މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލެވުނު ކުރީގެ ރައީސް އަބްދުﷲ މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުސީދާކޮށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ކެމްޕެއިންކޮށްދެއްވުމަށް ށ. މަރޮށްޓަށް ވަޑައިގެން ގާސިމް އެކަމަށް ފާޑުވިދާޅުވީ ޔާމީންގެ އަނިޔާވެރިކަމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިހުސާންތެރިކަން އަޅައިކިޔުއްވަމުންނެވެ.
"އިހުސާންތެރި ވެރިއެއް މިއަދު ހުރީ ވެރިކަމުގައި. އިހުލާސްތެރިކަމާ އެކު ކަންތައްކުރުން މަތީ ދެމި ހުރިކަން ތިބޭފުޅުން ވެސް، އަޅުގަނޑުމެން ވެސް، އެންމެން ވެސް ގަބޫލުކުރޭ. މުޅި ދުނިޔެ ގަބޫލުކުރޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެހެން ނޫން ނަމަ އިހަށް ދުވަހު ވެރިކަން ކުރެއްވި ޔާމީނަށް މިއަދު މަގުމަތީގައި ހުންނެވުނީސްތޯ އައްސަވައިފަ އެވެ. ގާސިމް ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި، އެކަމަނިކުފާނާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުން ކޯޓަށް ފުލުހުންނާއި ސިފައިން ވަދެ ކުރި ކަންތައް އެންމެންނަށް ފެނުނު ކަމަށެވެ.
"މިއަދު (ރައީސް ސޯލިހު) އެހެން ކަންތައްކުރެއްވިތޯ؟ ކީއްވެތޯ ނުކުރައްވާ އެހެން ހުންނަވަނީ؟ ވައި ނޮޓް؟ ބިކޯޒް އެބޭފުޅާގެ ހިތުގައި އެބައޮތް އިހުލާސްތެރިކަމަކާއި ލޯތްބެއް ރައްޔިތުންގެ މައްޗަށް، އިންސާފުވެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.

"އަދި އެ ހުކުމުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ވިޔަސް ނުބައިކޮށް ކަމަށް ވިޔަސް ވަޓް އެވާ އިޓް އިސް. މިއީ ރަނގަޅު ވާހަކައެއްތޯ؟ ފަނޑިޔާރުން ފާހަގަކުރައްވަމުން އައި ނުކުތާތަކުގެ ތެރޭގައި މިކަން ގޯސް، އެކަން ގޯސް، އެކަން ގޯސް. މިހެން ގޮސް ތިން ހަތަރު ފަސް ހަ ކަންތައް ގޯސް. (އެކަމަކު) ހުކުމް އައީ (ކިހިނެއްތޯ)؟ އަޅުގަނޑަކަށް ނޭނގޭ ދަންނާވަކަށް އެހެންވީމާ. ދަންނަވަން އޮތް އެތި ނުދަންނަވާ މަޑުކޮށްލާނީ އިހަށް އިނގޭތޯ. ތޮށް ދަށުންނޭ ބުނެ އުޅޭ ބައެއް ކަހަލަ ކަންތައްތައް ދެއްތޯ؟ އެހެން ކިޔާކަށް ނޫން މިއުޅެނީކީ."
ގާސިމް އެ ވިދާޅުވީ ބެލެވޭ ގޮތުގައި ޔާމީން މިނިވަންވީ "ތޮއްޑު ދަށުން ގޮސްގެން" ކަމަށެވެ. "ތޮއްޑު ދަށުން" ދިއުމަކީ އިހުގައި މަސް ހިފަން ފޮތިގަނޑެއް ބޭނުންކޮށްގެން ބައްދާއިރު އެއްކޮޅުގައި ރަނގަޅަށް ހިފަހައްޓާނުލެވިގެން އެއް އަރިމަތިން މަސް ދޫވެގެން ދާ ދިއުމެވެ.
ގާސިމް ވަނީ ކޯޓުން ކަންތައްތަކެއް ފާހަގަކުރި ކަމަށް ވިދާޅުވެ އެކަންތައްތައް ލާންވީ ކޮން ހިސާބަކަށްތޯ ސުވާލު އުފައްދަވައިފަ އެވެ. އެއީ ބެލެވޭ ގޮތުގައި ޔާމީން ރައީސަކަށް ހުންނަވައިގެން އަމަލުކޮށްގެން ނުވާނެ ފަދަ ގޮތަކަށް ފައިސާގެ ކަންކަމުގައި އަމަލުކުރެއްވި ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި ކުރުމެވެ.
ގާސިމް ވިދާޅުވީ އެ ހުރިހާ ކަމެއް އެހެން ހުރި ނަމަވެސް ސަރުކާރުގެ ސެކިއުރިޓީއާ އެކު ޔާމީން އުޅުއްވާ ކަމަށާއި އެކަމަކު ޔާމީނުގެ ވެރިކަމުގައި ކަންވީ އެހެން ނޫން ކަމަށެވެ. ވިދާޅުވީ ޔާމީނާ ކޯލިޝަން ހަދައިގެން ރައްޔިތުން ގާތު ސަލާން ޖަހައި އާދޭސްކޮށްގެން ވެރިކަން ހޯދައިދިނީމާ ހައްގުކަމަކާ ނުލާ ލީ ޖަލަށް ކަމަށެވެ.
"އައިޖީއެމްއެޗް ހޮސްޕިޓަލުގައި އިންޓެސިވް ކެއާގައި ޑޮކްޓަރު ކައިރީގައި ހުއްޓާ ރޭގަނޑު މެންދަމު އެއް ގަޑި ބައިވީއިރު ގައިރު ހާޒިރުގައި ހުކުމްކޮށްލާ ނިންމާލީ. ތިން އަހަރު ދުވަހަށް ޖަލަށްލާން. ކޮން ކަމަކާތޯ؟ ކޯއްޗެއް އަޅުގަނޑު ބުނެގެންތޯ؟،" ގާސިމް ވިދާޅުވި އެވެ.











