ވިސްނުމަކީ މުސްތަގުބަލުގައި ގައުމީ ޓީމުގެ މެޗުތައް ވެސް އަތޮޅު ތަކަށް ގެންދިއުން: ބައްސާމް

Feb 9, 2022, 6:15 AM
އަލިފުށީގައި ބޭއްވި ޕްރެޒިޓެންޑްސް ކަޕް ފައިނަލްގެ ދަތުރުގެ ތެރެއިން ބައްސާމް، އަލިފުށީގެ ބައެއް މީހުންނާ އެކު ފޮޓޯ ނަގަނީ.-- ފޮޓޯ: އަދަދު

އަލިފުށީގައި ބޭއްވި ޕްރެޒިޓެންޑްސް ކަޕް ފައިނަލްގެ ދަތުރުގެ ތެރެއިން ބައްސާމް، އަލިފުށީގެ ބައެއް މީހުންނާ އެކު ފޮޓޯ ނަގަނީ.-- ފޮޓޯ: އަދަދު

މުޅި ރާއްޖެ އަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ހަރަކާތްތައް ފުޅާކުރަން ކުރެވޭ މަސައްކަތުގައި ކުރިއަށްދާއިރު، ވިސްނުމަކީ ގައުމީ ޓީމުގެ މެޗުތައް ވެސް އަތޮޅުތަކުގައި ކުރިއަށް ގެންދިއުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުހިންމު ބައެއް ބިނާވެފައި އޮންނަނީ ގައުމީ ޓީމުތަކުން ނެރޭ ނަތީޖާތަކަށެވެ. ބައްސާމް ވިދާޅުވީ ބޭނުމަކީ އުމުރުފުރާގެ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުތަކުން ވެސް ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅުން ކަމަށެވެ. އަދި އެކަންކަން ވީހާ ވެސް ބޮޑަށް މުޅި ރާއްޖެ ޝާމިލުވާނެ ގޮތަށް ކުރިއަށް ގެންދިއުމަކީ އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕްގެ ތަސައްވުރެކެވެ.

"އަންހެން ޓީމު ކަމަށް ވިޔަސް ފިރިހެން ޓީމު ކަމަށް ވިޔަސް ޖޫނިއާ ޓީމެއް ކަމަށް ވިޔަސް ތަންކޮޅެއް ގިނައިން އިންޓަނޭޝަނަލް މެޗުތައް ކުޅުން ބޭނުމަކީ. މިހާރު ވިސްނުމަކީ ވެސް ގިނަގިނައިން ރާއްޖޭގައި މެޗުތައް ކުޅުން،" ބައްސާމް ވިދާޅުވި އެވެ.

"ޖޫނިއާ ޓީމުގެ މެޗުތައް އަތޮޅު ތެރޭގައި ކުޅެފާނެ. ދެން ގައުމީ ޓީމުގެ އަންހެން އަދި ފިރިހެން އަދި މި ވަގުތު މާލެ އަށް ފޯކަސް ކޮށްގެން މިދަނީ. އެހެން ނަމަވެސް މުސްތަގުބަލުގައި އަތޮޅު ތެރޭގައި ވެސް އިންޓަނޭޝަނަލް ފްރެންޑްލީސްތައް ކުޅެވިގެންދާތަން ފެނިގެންދާނެ،"

ގައުމީ އަންހެން ޓީމުން މި މަހުގެ ތެރޭގައި ސީޝެލްސް އާއި ސައުދި އަރަަބިއްޔާއާ އެކު މާލޭގައި މެޗުތަކެއް ކުޅޭނެ އެވެ.

ގައުމީ ފިރިހެން ޓީމުން މި އަހަރު ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާ އެއް ގޮތަށް ގައުމީ ޓީމުތައް ހިމެނޭ ޕޮމިސް ކަޕް ކުޅެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް އަލިފުށީގައި: މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމަށް ދިރުމެއް

އެފްއޭއެމްގެ ރައީސްކަމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުން ބައްސާމް އަންނައިރު، ފުރަަތަމަ ދައުރު ތެރޭގައި ފުޓްބޯޅަ ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުމުގައި އަތޮޅު ފުޓްބޯޅަ މުބާރާތް، މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ އުސޫލުން ވަނީ ކުޅެފަ އެވެ. އަދި 2019 ވަނަ އަހަރު ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު އަތޮޅު ތެރޭގައި އެއް ލެގު ކުޅެފައިވެ އެވެ.

މީގެ އިތުރުން ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް އައްޑޫ ސިޓީގައި ހޯސްޓްކޮށްފައިވެ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން މިދިޔަ މަހު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ވަނީ ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅެފަ އެވެ.

ބައްސާމް ވިދާޅުވީ މި ހުރިހާ ކަމެއްގެ ވެސް ބޭނުމަކީ ފުޓްބޯޅަ މުޅި ރާއްޖެ އަށް ފުޅާވެގެން ދިއުން ކަމަށެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ބާއްވާއިރު، އެހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި މެޗުތައް ކުޅެގެން މުހިންމު ކަންތައްތަކެއް ދަސްކުރުމެވެ.

"އަދަދު" އިން ގެނެސްދޭ ފޯރި ޕްރޮގްރާމްގައި ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ރާއްޖެ މި އޮތް ގޮތުން (ރަށްރަށަށް ބެހިފައި މި އޮތް ގޮތުން) އަޅުގަނޑުމެންނަށް ކަންކަން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. އެެހެންވީމަ ފުރަތަމަ އައިނުން މުޅި ލީގު ފެއްޓުމުގެ ބަދަލުގައި އަޅުގަނޑުމެން ބެލީ އަޅުގަނޑުމެންނަށް ދިމާވާނެ ދަތިތަކަކީ ކޮބައިތޯ ނުވަތަ މި މަސައްކަތް ކުރަން ފަސޭހަވާނީ ކޮން ގޮތަކަށްތޯ ބަލައިލަން. އެ ބޭނުމުގައި އަޅުގަނޑުމެން އެކި މަރުހަލާތަކުގައި އެކި ގޮތްގޮތުން މި ޓެސްޓްތަކެއް ކުރެވިގެން މިދިޔައީ،" ބައްސާމް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މި ލިބުނު ތަޖުރިބާ އާއި މި ދިމާވި ކަންކަމަށް ބެލުމަށް ފަހު 2023/24 ޕްރިމިއާ ލީގު ފުޅާކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އޮތީ ނިމިފައި. -- ބައްސާމް

އަލިފުށީ ދަނޑުގައި ޕްރެޒިޑެންޓްސް ކަޕް ހޯސްޓް ކުރުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް ފޯރީގަ އެވެ. ބައްސާމް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕް ފައިނަލް ބާއްވަން އަލިފުށީގެ ޒުވާނުންނާއި ކުދި ބޮޑު އެންމެން ނުކުމެ އެ މަސައްކަތުގައި އުޅޭތަން ފެނިގެން ދިޔައިރު، އެ ސަރަހައްދު، ރ އަތޮޅާއި ޖެހިގެން އޮތް އަތޮޅުތަކުން ވެސް ސަޕޯޓަރުން ފައިނަލް މެޗު ބަލަން އަލިފުއްޓަށް ދިޔަ ކަމަށެވެ.

"މި ކަހަލަ ފޯރިގަދަ ފުޓްބޯޅައިގެ އީދެއް ފެނިގެންދިޔައީ. އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަށް ވަރަށް ބޮޑު ބާރެއް ލިބިއްޖެ. އެހެން ރަށްރަށުގައި މެޗުތައް ހޯސްޓްކުރަން އުއްމީދެއް ލިބިގެން ހިނގައްޖެ،" ބައްސާމް ވިދާޅުވި އެވެ.

"މެޗު ބޭއްވުމަކީ އިކޮނޮމިކަލީ ވެސް ރަށަށް ފައިދާތަކެއް ކުރިތަން ފެނިގެންދިޔަ. ރަށަށް ގޮސް ތަންތަނުގައި ގެސްޓް ހައުސްތަކުގައި ތިބުމާއި ހޮޓާތަކުން ނޫނީ ރެސްޓޯރެންޓް ތަކުން ކެއުމާއި މި ކަހަލަ ގިނަ ކަންތައްތަކެއް އެ ރަށު ތެރޭގައި ހިނގާދިޔަ. ހާއްސަކޮށް ކަންމަތީ ފިހާރަތަކުން ހަަމަ އެއްޗެހި ގަތުމާއި މި ކަހަލަ ގިނަ ކަންތައްތަކެއް ދިޔަ. އެހެންވީމަ އެ ރަށަށް ވެސް ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބިގެންދިޔައީ. އަދި ރަށުގެ ރައްޔިތުންނަށް ޓޮޕް ލެވަލްގެ ކުޅުންތެރިން ކުޅޭތަން ފެނުން މި ކަހަލަ ކަންތައްތައް ލިބިގެންދިޔަ،"

އަލިފުށީގައި ފައިނަލް މެޗު ހޯސްޓްކުރަން މަސައްކަތްތައް ކުރަން ޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށްވާތީ ހުރިހާ ކަމެއް ހުރީ އެންމެ ބޭނުންވާ ވަރަށް ފުރިހަމަވެފައި ނޫން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. ދަސްވި ކަންތައްތަކުގެ އަލީގައި ދެން ރަށްރަށުގައި މެޗުތައް ހޯސްޓްކުރާއިރު، ރަނގަޅުކުރަން ޖެހޭ ކަންކަމަށް ސަމާލުވާން ޖެހޭނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

"އަލިފުށީ ދަނޑުގެ ލައިޓްގެ ކޮންމެ ވެސް ވަރެއްގެ މައްސަަލަތަކެއް ދިމާވި. އެކަންކަން ވެސް ރަނގަޅުކުުރުން އެއީ ނުވާ ވަރުގެ ކަމެއް ނޫން. އެ ކަހަލަ ބައެއް ކަހަލަ ކަންކަން ރަނގަޅު ކުރަން ޖެހޭ," ބައްސާމް ވިދާޅުވި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލާއި ޕްރިމިއާ ލިގުގެ ހުޅުވާ މެޗު އަތޮޅު ތެރޭގައި ކުޅުމުގެ ވިސްނުން އެފްއޭއެމުން ގެންގުޅެ އެވެ. ރަށްރަށުގައި މެޗުތައް ހޯސްޓްކުރުމަށް ޔޫތު މިނިސްޓްރީން ދޭ އެއްބާރުލުން އެފްއޭއެމުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox