ކޯޗު ރަންގްނިކާއި ޔުނައިޓެޑްގެ ކުޅުންތެރިންގެ ކޯޅުން ބޮޑުވަނީ!

Jan 21, 2022, 3:55 AM
ކޯޗު ރަންގްނިކާއި ޔުނައިޓެޑްގެ ކުޅުންތެރިންގެ ކޯޅުން ބޮޑުވަނީ!

މެންޗެސްޓާ (ޖެނުއަރީ 21) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކާ ހަވާލުވި ހިސާބުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ސަޕޯޓަރުން ތިބީ އުއްމީދު ކޮށްގެންނެވެެ. އެއީ ޓީމުގެ ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެނެސް ޓީމްތެރޭގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގައި އޭނާގެ ތަޖުރިބާގެ ބޭނުންކުރެވޭނެތީ އެވެ.

މޮޅަކާ އެކު އޭނާ ޔުނައިޓެޑްގެ ދަތުރު ފެށިއިރު، މިހާތަނަށް އެންމެ ބޮޑަށް ޓީމު ތެރެއިން ފާހަގަވާކަމަކީ ކުރީގެ ކޯޗު އޮލެ ގުނަ ޝޮލްޝަޔާ ގަޔާވާ ބައެއް ކުޅުންތެރިންނަށް ލިބޭ ފުރުސަތުތައް މަދުވުމެވެ. ނަތީޖާއެއްގެ ގޮތުން މި ކުޅުންތެރިން ކޯޗު ރަންގްނިކާ މެދު ހިތްހަމަނުޖެހިގެން އުޅޭ ކަހަލަ ވާހަކަތަކެއް މިވަނީ އިނގިރޭސި މީޑިއާގައި ފެންމަތިވާން ފަށާފަ އެވެ.

ކޯޗު ރަންގްނިކާ، މާޝިއާލްގެ ކޯޅުން!

ލީގުގައި ދާދިފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އެންތަނީ މާޝިއަލް ނުފެނުމުން ގިނަ ބައެއްގެ ހިތުގަ ސުވާލުތަކެއް އުފެދުނެވެ. ޖަވާބުގައި ކޯޗު ރަންގްނިކް ބުނީ މެޗު ސްކޮޑުގަ ހިމެނެން މާޝިއާލް ބޭނުން ނުވީކަމަށެވެ. އަދި ގަދަ ކަމުން އެއްވެސް ކުޅުންތެރިއަކު ލައްވާ ކުޅުވަން ބޭނުންނުވާ ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެމުން މާޝިއާލް އޭނާގެ އިންސްޓަގްރާމްގަ ކުރި ޕޯސްޓެއްގައި ބުނީ ކޯޗު ރަންގްނިކް އެހަދަނީ ދޮގުކަމަށާއި މެޗެއް ކުޅެން ފުރުސަތު ލިބޭއިރު، އެ ކަމަށް އޭނާ ނޫނެކޭ ބުނެފަ ނުވާނެ ކަމަށެވެ.

އެންމެ ފަހުން ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ރަންގްނިކް ވަނީ އޭނާ އެހެން ބުނީ މާޝިއާލް ފަރިތަކުރުންތަކުގަ އޭގެ ކުރީ ދެ ދުވަހު ބައިވެރިނުވާތީ ކަމަށެވެ. އަދި މިހާރު ދެ މީހުންގެ މެދުގަ އުފެދިފަވާ "މިސްއަންޑަސްޓޭންޑީން" މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

ބްރެންޓްފޯޑް މެޗު ސްކޮޑުގައި މާޝިއާލް ހިމެނި ނަމަވެސް މެޗުން އޭނާއަށް ފުރުސަތެއް ނުދެ އެވެ. ދެ ވަނަ ހާފުގައި ވޯމްއަޕަށް ނެރުނު ކުޅުންތެރިންގެ ތެރޭގައި ވެސް މާޝިއާލް ނުހިމެނެ އެވެ. މާޝިއަލް ހޯދަން ސްޕެއިނުގެ ސެވިއްޔާ އާއި އިޓަލީގެ ޔުވެންޓަސް އިން ޝައުގުވެރިވީ ނަމަވެސް ޔުނައިޓެޑްގެ ފޯވާޑުންގެ އަނިޔާގެ މައްސަލަތަކާ ހުރެ މާޝިއަލް ދޫކޮށްލަން ޔުނައިޓެޑް ތައްޔާރެއް ނޫނެވެ.

ކޯޗުގެ ސްޓައިލަށް ފިޓްނުވާ ކުޅުންތެރިން ބާކީވަނީ!

ރަންގްނިކް، ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވިއިރު، އެޓީމުގެ ފުރަތަމަ 11 ބަރާބަރަށް ޖާގަ ހޯދާ ބައެއް ކުޅުންތެރިން މިހާރު ތިބީ ބާކީވެފަ އެވެ.

ސަޕޯޓަރުން އެންމެ ގަޔާވާ އެއް ކުޅުންތެރިޔާ ލޫކް ޝޯ މިހާރު އިންނަން ޖެހެނީ ބެންޗުގަ އެވެ. ޑިފެންސް ކުރުމުގަ ލޫކް ޝޯގެ މަސައްކަތު ރޭޓާ މެދު ހިތްހަމަ ނުޖެހިގެން މިހާރު ކޯޗު ރަންގްނިކް އިސްކަންދޭ ލިސްޓުގައި ޝޯ އަށް ވުރެ ކުރިން އަންނަނީ ބްރެޒިލްގެ އަލެކްސް ޓެލޭސް އެވެ.

މި ކުޅުންތެރިންގެ އިތުރުން މިހާރު ޔުނައިޓެޑް ކުޅޭ ސިސްޓަމަށް ފޯވާޑް ކަވާނީ ފިޓެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ކަވާނީގެ ކުޅުން ދަށްވެ ފޯމު ކަޓައިފި އެވެ. ތޭވީސް އަހަރުން ދަށު ޓީމުގެ ޑޭވިޑް އެލަންގާ މިހާރު ރަންގްނިކްގެ ފޭވަރިޓަކަށް ވެއްޖެ އެވެ. މިދިޔަ ދެ މެޗުގެ ފުރަތަމަ އެގާރަ އިން ކޯޗު އޭނާ އަށް ޖާގަ ދިނެވެ.

ސޯލްޝެއާގެ ފޭވަރިޓް މާކަސް ރަޝްފޯޑަށް ވެސް މިދިޔަ އަށް މެޗުގަ މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ރަޝްފޯޑަށް ވުރެ ކޯޗުގެ ލިސްޓުގެ ކުރީގައި މިހާރު އުޅެނީ މޭސަން ގްރީންވުޑެވެ.

ރޮނާލްޑޯއާ ރަންގްނިކުގެ ގުޅުން ގޯސްވަނީ

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް ކޮންމެ މެޗެއްގައި ވެސް ކުޅެ ގޯލު ޖަހަން ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއެކެވެ. ރަންގްނިކް، ޔުނައިޓެޑާ ހަވާލުވުމާ އެކު އުފެދުނު ފުރަތަމަ ސުވާލަކީ އޭނާ ބޭނުންވާ ސްޓައިލަށް ރޮނާލްޑޯ އަށް ކުޅެވިދާނެތޯ އެވެ. މިގޮތުން "ޕްރެސިން" ގޭމަކަށް ރޮނާލްޑޯ ފިޓު ނޫން ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

ލީގުގެ ބައެއް މެޗުތަކުގައި ރޮނާލްޑޯ ދެ ވަނަ ހާފުގައި ބަދަލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން އުޅޭ މަންޒަރު މީގެ ކުރިންވެސް ފެނިފައިވެ އެވެ. އެންމެ ފަހުން ބްރެންޓްފޯޑް އަތުން ޔުނައިޓެޑް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ރޮނާލްޑޯ ބަދަލުކުރުމުން ވެސް ރޮނާލްޑޯ ހުރީ ވަރަށް ބޮޑަށް ނުރުހިފަ އެވެ. އަދި އޭނާ ލާން ގެންގުޅުނު ޖެކެޓު ވެސް ހޫރާލި މަންޒަރު ފެނެ އެވެ.

އަނެއްކޮޅުން ދާދި ފަހުން ދީފައިވާ އިންޓަވިއުއްގައި ރޮނާލްޑޯ ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ނުލިބިއްޖެނަމަ އެ ކުލަބުން އޭނާ ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. މި ވަގުތު ލީގު ތާވަލްގައި ޔުނައިޓެޑް އޮތީ ހަތް ވަނައިގަ އެވެ. ޖުމްލަކޮށް މެޗުތަކުގައި ޔުނައިޓެޑުން ދައްކާ ކުޅުމަށް ބަލާއިރު ވެސް މާ ބޮޑު ކުރިއެރުމެއް ނުފެންނާތީ ރޮނާލްޑޯ އަންނަ ސީޒަންގައި ޔުނައިޓެޑުން ނުފެނުން ގާތެވެ.

ރަންގްނިކް، ޔުނައިޓެޑަށް ގެންނަން ބޭނުންވަނީ ކޮންކަހަލަ ބަދަލެއް؟

ރަންގްނިކް، ޔުނައިޓެޑަށް ގެންނަން ބޭނުންވާ މައިގަނޑު ބަދަލުތައް އަންނާނީ މި ސީޒަން ނިމުމާއެކުގަ އެވެ. އެއީ ޔުނައިޓެޑަށް ދާއިމީ ކޯޗެއް ހަމަޖެއްސުމާ ކޮންސަލްޓަންޓެއްގެ ރޯލުގައި ހުރެ، ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އު ފުރުސަތުދީ އާ ކުޅުންތެރިން ޔުނައިޓެޑަށް ހޯދައިދީގެންނެވެ.

ޔުނައިޓެޑްގެ ސްކޮޑަށް ބަލާއިރު މިޑްފިލްޑަރު ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއާލް މިހާރު ވެސް ތިބީ ކުލަބު ދޫކޮށްލަން ތައްޔާރުވެގެންނެވެ. ޕޮގްބާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަަމަވާނެ އެވެ. ޔުނައިޓެޑުން ބޮޑު މުސާރަ ކޮންޓްރެކްޓެއް ދިން ނަމަވެސް ޕޮގްބާ ދެން އެ ޓީމުން ނުފެނިދާނެ އެވެ.

ރަންގްނިކް ބުނީ މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލިޔަސް އެންމެ ފަހު ވަގުތާ ހަމައަށް ޕޮގްބާ އަށް ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ. އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ޕްރެކްޓިހުގައި ބައިވެރިވާން ފެށި ޕޮގްބާ އެންމެ އަވަހަށް ވެސް މެޗެއްގައި ކުޅެވޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު މިޑްލްސްބްރާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

ކޮންމެ ގޮތެއް ވިޔަސް ޔުނައިޓެޑްގެ ހާލަތާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ޔަގީންވާ އެއް ކަމަކީ މި ސީޒަން ނިމުމާ އެކު ޓީމުން ބޮޑެތި ބަދަލުތަކެއް ފެނުމެވެ. އަދި ރަންގްނިކްގެ ކޯޗުކަމުގެ ދަށުން އެޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއްޖެނަމަ އޭނާ ބޭނުން ވިޔަސް ކޯޗުގެ ރޯލުގައި ދެމިނުހުރެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox