ފުޓްބޯޅަ ކުޅުންތެރިޔާ އިންނަ، ރަށު ކައުންސިލް ރައީސަކަށް ހުރެ ހާއްސަ ޝަރަފެއް

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޔޫތު މިނިސްޓަރު މަހުލޫފް (ވ) އަދި އަލިފުށީ ކައުންސިލްގެ ރައީސް އިންނަ.-- ފޮޓޯ: އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ޔޫތު މިނިސްޓަރު މަހުލޫފް (ވ) އަދި އަލިފުށީ ކައުންސިލްގެ ރައީސް އިންނަ.-- ފޮޓޯ: އަދަދު

އިމިގްރޭޝަންގައި ވަޒީފާ އަދާކުރަމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އާދަމް އިމްރާން (އިންނަ)، 2020 ވަަނަ އަހަރު ކުރީކޮޅުގައި އުނދަގޫ ނިންމުމެއް ނިންމަން ޖެހުނީ އޭރުގެ ދިިރިއުޅުމުގެ ހާލަތަށް ބަލައިފަ އެވެ. ވަޒީފާ ދޫކޮށް އަންހެނުންނާއި ދަރި ވެސް މާލޭގައި އެ ވަގުތު ބަހައްޓާފައި ބައްޕަ ބަލިވުމުން އިންނަ ރަށަށް ބަދަލުވީ، އޭރު އޭނާ ފުރަތަަމަ ޑިވިޝަނުގައި ކުޅެމުން އައި ކްލަބް ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓަށް ވެސް އަންގައިފަ އެވެ.

"ރަށަށް ބަދަލުވާން ވެގެން ކްލަބްގައި ހުރެފައި ބުނެގެން އައީ. އޭރު ރަށަށް ބަދަލުވީ ބައްޕަ ބަލިވެގެން. އަންހެނުންނާއި ދަރި ވެސް އެކޮޅުގައި ބަހައްޓާފައި ނެގި ޑިޒިޝަނެއް އެއީ. ޖޮބް ދޫކޮށްލާފައި އައީ. 2020 ފެބްރުއަރީގައި މި ކޮޅަށް އައީ. އައިއިރު ވެސް ޕްލޭނެއް އޮތް ރަށުގައި ހުރެ ހިދުމަތެއް ކުރަން،" އަލިފުށީ ކައުންސިލްގެ ރައީސަކަށް ހުންނެވި އިންނަ، 32، ފުރަތަމަ ޑިވިޝަނުގެ ކެރިއަރު ހުއްޓާލި ގޮތާ ބެހޭގޮތުން "އަދަދު" އަށް ވިދާޅުވި އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 2008 ހިސާބުގައި ކުޅެން ފެށި އިންނަ އޭގެ ފަހުން ވަނީ ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ލ. ކަޅައިދޫ، ށ، މިލަންދޫ އަދި ކްލަބް ގްރީން ސްޓްރީޓްސް ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. ފުރަތަމަ ޑިވިޝަން ކުޅުން ހުއްޓާލުމާ ހަމައަށް އިންނަ ފެނުނީ ކޮންމެ ޓީމެއްގައި ވެސް ފުރަަތަމަ އެގާރައިން ގިނައިން ފެންނަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

2017 ވަަނަ އަހަރު މިލަންދޫ ޓީމަށް ފުރަަތަމަ ޑިވިޝަނުގައި ކުޅުނު މެޗެއްގެ ތެރެއިން އިންނަ ބޯޅަ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރަށަށް ބަދަލުވާން ޖެހުމުން ދެން އިންނަގެ ފޯކަސް ހުއްޓުނީ އުފަން ރަށަށް ހިދުމަތް ކޮށްދިނުމަށެެެވެ. އެ ގޮތުން ސިޔާސީ މައިދާނަށް ނުކުމެ މަސައްކަތް ފެށީ އެވެ.

"އެމްޑީޕީން ލީ އަޅުގަނޑު އެކަނި. އިލެކްޝަންގައި ވާދަވެރި އިންތިހާބަކަށް ފަހު އަނެއް ހެން ހޮވުނީ،" ތިން އަހަރު ތެރޭ ދިރިއުޅުމަށް އައި ބަދަލުގައި ބޮޑު ޒިންމާއަކާ ހަވާލުވެ ހުރި އިންނަ ވިދާޅުވި އެވެ.

އިންނަ، ރަށުގެ އިސް ޒިންމާއަކާ ހަވާލުވެ ހުއްޓައި، ރާއްޖޭގެ ފުޓްބޯޅައިގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތުގެ ފައިނަލް ހޯސްޓްކުރުމުގެ ފުރުސަތު މި ވަނީ ލިބިފަ އެވެ. އިންނަ ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން ވެސް ޓޮޕް ޑިވިޝަނުގައި ފުޓްބޯޅަ ކުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން ވެސް އެނގޭ ކަމަކީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަކީ ވަރަށް ބޮޑު މެޗެއް ކަމަށެވެ.

"ރަށަށް މި ވަރުގެ ބޮޑު މެޗެއް އަންނާތީވެ އަޅުގަނޑަށް އިހުސާސް ކޮށްލަން ވެސް ނޭނގޭ އުފަލެއް ވަނީ. އެނގޭ މިއީ ވަރަށް ބޮޑު އެއްޗެއްކަން ހަގީގަތުގައި ކުޅުންތެރިއަކަށް ވެސް. ތަންކޮޅެއް ފަހުން ފީލް މިވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓައް ކުޅޭ މުބާރާތުގައި އަލިފުއްޓަށް މި ގެންނަނީ ފަހުން މޮޑިފައި ކޮށްގެން ދޭ ތަށްޓެއް ކަން. އެހެންވެ، މިތަނުގައި މި ދެނީ އެ ގޮތަށް އާ ތަށްޓެއް ކަން އެބަ އެނގޭ. އެއީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދަނީ،" އިންނަ ވިދާޅުވި އެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް ހޯސްޓްކުރުން، އަލިފުށީ ފުޓްބޯޅަ ލެވަލް މައްޗަށް ގެންދަން މުހިންމު

އަލިފުށީގައި ބާއްވާ ރަށު ފެންވަރުގެ ފުޓްބޯޅަ މުބާރާތަކީ ޒަމާނުއްސުރެ ފޯރިގަދަ މުބާރާތެކެވެ. ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުރެ ގިނައިން ރާއްޖޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ކުޅެން ގެންނަ އަދަދު ގިނަ ފަހަރުތަކެއް ވެސް ވަނީ އައިސްފަ އެވެ. ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ އެކި ޒަމާނުގައި އަލިފުށީ ދަނޑުގައި ކުޅެފަ އެވެ.

ދާދި ފަހުން އަލިފުށީގެ ރަށު ފެންވަރު މުބާރާތް ވަނީ ކުޅެފަ އެވެ.

އިންނަ ވިދާޅުވި ގޮތުގައި އަލިފުއްޓަކީ އަންހެން ވެސް ފިރިހެން ވެސް ފުޓްބޯޅަ ފޯރިގަދަ ރަށެކެވެ. މި ވަގުތު އޮތް ހާލަތަކީ ދާދި ފަހުން ނިމުނު އަލިފުށީ ފުޓްބޯޅަ މުބާރާތަށް ފަހު ގިނަ ބަޔަކު އެނބުރި މާލެ ދިޔަ ދުވަސްވަރަށް ވުން ކަމަށް އިންނަ ފާހަގަކުރެއްވި އެވެ.

"އަސްލު އެ މުބާރާތަށް ގިނަ ބަޔަކު ޗުއްޓީ ނަގައިގެން ރަށަށް ޖަމާވާ ދުވަސްވަރަކަށް ވެފައި މުބާރާތް ނިމޭތަނުން ފުރައިގެންދާނެތާ. އެހެންވެ، މީހުން މަދުކޮށް ރަށުގެ ނިސްބަތުން މި ވަގުތު މި އޮތީ. އެކަަމަކު، ރަށުގައި ތިބި މީހުން މިތިބީ ދަނޑަށް ވަދެ މެޗު ބަލަން ބޭނުންވެފައި،" މިއަދު ހަވީރު ހަތަރެެއް ޖަހާއިރު، އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ އާއި ވެލެންސިއާ ވާދަކުރާ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބަލަން ގިނަ ބަޔަކު ދާނެކަމަށް އިޝާރާތްކޮށް އިންނަ ވިދާޅުވި އެވެ.

ޕްރެޒިޑެންޓްސް ކަޕް ތަށި ހިފައިގެން މިނިސްޓަރު މަހުލޫފް ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓްގެ ތެރެއިން އިންނަ މުބާރާތުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު

"މި މެޗު އަލިފުށީގައި ކުޅުމަކީ ވަރަށް ހާއްސަ ޝަރަފެއް"

ސަރުކާރުން އަލިފުށީގައި ޓާފް ދަނޑެއް އަޅައިދީ ނިންމާފައި، ދަނޑު ހުޅުވީ ކޮވިޑް-19ގެ ތެރޭގަ އެވެ. އެކަމަށްޓަކައި އިންނަ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އިންނަ ވަނީ ރަށުގެ ލޭ ހިނގާ ފަރުދެއްގެ ހައިސިއްޔަތުންނާއި މެމްބަރެއްގެ ގޮތުގައި ހުރެ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ކޮށްދެއްވާ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.

އިންނަ ވިދާޅުވީ ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، އަލިފުށީގައި ކުޅިވަރު ފޯރި ކުރިއަރުވަން ބޭނުންވަނީ ޒުވާނުންގެ ހައްގުގައި ކަންތައްތަކެއް ކޮށްދޭން ބޭނުންވާތީ ކަމަށެވެ.

"ޒުވާނުން ގާތުގައި އަބަދުވެސް މި ކިޔަނީ އަޅުގަނޑުމެން ކުޅުން ހުއްޓާލާނަމޭ ތި ކުދިން އަޅުގަނޑުމެން ބީޓްކުރާ ލެވަލަށް އައިސްފިއްޔާ. އެއީއޭ ބޭނުންވާ އެއްޗަކީ. މިހާރު ބޭނުންވަނީ ކުދިންތަކެއް ބިލްޑްކުރަން މީގެ ތެރެއިން. އެ ފޯރި ގެނެސް ކުދިންތަކަށް މި ތަނުގައި ބައިވަރު އެއްޗެހި ދެއްކުން،" އިންނަ ވިދާޅުވި އެވެ. "ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ދަނޑު ހަލާކުވެފައި އޮންނަތަން. އަޅުގަނޑުމެންނަށް ވުރެ ފަހުން ހަމަ ޖެނެރޭޝަނެއް އެ ދިޔައީ. ފުޓްބޯޅައާ ވަރަށް ދުރުގައި. ވަރަށް ބޮޑަށް ދަށުގައި އެ އިން އަރައިގަންނަން މި ދަނޑުގެ ބޭނުން ހިފޭނެ,"

ރ. އަލިފުށީ މަތިން ނަގާފައިވާ ފޮޓޯއެއް: އަލިފުއްޓަކީ މާލެ ފިޔަވައި، ހދ. ކުޅުދުއްފުއްޓާއި އައްޑޫގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގެ މެޗެއް ހޯސްޓްކުރާ ހަަމައެކަނި ރަށް.-- ފޮޓޯ: އަދަދު

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު، ދެން ކުރަން ޖެހޭނެ ކަމަކީ އަތޮޅު ފުޓްބޯޅައިގެ ބައިވެރިވުން މީގެ އަށް ވެއްދޭނެ އެންމެ ފުޅާމިނެއްގައި އެކަން ކުރުމެވެ. އެ ފަދަ ވިސްނުމެއްގައި 2023/2024 ގެ ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރަން ނިންމާފައިވާއިރު، އިންނަ ވިދާޅުވީ އެ ތަސައްވުރުގެ މަސައްކަތް އަމަލީ ސިފައަކަށް ގެންނަން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

"ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން އަތޮޅު ފުޓްބޯޅަ ކުރިއެރުވުމުގެ ރޫހު ދައްކުވައިދީ މަސައްކަތްތަކެއް ކުރާތީ އެކަމަށްޓަކައި ވަރަށް އުފާކުރަން،" އިންނަ ވިދާޅުވި އެވެ. "އާ އޮނިގަނޑުގެ ދަށުން އެ ކުޅެން އުޅޭ ފުޓްބޯޅަ ލީގަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު އެންމެ ރަނގަޅު ފޯމެޓް. އާ ޕްލޭޔަރުން ފެންނާނެ ގޮތެއް މި ހުޅުވެނީ،" އިންނަ ވިދާޅުވި އެވެ.

ރ. އަތޮޅުގައި މި ވަގުތަށް ބަލާއިރު، އެންމެ ރަނގަޅު ދަނޑު އޮތީ އަލިފުށީގަ އެވެ. އަލިފުށީގެ އިތުރުން މި އަތޮޅު ދުވާފަރުގައި ވެސް ޓާފް ދަނޑެއް ހުޅުވާފައިވާއިރު، މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުޅޭ ލީގުގެ ގިނަ މެޗުތަކެއް އަލިފުށީގައި ހޯސްޓްކުރުމުގެ އުއްމީދު ބޮޑު ކަމަށް އިންނަ ވިދާޅުވި އެވެ. މެޗެއް ނޫނީ މެޗުތަކެއް ހޯސްޓްކުރުމަކީ ރަށަށް އިގްތިސޯދީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާ ކަމެއް ކަމަށް އިންނަ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox