މާޒިޔާ އަކީ ބޮޑު ކްލަބެއް، ތަޖުރިބާގެ އަލީގައި މަސައްކަތް ކުރެވޭނެ: ޖެސިކް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޯޗު ޖެސިކް ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޯޗު ޖެސިކް ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ބޮޑު ކްލަބެއް ކަމަށާއި އެކި ބައްރުތަކުގައި އޭނާ އަށް ލިބިފައިވާ ފުޓްބޯޅައިގެ ތަޖުރިބާގެ އަލީގައި މާޒިޔާގައި ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗުކަމާ މިއަދު ހަވާލުވި ސާބިއާގެ މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި އިވެންޓެއްގައި މާޒިޔާ އިން ވަނީ މި ސީޒަނުގެ ނިޔަލަށް ޖެސިކްގެ އިތުރުން އޭނާއާ އެކު މަސައްކަތްކުރާ ޓްރެއިނަރު/ފިޓްނަސް ކޯޗު ގޯރާން ގުޒިޖާންއާ އެކު މިއަދު ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ޖެސިކް ޓްރާންސްލޭޓަރެއްގެ ގޮތުގައި ބޭނުންކުރަނީ ފިޓްނަސް ކޯޗު ގޯރާން އެވެ. ޖެސިކް ބުނީ ވާހަަކަ ދެއްކުމުގައި އޭނާ އަށް އެންމެ ފަރިތަކޮށް ބޭނުންކުރެވެނީ ސާބިއާ އާއި ތުރުކީ ފަދަ ގައުމުގެ ބަސް ކަމަށްވާތީ އިނގިރޭސިން ވާހަކަ ދެއްކުމުގައި ޓްރާންސްލޭޓަރެއްގެ އެހީ ހޯދަނީ ކަމަށެވެ.

މާޒިޔާގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޖެސިކް ދިން މެސެޖަކީ އޭނާ އެ ކްލަބްގެ ކޯޗެއްގެ ޒިންމާއާ ހަވާލުވެވުނީތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

"ކޮންމެ ވަޒީފާއެއްގައި ވެސް އަހަރެންގެ އެންމެ ފުރިހަމަ އަށް ހުންނާނީ މަސައްކަތްކޮށްފައި. ޓްރެއިނިންގައި ވިޔަސް މެޗުތަކުގައި ވިޔަސް އަހަރެން އެންމެ ރަނގަޅަށް މަސައްކަތް ކުރަން ބޭނުން،" ކޯޗިންގައި 20 އަހަރަށް ވުރެ ދިގު މުއްދަތަށް ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ ބޮޑެތި ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ޖެސިކް ބުންޏެވެ.

ކޯޗު ޖެސިކް (ކ) އާއި އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފިޓްނަސް ކޯޗު ގޯރާން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަލްގޭރިއާ، އީރާން، ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގެ މަޝްހޫރު ޓީމުތަކުގައި ކޯޗިން މަސައްކަތްކުރި ޖެސިކް ބުނީ މާޒިޔާ އަކީ "ބޮޑު ކްލަބެއް" ކަމަށާއި އޭނާގެ ވިސްނުމަކީ މިހާރު މާޒިޔާ އޮތް ލެވަލަށް ވުރެ މައްޗަށް ގެންދިއުން ކަމަށެވެ.

ސީޒަންގެ މެދުތެރެއިން މާޒިޔާއާ ހަވާލުވުމަކީ ޓީމު އެކުލަވާލުމުގައި އުނދަގުލެއް ކުރިމަތިވެދާނެ ކަމެއްތޯ އެހުމުން ޖެސިކް ބުނީ މި ފަދަ ހާލަތްތަކުގެ ތަޖުރިބާ ކޯޗިންގައި ލިބިފައިވާ ކަމަށެވެ. އެހެންވެ، އުނދަގުލެއް ކުރިމަތިވާނެ ކަމަށް ޖެސިކް ގަބޫލުކުރެ އެވެ.

