ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް އެޅުމުގެ ބަދަލުގައި ހުޅުމާލޭ ދެ ވަނަ ފޭހުގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ހުޅުމާލޭގެ މިސްކިތް ބިނާ ކުރާނީ ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތް އެޅުމަށް ހަވާލު ކުރި އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. އެސްޖޭއަށް އެ ޕްރޮޖެކްޓު ހަވާލު ކުރީ 35 މިލިއަން ރުފިޔާ އަށެވެ. އެއީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތް ކުރުމަށް އެއްބަސްވި 30 މިލިއަނަށްވުރެ ފަސް މިލިއަން ބޮޑު އަގެކެވެ.
މިއަދު ބޭއްވި ހަފްލާއެއްގައި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

މިއަދު އޮތް ހަފްލާއެއްގައި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު: ހުޅުމާލެ ދެ ވަނަ ފޭހުގައި ހުރީ އެންމެ މިސްކިތެއް -- ފޮޓޯ
ހުޅުމާލޭ ދެ ވަނަ ފޭހުގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ބައެއް އާންމު ހިދުމަތްތައް އަދިވެސް އެ ސަރަހައްދުން ނުލިބެ އެވެ. އެގޮތުން ކުނި އުކުމަށް އެކަށީގެންވާ އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. ނަމާދުކުރަން ހުރީ އެންމެ މިސްކިތެކެވެ.

އަދި އެ ހިސާބުގެ މަގުތައް ވެސް އޮތީ ނުހަދަ އެވެ. ސައި ބޯނެ ހޮޓާތަކާއި އާންމު ވިޔަފާރި ކުރާނެ ތަންތަން ވެސް ރަސްމީކޮށް ހުޅުވާފައެއް ނެތެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.
އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.












