 ބިލިއަން ރުފިޔާގެ ޓީބިލް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވިއްކާފައިވެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ވިއްކާ، 14 ވަނަ ދުވަހުގެ ދައުލަތަށް ފައިސާ ލިބޭ ގޮތަށް ވިއްކަން އިއުލާނުކޮށްފައި ވަނީ ހަތަރު މުއްދަތަކަށް ބެހޭ ޓީބިލް އެވެ.
- 674 މިލިއަން ރުފިޔާގެ ޓީބިލް، 3.5 ޕަސެންޓް އިންޓަރެސްޓުގައި، އަނބުރާ ދެއްކުން 28 ދުވަސް
- 188 މިލިއަން ރުފިޔާގެ ޓީބިލް، 3.87 ޕަސެންޓް އިންޓަރެސްޓުގައި، އަނބުރާ ދެއްކުން 98 ދުވަސް
- 205 މިލިއަން ރުފިޔާގެ ޓީބިލް، 4.23 ޕަސެންޓް އިންޓަރެސްޓުގައި، އަނބުރާ ދެއްކުން 182 ދުވަސް
- 466.3 މިލިއަން ރުފިޔާގެ ޓީބިލް، 4.6 ޕަސެންޓް އިންޓަރެސްޓުގައި، އަނބުރާ ދެއްކުން 364 ދުވަސް
ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އަދި ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާ އެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، އާމްދަނީގެ އިތުރަށް ބެނުންވާނެ އެވެ.
އެ ފައިސާގެ ތެރެއިން ބައެއް ހަމަޖެއްސުމަށް ނިންމާފައިވަނީ ޓީބިލް ވިއްކައިގެންނެވެ.
ކޮންވެންޝަނަލް ޓްރެޝަރީގެ އިތުރުން ސަރުކާރުން ވަނީ ދާދިފަހުން އިސްލާމިކް ޓްރެރިޝަރީއެއް ވެސް ވިއްކައިފަ އެވެ.










