މާޒިޔާގެ ކޯޗަކަށް ޔޫރަޕާއި އޭޝިއާގެ ތަޖުރިބާ ބޮޑު ކޯޗު ޖެސިކް ހަމަޖައްސައިފި

މާޒިޔާގެ އާ ކޯޗު ޖެސިކް (ކ) އާއި ކްލަބްގެ ޗެއާމަން ސާޖިދު މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ އާ ކޯޗު ޖެސިކް (ކ) އާއި ކްލަބްގެ ޗެއާމަން ސާޖިދު މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުސްވެފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުގެ މަގާމަށް ޔޫރަޕާއި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް ހަމަޖައްސައިފި އެވެ.

މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކުރުމުންނެވެ. ޖެސިކް މާޒިޔާގެ ކޯޗަކަށް ކޮންޓްރެެކްޓްގައި ސޮއިކުރީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މާޒިޔާ އިން ވަނީ ޖެސިކްގެ އިތުރުން ސާބިއާގެ ފިޓްނަސް ކޯޗެއް ވެސް ގެނެސްފަ އެވެ. އެއީ ސާބިއާގެ އިތުރުން އެކި ގައުމުތަކުގައި ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކުގައި ވެސް ފިޓްނަސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ގޯރާން ގުޒިޖާން އެވެ. އޭނާ އާންމުކޮށް މަސައްކަތްކޮށްފައި ހުރީ ކޯޗު ޖެސިކާ އެކުގަ އެވެ.

ޖެސިކް، 63، އަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް ކޯޗުކޮށްދޭނެ ބިދޭސީ ތިން ވަނަ ކޯޗެވެ. މާޒިޔާ އަށް މީގެ ކުރިން ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޯޗުކޮށްދިނެވެ. އަދި މިދިޔަ ސީޒަނުގެ މެދުތެރެއިން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އެވެ.

މާޒިޔާއާ މިއަދު ހަވާލުވި، ޖެސިކް ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީ އިންނެވެ. އޭގެ ފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރަޑާއި ޕާޓީޒަން އަށް ކޯޗުކޮށްދީފައިވެ އެވެ. ދެން، ޓިއުނީޝިއާގެ ސީއެސް ސްފަޒިއޭންއާ ހަވާލުވެ، އެއް އަހަރު އެ ޓީމަށް އިރުޝާދުދިނެވެ. ތުރުކީގެ އަލްޓޭ އަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދީ 2002-2004 އަށް ޖެސިކް ފެނުނީ ބަލްގޭރިއާގެ ސްލޯވިއާ ސޯފިއާ އިންނެވެ. ޖެހިގެން އައި އަހަރު އީރާންގެ ޕެގާ ގިލާން އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ޖެސިކް ފެނުނީ ބަލްގޭރިއާގެ ޗެމްޕިއަން ސީއެސްކޭއޭ ސޯފިއާ އިންނެވެ.

މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލީބިޔާގެ އަލް އަހްލީގައި އެންމެ ފަހުން ހުރި، ޖެސިކް އޭގެ ކުރިން ވަނީ އެ ގައުމުގެ އަލް ތަހަދީ އާއި އަލް އިއްތިހާދުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ކޯޗިންގައި ޖެސިކްގެ ކާމިޔާބީތަކަށް ބަލާއިރު، އީރާނުގެ ސްފަޒިއޭން އަށް 2000 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ސީއެސްކޭއޭ ސޯފިއާ އަށް ބަލްގޭރިއާ ލީގާއި ކަޕް 2005 އާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން ބަލްގޭރިއާގެ ލިޓެކްސް ލޮވެކަށް ބަލްގޭރިއާ ސުޕަ ކަޕާއި ބަލްގޭރިއާ ކަޕް ކާމިޔާބު ކޮށްދިނެވެ.

ލީބިޔާގެ އަލް-އިއްތިހާދާ ހަވާލުވެހުރިއިރު، ޖެސިކް ވަނީ އެ ޓީމަށް ލީބިޔަން ޕްރިމިއާ ލީގު 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްދިނުމުގެ އިތުރުން ލީބިޔަން ކަޕް 2009 ވަނަ އަހަރު އަދި ލީބިޔަން ސުޕަ ކަޕް 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް 2015 ވަނަ އަހަރު އެ ގައުމުގެ ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ.

ކޯޗިން ކެރިއަރުގައި ޖެސިކްގެ އެންމެ ހާއްސަ އެއް މެޗަކީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ ގޮވައިގެން ނުކުމެ ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވުމެވެ. ސޯފިއާ ދަނޑުގައި ލިވަޕޫލް ފުރަތަމަ ލެގުގައި މޮޅުވެފައިވަނިކޮށް، ޖެސިކްގެ ކޯޗުކޮށްދީގެން ދެ ވަނަ ލެގުގައި ލިވަޕޫލްގެ އެންފީލްޑްގައި ސޯފިއާ ވަނީ މޮޅުވެފަ އެވެ.

މާޒިޔާ، ފުރަތަމަ ޑިވިޝަންގައި 2006 އިން ފެށިގެން ވާދަކުރަން ފެށި ފަހުން އެ ޓީމުގައި ޖުމްލަ ހަ ކޯޗުން ވަނީ އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް އެންމެ ފުރަތަމަ ކޯޗުކޮށްދިނީ އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އިންމަ ވަނީ 2014 ވަނަ އަހަރުގެ ލީގުގެ ކުރިކޮޅުގައި މާޒިޔާ އިން ވަކިވެފަ އެވެ. ދެން މާޒިޔާއާ ހަވާލުވީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ. ސުޒޭން ވަނީ 2016 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މާޒިޔާ އަށް ކޯޗުކޮށްދީފަ އެވެ.

މާޒިޔާ އިން 2017 ވަނަ އަހަރު ގެނައީ މެސެޑޯނިއާގެ ސެކުލޮސްކީ އެވެ. އެ އަހަރުގެ ފަހު ކޮޅުގައި ސެކުލޮސްކީގެ ކޮންޓްރެކްޓް ހަމަވެ، މާޒިޔާ އިން ދެ ވަނަ ފަހަރަށް އިންމަ އެ ޓީމުގެ ކޯޗަކަށް ގެނަ އެވެ. އިންމަ 2018 ވަނަ އަހަރުގެ ނިޔަލަށް މާޒިޔާ އަށް ކޯޗުކޮށްދިންއިރު، މާޒިޔާ އިން ވަނީ 2019 ވަނަ އަހަރު ސެކުލޮސްކީ އެ ޓީމުގެ ކޯޗަކަށް އަލުން ގެނެސްފަ އެވެ. އެ ސީޒަން އެއްކޮށް ސެކުލޮސްކީ އެ ޓީމަށް ކޯޗުކޮށްދިނެެވެ.

މިދިޔަ ސީޒަން ފެށިއިރު، މާޒިޔާގެ ކޯޗަކަށް ހުރީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ ސީޒަނުގެ ހަތަރު މެޗަށް ފަހު މާޒިޔާ ކޯޗުކަމުން ވަކިވުމުން، ދެން އެ ޓީމުން ގެނައީ ސާބިއާގެ ކޯޗު ވިޑަކޮވިޗް އެވެ. ވިޑަކޮވިޗް މިދިޔަ ސީޒަނުގެ ނިޔަލަށް މާޒިޔާ އަށް އިރުޝާދުދިނެވެ.

މާޒިޔާ އިން މި ސީޒަނުގައި މޯހަން ކޯޗަކަށް ހަމަޖައްސައިގެން ނުކުމެ، ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބީ އަށް ފަހު މޯހަން މަގާމުން ވަކިކޮށް، ޖެސިކް މިއަދު ކޯޗަކަށް ހަމަޖެއްސީ އެވެ.

މާޒިޔާ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެންމެ ގިނައިން ކާމިޔާބުކުރީ ލީގެވެ. ލީގު ތިން ފަހަރު ކާމިޔާބު ކުރި އެވެ. އެފްއޭ ކަޕް ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް އެއް ފަަހަރު އުފުލާލި އެވެ.

މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ކާމިޔާބީ އަކީ އިންމަގެ ކޯޗުކަމުގައި 2012 ވަނަ އަހަރު ކާމިޔާބުކުރި އެފްއޭ ކަޕް އެވެ. އޭގެ ފަހުން ސުޒޭންގެ ކޯޗުކަމުގައި 2014 އިން 2016 ގެ ނިޔަލަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ. އަދި ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް ދެ ފަހަރެއްގެ މަތިން އުފުލާލި އެވެ.

ސެކުލޮސްކީ ހަވާލުވި ފުރަތަމަ ފަަހަރު 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި އެވެ. އަދި ސެކުލޮސްކީ ވަނީ ދެ ވަނަ ފަހަަރަށް މާޒިޔާ އަށް ކޯޗުކޮށްދޭން ލިބުނު ފުރުސަތުގައި 2020 ވަނަ އަހަރު އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ރިސްޓޯ ވެސް ވަނީ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ދިފާއުކޮށްދީފަ އެވެ. މާޒިޔާ އިން މި ސީޒަން ފެށީ މޯހަންގެ ކޯޗުކަމުގައި ޗެރިޓީ ޝީލްޑް އުފުލާލައިގެންނެެވެ.

ޖެސިކް، މާޒިޔާގެ ކޯޗުކަމަށް ހަވާލުވެ، އޭނާ ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ މި މަހު 16 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގެވެ. އަންނަ މެއި މަހު މާޒިޔާ އިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ. މާޒިޔާގައި ޖެސިކްގެ އެންމެ ބޮޑު ޓާގެޓަކަށްވާނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox