މެންޗެސްޓާ (ފެބްރުއަރީ 4) - ޖެނުއަރީ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ޖެސީ ލިންގާޑް ވިއްކާލަން އުޅުނު ކަމަށާއި އެކަން ހުއްޓުމަކަށް އައީ މޭސަން ގްރީންވުޑް، ގެވެށި އަނިޔާގެ ތުހުމަތުގައި ހައްޔަރުކުރުމުން ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ގްރީންވުޑް ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަނަށް ގެވެށި އަނިޔާކުރިކަން ސާބިތުކޮށްދޭން އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި ވޮއިސް ނޯޓަށް ފަހު އެވެ.
ގްރީންވުޑްގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާއިރު، މީގެ އެއް ދުވަސް ކުރިން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެެވެ. އެކަމަކު، ޔުނައިޓެޑުން ވަނީ ގްރީންވުޑް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ޖެނުއަރީ ޓްރާންސްފާގެ ތެރޭގައި ކްލަބް ބަދަލުކުރަން އެދުނު ސީނިއާ ހުރިހާ ކުޅުންތެރިންނަށް ކަހަލަ ގޮތަކަށް ޔުނައިޓެޑުން އެ ފުރުސަތު ދިނެވެ. އެންތަނީ މާޝިއަލް ސެވިއްޔާ އަށް ދިޔައިރު، ޑޯނީ ވެން ޑަ ބީކް ވަނީ އެވަޓަން އަށް ބަދަލުވެފަ އެވެ. އަދި އަމަދު ޑިއާލޯ ވަނީ ރޭންޖާސްއާ ގުޅިފަ އެވެ. މި ތިން ޑީލަކީ ވެސް ލޯން އެއްބަސްވުމެވެ.
މިދިޔަ މަސް ތެރޭ ރަންގްނިކާ ބައްދަލުކޮށް ލިންގާޑް ވެސް ވަނީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަށް ރަންގްނިކްގެ ރުހުން ވެސް ލިބުނެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ލިންގާޑް: ޔުނައިޓެޑް ދޫކޮށްލަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ނުލިބުނު.
ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން ލިންގާޑަށް 30 މިލިއަން ޕައުންޑް ދޭން ތައްޔާރުވެފައިވަނިކޮށް، ޓްރާންސްފާ މާކެޓް ބަންދުވާން 48 ގަޑިއިރަށް ވެފައި އޮއްވައި ފަހު ވަގުތު އެ ޑީލް ހުއްޓުނީ ގްރީންވުޑްގެ ހައްޔަރާ އެކު އެވެ. އެކަން ރަންގްނިކް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ލިންގާޑް ބަދަލުވާން ބޭނުންވާ ކްލަބެއް ހޯދައި އެކަން އެންގުމަށް އަހަރެމެން އެދުނިން. އެ ކަން ލިންގާޑް ކުރި. އެކަމަކު، މިދިޔަ ދުވަސްތަކުގައި ކްލަބްގެ ކުޅުންތެރިއެއްގެ ކަމެއް (ގްރީންވުޑްގެ ހައްޔަރު)ގެ ކަންކަން ހިނގައިދިޔަ ގޮތުން ކްލަބްގެ ބޯޑުން ނިންމީ ލިންގާޑް މަޑުކުރުވަން،" ރަންގްނިކް ބުންޏެވެ.
އެހެން ޓީމަކަށް ބަދަލުވާން ބޭނުންވެގެން ލިންގާޑް ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ އަށް ހުރީ އަސަރުކޮށްފައި ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ. އެހެންވެ، ލިންގާޑްގެ ސިކުނޑި ހަމަޖައްސާލަން ހޯމަ ދުވަހުގެ ނިޔަލަށް ޓީމުން "ބްރޭކެއް" ދީފައިވާ ކަމަށް ރަންގްނިކް ބުންޏެވެ. އެ ގޮތަށް ޗުއްޓީއެއް ދިނީ ލިންގާޑްގެ އެދުމުގެ މަތިންނެވެ.
އުމުރުން 20 އަހަރުގެ ގްރީންވުޑްގެ މައްސަލައިގައި ރަންގްނިކް ތަފްސީލްކޮށް ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ. ރަންގްނިކް ބުނީ ކޯޓުގައި ހިނގާ މައްސަލަތަކާ ބެހޭގޮތުން "ފުޓްބޯޅަ ޓީމެއްގައި ހުރެ" ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ޔުނައިޓެޑްގެ އެއްވެސް ހަރަކާތެއްގައި ބައިވެެރިނުވެވޭ ގޮތަށް ގްރީންވުޑް ސަސްޕެންޝަނެއްގައި ހުރިއިރު، ޔުނައިޓެޑްގެ މާޗެންޑައިސް ޝޮޕްތަކުން ގްރީންވުޑާ ގުޅޭ ހުރިހާ އެއްޗެއް ވަނީ ނަގައިފަ އެވެ. އަދި ޔުނައިޓެޑްގެ ރަސްމީ ފިހާރަތަކުން ގްރީންވުޑްގެ އޮފިޝަލް މެޗު ޖޯޒީ ގަނެފައިވާ ސަޕޯޓަރުންނަށް އެއްވެސް އިތުރު އަގެއް ނެގުމެއް ނެތި އެ ޖޯޒީ ބަދަލުކުރުމުގެ އިންތިޒާމު ވެސް ޔުނައިޓެޑުން ހަމަޖައްސައިދީފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ފުޓްބޯޅަ ޓީމުތަކަށް ދިން ފިނި މޫސުމުގެ ބްރޭކަށް ފަހު ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މިރޭ އެފްއޭ ކަޕްގައި ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ ދަންވަރު އެކެއް ޖަހާއިރު އެވެ.