"މިއީ ފުރަތަމަ ފަހަރެއް ނޫން ސީޒަނެއްގެ މެދުތެރެއިން ޓީމަކާ ހަވާލުވާ. މިސާލަކަށް ބަލަންޏާ (މިޔަންމާ ލީގުގެ) ޔަންގޮން ޔުނައިޓެޑާ (2015 ވަނަ އަހަރު) ހަވާލުވީ ވެސް މި ފަދަ ގޮތަކަށް. އެކަމަކު، ސީޒަން ނިންމާލީ ޗެމްޕިއަންކަން ހޯދައިގެން. އެހެންވީމަ، ރަނގަޅު މިސްރާބަކަށް މަސައްކަތް ކުރުން މި އޮތީ،" ޖެސިކް ބުންޏެވެ.

ތިން ބައްރުގެ ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ ޖެސިކް ބުނީ ޔޫރަޕްގައި އެހެން ހިސާބުތަކަށް ވުރެ ފުޓްބޯޅަ ތަފާތުވާ ސަބަބަކީ "ޓެކްޓިކްސް" ކަމަށެވެ. މާޒިޔާގައި ވެސް އޭނާ ބޭނުންވަނީ ޓެކްޓިކަލީ ރަނގަޅު ފުޓްބޯޅައެއް ކުޅުވަން ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

"ފުޓްބޯޅައިގެ އެންމެ ރަނގަޅު ވިސްނުމަކީ މެޗަކަށް ފަހު މެޗެއް ކުރިއަރަމުންދާ ގޮތް ބެލުމަށް ފަހު ދެން ކަންކަން ރަނގަޅު ކުރެވޭނެ ގޮތުގެ ވާހަކަ ދެއްކުން. މެޗުތަކެއް ކުޅެފައި ދެތިން ހަފްތާ ފަހުން އިތުރަށް އަހަންނަށް މި ޓީމާ (މާޒިޔާއާ) މެދު އިތުރު ވާހަކަތަކެއް ދެއްކޭނެ. މި ވަގުތަށް ފެންނަ ޓީމުގެ މަންޒަރު ރަނގަޅު،" ޖެސިކް ބުންޏެވެ.

ޖެސިކް، މާޒިޔާގެ ކޯޗުކަމަށް ހަވާލުވެ، ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ މި މަހު 16 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގެވެ. އަންނަ މެއި މަހު މާޒިޔާ އިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ. މާޒިޔާގައި ޖެސިކްގެ އެންމެ ބޮޑު ޓާގެޓަކަށްވާނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފެންވަރު ރަނގަޅު ކޯޗެއް ހަމަޖައްސައިދިނުމުން އެ ކަމަށްޓަކައި ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. ވައްކޭ ވިދާޅުވީ އާ ކޯޗެއް ގެންނަން ނިންމީ ޕްރެޒިޑެންޓްސް ކަޕްގެ ފަހު ތިން މެޗުން ބަލިވުމުން ކަމަށެވެ.

"މި ފަހަރު ބޭރު ކޯޗެއް މި ގެނައީ އަޅުގަނޑުމެންނަށް ގައުމީ މުބާރާތުގައި ފައިނަލްގަޔާއި އެއްކޮށް މާޒިޔާ ފަހުގެ ތާރީހެއްގައި ލޯކަލް މުބާރާތެއްގައި ޖައްސަޖައްސައިގެން ތިން ފަހަރު ބަލިވުމުގެ ސަބަބުން. އެ ހާލަތުގައި ކޯޗު ބަދަލުކުރަން ފެނިގެން ބޭރު ކޯޗަކަށް މި ފަހަރު މިދިޔައީ،" ވައްކޭ ވިދާޅުވި އެވެ. "އަބަދު ވެސް މާޒިޔާގެ ޓާގެޓަކީ ކޮންމެ މުބާރާތެއްގެ ތަށްޓައް. ކޮންމެ މުބާާރާތެއްގެ އެންމެ މައްޗަށް ދިއުން މާޒިޔާގެ ޓާގެޓަކީ. އަބަދުވެސް މި އަހަރު ވެސް،"

މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ ނިންމުމެއް ނިންމާއިރު އަބަދުވެސް އެންމެ ބޮޑަށް ވިސްނަނީ މާޒިޔާ އަށް ކަމަށެވެ. އަދި މާޒިޔާ އަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކާ އެކު ކުރިއަށް ދިއުން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށް ސާޖިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox