ތެލާއިި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރާ ސަރުކާރުގެ ކުންފިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކުންފުނީގެ އާމްދަނީ 10 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ އޮޑިޓު ނުކުރާ ފަހު ކުއާޓާ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީއަށް 10.1 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 7.1 ބިލިއަން ރުފިޔާ ލިބުނީ ތެޔޮ ވިއްކައިގެނެވެ. އެ ނޫން މުދާ ވިއްކައިގެން ލިބުނީ 3 ބިލިއަން ރުފިޔާ އެވެ.
ތެލުން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ނިމުނު އަހަރުގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވެ، ތެލުގެ ޑިމާންޑާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމެވެ.
ފަހު ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުނީގެ ޕާފޯމަންސް އެންމެ ރަނގަޅު ކުއާޓާއަކީ ވެސް އެ ކުއާޓާ އެވެ. އެ ކުއާޓާގައި އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އަނެއް ތިން ކުއާޓާގައި އެވަރެޖް އާމްދަނީ ހުރީ 2.3 ބިލިއަން ރުފިޔާގަ އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ އުސްއަލިތައް
- އާމްދަނީ - 10.1 ބިލިއަން ރުފިޔާ
- ޖުމްލަ ފައިދާ - 1.5 ބިލިއަން ރުފިޔާ
- ހިންގުމުގެ ފައިދާ - 627.8 މިލިއަން ރުފިޔާ
- ސާފު ފައިދާ - 570.7 މިލިއަން ރުފިޔާ
- ސާފު ފައިދާ (ޓެކުހަށް ކެނޑުމަށް ފަހު) - 478.4 މިލިއަން ރުފިޔާ
އާމްދަނީ 10 ބިލިއަނަށް އެރުމުގެ އިތުރުން މިދިޔަ އަހަރުގެ ސާފު ފައިދާ ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ. ކުންފުނި ހިންގުމާއި ފައިނޭންސިން ހަރަދުތައް ކެނޑުމަށް ފަހު އެ ކުންފުންޏަށް 570.7 މިލިއަން ރުފިޔާ ލިބުނެވެ. އޭގެން ވިޔަފާރި ފައިދާ ޓެކުހަށް ކެނޑުމަށް ފަހު ފައިދާ ޖެހެނީ 478.5 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ ބޯޑުގެ މުހިންމު ނިންމުންތައް
- އެމްއެސްއެސްއަށް ބަލްކް ކެރިއަރެއް ގަންނަން އިންވެސްޓުކުރަން ނިންމުން
- އެސްޓީއޯއިން ބޭނުންކުރާ ރީޓެއިލް ސޮފްޓްވެއާ "އެލްއެސް ރީޓެއިލް"އަށް ބަދަލުކުރުން
- މިނިމަމް ވޭޖު އޮނިގަނޑުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ދޭން ފެށުން
- ކުންފުނީގެ 2022 ވަނަ އަހަރުގެ ބަޖެޓާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސްކުރުން
މާލީ ހާލަތު ރަނގަޅުވަމުން ދިޔުމާއެކު އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ އަންނަންހުރި ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ބޭންކާއި ފުށް ފެކްޓްރީ ހިމެނެ އެވެ.
މިއީ ސީދާ އެސްޓީއޯއަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރު ނަމަވެސް، 2018 އަދި 2019 ވަނަ ސަބްސިޑަރީތައް ހިމެނޭގޮތަށް އެސްޓީއޯ ގްރޫޕަށް 10 ބިލިއަނުން މަތީގެ އާމްދަނީއެއް ލިބުނެވެ.











