މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމައި މިއަދު އެޖެންޑާ އާންމުކޮށްފި އެވެ.
މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައި ވާ ގޮތުން މި ޖަލްސާ ފަށާނީ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ 09:00 ގަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ފަށާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެގޮތުން، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މި ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ވެސް ހަމައެކަނި ރައީސް ރިޔާސީ ބަޔާން އިއްވެވުމެވެ.
މަޖިލީހުގެ މަސައްކަތްތައް އަހަރެއްގެ މައްޗަށް ތިން ދައުރަކަށް ބެހިގެންދެ އެވެ. މިދިޔަ އަހަރު މަޖިލިސްގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފައި ވަނީ ނޮވެމްބަރު 29، ގަ އެވެ.
މި އަހަރުގެ ފުރަތަމަ ޖަލްސާ މަޖިލީހުން ބާއްވާއިރު ކޮމަންޑޫ ދާއިރާގެ ގޮނޑި ވަނީ ހުސްވެފަ އެވެ. އެއީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި މިދިޔަ ޑިސެމްބަރު 14، ގައި އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ މަޖިލިސްގެ ފުރަތަމަ ޖަލްސާ ބާއްވާތާ އެއް ދުވަސް ފަހުން ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރާއިރު ކެމްޕޭންގެ ފޯރި ވެސް ވަނީ ގަދަވެފަ އެވެ.













