ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 4-1 އިން ބަލިވެ، ކްލަބް ގްރީން ސްޓްރީޓްސް އަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ގްރީން ސްޓްރީޓްސް މި މެޗުން ބަލިވުމުން މިރޭ ނުވައެއް ޖަހާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ވެލެންސިއާ އަށް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވެފަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުުރުގެ ތާވަލުގެ އެއް ވަނައިގައި މި ވަގުތު ވެލެންސިއާ އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ ލަނޑުގެ ތަފާތުން ކުރީގައި އޮތްއިރު، އެ ޓީމުގެ ފައިދާ ގޯލުގެ ގޮތުގައި 11 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސްގެ އޮތީ ފައިދާ ނުވަ ގޯލެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސް ކުޅުންތެރިން ބެންޗު ކައިރީގައި އިށީދެގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގްރީން ސްޓްރީޓްސް އަށް ފައިނަލުގެ ޖާގަ ލިބެން އޮތީ މިރޭ ވެލެންސިއާ އިން ދެ ގޯލުގެ ތަފާތުން މާޒިޔާ ބަލިކޮށްފިނަަމަ އެވެ. މިހާރު އޮތްގޮތުން މިރޭ އެއްވަރު ކޮށްލައިގެން ވެސް މާޒިޔާ އަށް ފައިނަލުގެ ދެ ވަނަ ޖާގަ ހޯދޭނެ އެވެ. މާޒިޔާ އިން 2015 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން އަދި ފައިނަލުގައި ނުކުޅެ އެވެ.
އީގަލްސް އިން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ވަނީ ކުރިން މެޗުތަކުގައި ނުފެންނަ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ. އެ ގޮތުން އެ ޓީމުގެ ކުރީގެ ދެ ކެޕްޓަން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި އިމްރާން ނަޝީދު (އިންމަ) ވަނީ އަލުން ޓީމުގައި ހިމެނިފަ އެވެ. ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ނަޒީމް ގާސިމް (ޗޯޓު) މި މެޗަށް ދެ ކާޑު ހަމަވެގެން ސަސްޕެންޑްވެފައިވުމެވެ.
މެޗު ފަށައިގެން 20 ސިކުންތު ތެރޭގައި އީގަލްސްގެ އިންމަ އަށް ލިބުނު ހުސް ފުރުސަތެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އީގަލްސް އިން މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު، މެޗުގައި ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 18. ވަނަ މިނިޓްގައި އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިިއިރު، ކީޕަރު ސާގިބް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ޔާނު (ވ) އަތުން އީގަލްސްގެ މައިސާން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ ސިޑިބަރިއެމްވީ
އީގަލްސް އިން ލީޑުނެގުމާ އެކު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން އެޓޭކް ކުރެވޭތޯ ރަނގަޅަށް ކުޅެން ފެށި އެވެ. ގްރީން ސްޓްރީޓްސް ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ހިލޭ ޖެހުމަކުން ޖެހި ބޯޅަ އަރިމަތިން ބޭރުންދިޔައިރު، އީގަލްސް އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ގްރީން ސްޓްރީޓްސް ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، އީގަލްސް އަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން އަރައިހުރި އަހުމަދު ހަސަން (އައްމަޑޭ) އަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން ހަންނަ އަށް ލިބުނު ބޯޅައެއްގައި އޭނާ ޖެހި ޝޮޓް އަމާޒުވީ ކީޕަރު ސާގިބް އަތަށެވެ.
ލަނޑު ޖަހަން ގްރީން ސްޓްރީޓްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ. އަބްދުﷲ ޔާމީން (ޔާން) ނެގި ހުރަހެއް، އީގަލްސްގެ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އަންސަރު އިބްރާހިމް (އަންކޮ) ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން ތޮއްޕޭ ރަނގަޅު އެޓޭކެއް ކުރި އެވެ. އީގަލްސްގެ އަހުމަދު ވިޖުދާން (ވިޖޫ) ކައިރިން ނައްޓާފައި ތޮއްޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކުރިމަތިން ހުރަސްވެގެންނެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ގްރީން ސްޓްރީޓްސްގެ މުނޯޒް އޭރިއާތެރެއިން ފޮނުވާލި ބާރު ބޯޅަ އީގަލްސްގެ ކީޕަރު، ލެބަނަންގެ މުހައްމަދު ތޯހާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި މޫސާ ހަސަން (މޫޗީ) ވަނީ ކުޅެން އަރުވައިފަ އެވެ.

އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެން.: އެންމެ ފަހުން އީގަލްސް ކުޅުނު ހަތަރު މެޗުގައި ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަންނަ.-- ފޮޓޯ: އެފްއޭއެމް
އަނިޔާވެގެން ސާއިފް ފޭބުމާ އެކު ގްރީން ސްޓްރީޓްސްގެ ފަހަތުން ޖާގަތައް ލިބެން ފަށައި، އީގަލްސް އިން ރަނގަޅު އެޓޭކްތަކެއް ކުރަން ފެށި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ހަންނަ ދިން ބޯޅަ އަކުން ރިޒޭ އޭރިއާތެރެއިން ހުސްކޮށް އަރައި ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސާގިބް އަތަށެވެ.
އީގަލްސް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. ހަންނަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގްރީން ސްޓްރީޓްސްގެ ހުސެއިން އަބްދުﷲ ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ކަނަށެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 66 ވަނަ މިނިޓްގައި އީގަލްސްގެ ރިޒޭ ގޯލު ކުރިމަތިން ހަންނަ އަށް ޖައްސާލި ބޯޅަ ގޯލުގެ ތެެރެއަށް ފޮނުވާލައި ހަންނަ އީގަލްސްގެ ލީޑުފުޅާކޮށްދިނެވެ.
މެޗުގެ 79 ވަނަ މިނިޓްގައި އީގަލްސް އިން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. އައްމަޑޭ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ރިޒޭ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައިސް ރިޒޭ މި ސީޒަނުގައި ޖެހި ތިން ވަަނަ ގޯލެވެ.
ގްރީން ސްޓްރީޓްސް އިން ފަހު ވަގުތު ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި މުނޯޒް ޖެހި ބޯޅައެއް ކީޕަރު ތޯހާ އަތުގައި ޖެހިފައި ހުރަސްދަނޑީގައި ވެސް ޖެހިފައި ބޭރުވިއިރު، ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ހިލޭ ޖެހުން ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދަށް ފޯމެއްގައި ފަށަން ޖެހުނު ނަމަވެސް އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ނިންމާލީ ރަނގަޅު ޓްރެކުގަ އެވެ. ފުރަތަމަ ތިން މެޗުން ޓީސީ އާއި މާޒިޔާ އަދި ސަސް އަތުން އީގަލްސް ބަލިވި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުކުރި އެވެ.
އީގަލްސް މޮޅުވީ ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މިއަދު ގްރީން ސްޓްރީޓްސް އަތުންނެވެ. އެއްވަރުވީ ވެލެންސިއާއާ އެވެ. ބަލިނުވެ، ހަތަރު މެޗު ހަމަކޮށްގެން އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ނިންމާލީ ފަސް ވަނައިގަ އެވެ. އެއީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.











