ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ މުހައްމަދު އައްޒާމް އާއި އަޔާޒް އަހުމަދު (އަޔާ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ފުޓްބޯޅަ އިން ރިޓަޔާކުރިކަން އިއުލާނުކުރި އައްޒާމް އަލުން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ނުކުންނަން ނިންމީ ސަޕޯޓަރުން އެދޭތީ ކަމަށް ވަނީ "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. ދަ ގްރާންޑޭގެ ކޮންޓްރެކްޓްގައި ހުރި އަޔާ، ސަސް އަށް ދޫކޮށްލީ ޓްރާންސްފާ ފީއެއް ނެގުމަށް ފަހު އެވެ.
އިސްމާއިލް މަަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި ކުޅޭ ސަސް އިން އައްޒާމް މި ހޯދީ އެ ޓީމަށް ކުޅެމުން އައި މުހައްމަދު ރަޝީދު (ހޮކޭ) ރިޓަޔާކުރި ފަހުންނެވެ. ހޮކޭ ވަނީ މި ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގެ ދެ މެޗެއް ސަސް އަށް ކުޅެދިނުމަށް ފަހު، އޭނާގެ ދިރިއުޅުމުގެ ކަންކަމަށް ބަލާފައި ރިޓަޔާކޮށްފަ އެވެ. ހޮކޭ، ސަސްގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ.
ރޭ 12 ޖެހުމުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ބަންދުވިއިރު، ސަސް އިން ވަނީ އިތުރު ކުޅުންތެރިންތަކެއް ވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު އދ. މަހިބަދޫގެ ނަސޫހު ރަޝީދު (ޕިލާ) ވަނީ ސަސްއާ ގުޅިފަ އެވެ.
ޕިލާ ވަނީ ދާދި ފަހުން މާޒިޔާގެ ޕްރެކްޓިހަށް ވެސް ނުކުމެފަ އެވެ. އެކަމަކު އެ ޓީމާ އެކު ކޮންޓްރެކްޓެއް ނުހަދަ އެވެ. މާޒިޔާގެ ޑިފެންޑަރު، ހަސަން ނައްވާޝް ވެސް ވަނީ ސަސް އަށް ބަދަލުވެފަ އެވެ.
ނ. ކެނދިކުޅުދޫ އަށް އުފަން އައްޒާމް، 31، ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަަމަ ޑިވިޝަނުގައި ކުޅެން ފަށައި، ބޮޑަށް ވިދާލީ ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނު ފަހުންނެވެ. ޓީސީގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ ޓީސީއާ އެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު ޓީސީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރިއިރު، ވެސް ޓީމުގައި ހިމެނުނެވެ.
އައްޒާމް، ރަސްމީ މެޗެއްގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ވެސް ގައުމީ ސްކޮޑުގައި އެކި ފަހަރު މަތިން ހިމެނުނު ނަމަވެސް ގިނަ ފަހަރު އަނިޔާގެ ސަބަބުން ކުޅުމުގެ ފުރުސަތު ނުލިބި ދިޔައީ އެވެ.
ފުޓްސަލް މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔާ މިދިޔަ ސީޒަނުގައި ވަނީ ދަ ގްރާންޑޭގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި ދަ ގްރާންޑޭގައި އަޔާ އަށް ކޯޗުކޮށްދިން އިންމަ މި ވަގުތު ހުރީ ސަސްއާ ހަވާލުވެ އެވެ.
ދަ ގްރާންޑޭ މެނޭޖްމަންޓުން އަޔާ ސަސް އަށް ދޫކޮށްލަން ނިންމީ ޓްރާންސްފާ ފީއެއް ނެގުމަށް ފަހު އެވެ. އެއީ ކްލަބްގެ ކޮންޓްރެކްޓްގައި ހުރެފައި ޓީމު ދޫކޮށް ރަނގަޅު ކުޅުންތެރިއަކު ދާއިރު، އޭގެ ބަދަލުގައި ފީއެއް ހޯދައި ޓީމަށް އިންވެސްޓްކުރަން ބަޖެޓް ވެސް ހޯދުމުގެ ބޭނުމުގަ އެވެ.
އަޔާ ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން މި ވަގުތު ފޯކަސް ކުރަނީ މިއަދު ފަށާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށެެވެ. ކްލަބްތަކުގެ ސީނިއާ ޓީމަށް ދެން އޮތް މުބާރާތަކީ އަންނަ މަހު ހަ ވަނަ ދުވަހު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގެވެ.












