ބައި-އިލެކްޝަންގައި ކޮވިޑު ކަރަންޓީނު މީހުން ވޯޓުލާން އެއް ގަޑިއިރު

Feb 2, 2022, 4:55 AM
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޝަން އޮފިލުން ވޯޓު ގުނަނީ. -ފައިލް ފޮޓޯ: އަދަދު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޝަން އޮފިލުން ވޯޓު ގުނަނީ. -ފައިލް ފޮޓޯ: އަދަދު

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑު ޖެހިފައިވާ މީހުނަށް ވޯޓުލެވޭ ގަޑި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 4:00އަށް ކަމަށެވެ.

"މިފަދަ މީހުން ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް ވަޑައިގަންނަވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ވަޑައިގެންދެއްވުން އެދެމެވެ،" އެ އިއުލާނުގައި ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ. އެއީ ކޮންމެ ރަށަކަށް ދެ ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ތިން ފޮއްޓެވެ.

ބައި އިލެކްޝަނަށް ތައްޔާރުވެފައި ވާއިރު އެ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓްގައިވާ ގޮތުން ބައި އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވެ އެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގެ ހަރަކާތްތައް ވާދަކުރާ ޕާޓީތަކުގެ ފަރާތުން އަންނަނީ ފޯރިއާއެކު ކުރިޔަށް ގެންދަމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. އެމްއާރުއެމްއިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެ އެވެ.

އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ފެށުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ކުޑަ ފަޅު ރަށް މަތިކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ފެށި ޕްރޮޖެކްޓަށެވެ.

އެއީ އިންތިހާބަށް ނުފޫޒު ފޯރުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox