އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 6-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ފަސް ޓީމު ވާދަކުރާ ގްރޫޕްގެ އެއް ވަނައިގައި އީގަލްސް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ތިން ޕޮއިންޓް ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މާޒިޔާ ކުޅޭ ވަނަ މެޗުގައި މިރޭ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. މާޒިޔާ ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވިއިރު، ސަސް ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ.
ކޮންމެ ގްރޫޕަކުން އެންމެ މަތިން ނިންމާ ދެ ޓީމެއް ސެމީ އަށް ދާއިރު، ކުޅުނު ދެ މެޗުން މޮޅުވެ އީގަލްސް އަށް އޮތީ ސެމީގެ ފުރުސަތު ހުޅުވިފަ އެވެ.
މިއަދުގެ މެޗު ފަށައިގެން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ އީގަލްސް އިންނެވެ. ފުރަތަމަ 10 މިނެޓް އަށް ބަލާއިރު، ދެ ޓީމަށް ވެސް މާ ގިނަ ހުސް ފުރުސަތުތަކެއް ނުލިބެ އެވެ. އޭރިއާ ބޭރުން އީގަލްސްގެ ކެޕްޓަން ހުމެއިދު ހުސައިން ފޮލުވާލި ދެ ހިލޭ ޖެހުންވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އޭގެ ފަހުން އީގަލްސް އަށް ލިބުނު ދެ ކޯނަރެއްގައި އެޓީމުން ނުރައްކާ ކުރި އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ހުސްކޮށް އޭރިއާ ތެރޭގައި ހުރެފައި އީގަލްސްގެ ހުސައިން މިސްބާހު ފޮނުވާލި ބޯޅަ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައިރު ދެވަނަ ކޯނަރުގައި ކެޕްޓަން ހުމައިދު ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.
ދަ ގްރާންޑޭގެ ހާފް ތެރޭގައި އީގަލްސް އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކުރިއިރު، އެޓީމުން ފުލު ފުލުގައި ދިޔައީ ހަމަލާ އުފައްދަމުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މުހައްމަދު ރިޝާން ފޮނުވާލި ހަމަލާ ގޯލްގެ ކަނަށް ދަނިކޮށް ދަ ގްރާންޑޭގެ ކީޕަރު ނައްފާޒް ސައުދު ދިފާއުކުރި އެވެ.
ދަ ގްރާންޑޭ އިން ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ފެނުނީ މެޗުގެ 25 ވަނަ މިނެޓުގަ އެވެ. ދަ ގްރާންޑޭގެ މިލްހާން އިބްރާހިމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އީގަލްސްގެ ހުމައިދު ގައިގައި ޖެހިފައި ދިޔައީ ގޯލްގެ ކަނަށެވެ. ނަމަވެސް އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ހުށިޔާރު ކަމާ އެކު އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފަ އެވެ.
މާގިނަ އިރުތަކެއް ނުވެ އީގަލްސް އިން މެޗުގެ ފުރަތަމަ ގޯލް ޖެހި އެވެ. މެޗުގެ 37 ވަނަ މިނިޓްގައި އަބްދުﷲ އިޔާދު ނެގި ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލީ މިޖްދާފް އަބްދުލް މަޖީދު އެވެ. މިޖްދާފް މި ބޯޅަ ފޮނުވާލީ އެއްފަހަރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސް އިން އިތުރު ދެ ގޯލް ޖެހި އެވެ. ދެ ވަނަ ގޯލް އީގަލްސް އިން ޖެހީ އަހުމަދު އީރާސްގެ މޮޅު ހުނަރާ އެކުގަ އެވެ. ކައިރީގައި ހުރި ޑިފެންޑަރުން ކައިރިން ނައްޓާފައި އީރާސް ނެގި ހުރަސް އިޔާދު ގޯލްގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް އޭރިއާ ތެރޭގައި ހުރެ އެވެ.
ހާފްގެ އެންމެ ފަހު މިނެޓުގައި އީގަލްސްގެ ތިން ވަނަ ގޯލް ޖަހައިދިނީ މުހައްމަދު ރިޝާން އެވެ. ދަ ގްރާންޑޭގެ ޑިފެންޑަރުންނަށް ސާފު ނުކުރެވިގެން އުޅުނު ބޯޅަ އޭރިއާ ބޭރުގައި ހުރެފައި ރިޝާން ތިރި ތިރިން ފޮވާލީ ގޯލްގެ އަރިމަތީ ކަނަށެވެ.
ދެ ވަނަ ހާފް ފަށައިގެންވެސް އީގަލްސް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނެގި ހުރަސް މިޑްފިލްޑަރު އިބްރާހިމް ޝަރީފް (އިއްބެ) ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން އީގަލްސް އިން އެޓީމްގެ ހަތަރު ވަނަ ގޯލް ޖެހި އެވެ. މެޗުގެ 49 ވަނަ މިނިޓްގައި އޭރއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ ގޯލްގެ ތިރީ ކަނަށް ވަނީ ކީޕަރު ނައްފާޒް އަތުގައި ޖެހިފަ އެވެ.
ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެވަނަ ހާފުވެސް އީގަލްސް އިން ޑޮމިނޭޓްކޮށްގެން ކުޅުނެވެ. ދަ ގްރާންޑޭ އިން ކައުންޓަ އެޓޭކުގައި ހަމަލާތައް އުފެއްދޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން އެ ޓީމުގެ ފޯވާޑް އިބްރާހިމް ނަޒީހު އަށް އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
އީގަލްސް އިން ވަނީ މެޗުގެ ފަހު 20 މިނިޓް ތެރޭ އެ ޓީމަށް ގާތް ގާތުގައި ލިބުނު ދެ ކޯނަރަކުން ދެ ގޯލް ޖަހައިފަ އެވެ. ފަސް ވަނަ ގޯލު އަބާން ނަގައިދިން ކޯނަރަކުން ޖަހައިދިނީ އިއްބެ އެވެ. ގޯލްގެ ކަނަށް ބޮލުން އިއްބެ ބޯޅަ ފޮނުވާލިއިރު ދަ ގްރާންޑޭގެ ކީޕަރު ނައްފާޒާއި ޑިފެންޑަރަށް ވެސް ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެ ގޯލު ޖެހިތާ މިނެޓެއް ފަހުން އީގަލްސް އިން އެ ޓީމުގެ ފަހު ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގައި މޮޅަށް ކުޅިނު ކެޕްޓަން ހުމައިދު އެވެ. މިފަހަރު އަބާން ނެގި ކޯނަރު ކީޕަރު ބޯ މަތިން ގޮސް ލިބުނީ ފާ ޕޯސްޓުން އެރި ހުމައިދު އަށެވެ. އޭނާ ފައިގައި ޖެހިފައި ބޯޅަ ވަނީި ގޯލުގެ ތެރެއަށެވެ.
މުބާރާތުގައި މިރޭ ގްރޫޕް އޭގެ މާޒިޔާ އާއި ސަސް ވާދަކުރާނެ އެވެ. މާދަމާ ހަވީރު ވެލެންސިއާ ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.













