އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 3-2 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޓީސީ މުބާރާތުގައި ކުޅުނު ދެ މެޗު ވެސް ދިޔައީ ފޯރިގަދަކޮށެވެ. ފުރަތަމަ މެޗުގައި ޓީސީން ވެލެންސިއާ ބަލިކުރީ 4-3 އިންނެވެ. ދެ ވަނަ މެޗުގައި މިރޭ މަހިބަދޫ އަތުން މޮޅުވެ، ޓީސީން މި ވަނީ ދެ މެޗުން ހޯދި ހަ ޕޮއިންޓާ އެކު ސެމީގެ ޖާގައެއް ޔަގީންކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ތިން ވަނައިގައި އޮތް މަހިބަދޫ އަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ. ދެ މެޗުން ވެސް ބަލިވި ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ ގޯލު ޖެހީ މަހިބަދޫ އިންނެވެ. މަހިބަދޫގެ ހަސަން ނާއިމް ވަނީ ފުރަތަމަ 14 މިނިޓް ތެރޭ ދެ ގޯލު ޖަހައި ޓީސީ ހާސްކޮށްލައިފަ އެވެ. ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނުނިމެނިސް ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ޓީސީގެ ފުރަތަމަ ގޯލު ޖެހީ ޔޫސުފް ޝާއިފް އެވެ. އޭގެ 12 މިނިޓް ފަހުން ޝާއިފް ވަނީ އިތުރު ގޯލެއް ޖަހައި ޓީސީ އަށް އެއްވަރުކޮށްދީފަ އެވެ.
ފުރަތަަ މެޗުގައި ވެލެންސިއާއާ ދެކޮޅަށް ވެސް ބަދަލެއްގެ ގޮތުގައި އަރައި ތަފާތު ދެއްކި ފަހުމާން އަބްދުލް ހަމީދު ވަނީ މިރޭގެ މެޗުގައި ވެސް ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޓީސީ އަށް މުހިންމު ގޯލެއް ޖަހައިދީފަ އެވެ. މިރޭގެ މެޗުން ޓީސީ މޮޅުކޮށްދީ އެ ޓީމު ސެމީ އަށް ގެންގޮސްދިން ގޯލު، ފަހުމާން ކާމިޔާބުކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ.
ދެން އެންމެ އަވަހަށް ޔޫތު ޗެމްޕިއަންޝިޕް މެޗެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. އަދި އެރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނީ ކްލަބް އީގަލްސްއާ އެވެ.












