އަހުމަދު ރިޒްވާން (ރިޒޭ)ގެ ހަމައެކަނި ގޯލުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް އީގަލްސް އިން އެ ކްލަބްގެ ދިގު ތާރީހުގައި އެންމެ ބޮޑު ކާމިޔާބީ ހޯދީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިގެންނެވެ. ޒުވާން ކުޅުންތެރިންތަކެއް ލައިގެން އަހަރުތަކެއް ވަންދެން ޓީމެއް އެކުލަވާލުމުގެ މަސައްކަތްތަކެއް ކޮށް، އީގަލްސް އިން 2016 ވަަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަށް ފަހު ދިވެހި ފުޓްބޯޅައިގެ ޗެމްޕިއަނުންގެ ސަފަށް އެރި އެވެ. ކާމިޔާބު ޒުވާން ޓީމެއް ކަރަށް މަހާލީ ގައުމީ ޗެމްޕިއަންކަމުގެ ރަން މެޑަލެވެ.
ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގެ ތަށި އީގަލްސް އަށް ލިބުމާ އެކު އެ ޓީމުން ކާމިޔާބީގެ އިތުރު ސޮފުހާތައް ލިޔާނެ ކަމަށް ބެލެވުނެވެ. އެ ޓީމުން 2017 ވަަނަ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ މާލޭ ލީގު ފަށައިގެން ދައްކަމުން ދިޔައީ ވެސް އެ ފަދަ މޮޅު ކުޅުމެކެވެ. ވަރުގަދަ ޓީމުތައް އަތުން އީގަލްސް ރަނގަޅު މޮޅުތަކެއް ހޯދި އެވެ. ވަރުގަދަކޮށް އޮތް ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރި އެވެ.
އެކަމަކު، އެ ފަހަރު މާލޭ ލީގުގެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން ބަލިވެ، ދިވެހި ޕްރިމިއާ ލީގަށް ވެސް ކޮލިފައިނުވެ، ސީޒަން ދެބައި ނުވަނީސް އީގަލްސް އަށް ހުރިހާ ކަމެއް ނިމުނީ އެވެ. އެ މުބާރާތަށް ފަހު އީގަލްސްގެ ކޯޗުކަމުން އެ ޓީމުގެ ތާރީހުގައި ހާއްސަ ދަރަޖައެއް ދީފައިވާ، ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަކިވި އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު، ޕްރިމިއާ ލީގުގައި ކުޅެން އީގަލްސް އަށް ފުރުސަތު ނުލިބުމުން، އެ ޓީމުގެ މަޝްހޫރު ކުޅުންތެރިން ޖެހުނީ ލޯން އުސޫލުން ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ޖޯޒީ ލައިގެން ޕްރިމިއާ ލީގާއި ގައުމީ މުބާރާތުގައި ކުޅޭށެވެ.
ގައުމީ ޗެމްޕިއަންކަން ލިބުނުތާ އަހަރެއް ވެސް ނުވަނީސް އެންމެ ބޮޑު ލީގުން ފުރުސަތު ނުލިބި ޓީމު ފަހަތަށް ސޮއްސާލި ހަނދާންތައް އަދިވެސް އީގަލްސްގައި މިހާރު އޮތް ޓީމުގެ ކުޅުންތެރިންގެ ހަނދާނުގައި ހަރުލާފައި ހުންނާނެ އެވެ.
ގްރީން ސްޓްރީޓްސް އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އަލަތު މުބާރާތުގައި 2017 ވަނަ އަހަރު އީގަލްސްގެ މައްޗަށް ގަދަވެގަތީ އެވެ. ގްރީން އިން އީގަލްސް ބަލިކޮށް، އެ ފަހަރު މާލޭ ލީގުގެ ދެ ވަނަ ޔަގީންކުރީ 27 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދި މާޒިޔާ ފަހަތުންނެވެ.
މިއަދު ހަވީރު ގްރީން ސްޓްރީޓްސް އިން އީގަލްސްއާ ދެކޮޅަށް ކުޅޭނީ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި މި ދެ ޓީމުގެ ފަހު މެޗުގަ އެވެ. ރޭ ދަ ގްރާންޑޭ އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހޯދި މޮޅާ އެކު، ސަސް އަށް ހަތަރު ވަނަ އަދި އީގަލްސް އަށް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފަސް ވަނަ ކަށަވަރުވީ އެވެ.
އެހެންކަމުން، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މަގާމެއް ހޯދަން ނޫނީ ކަމެއް ހާސިލްކުރަން ބަލާއިރު، އީގަލްސް އަށް މިއަދު ގްރީން ސްޓްރީޓްސް މެޗުގެ މުހިންމު ކަމެއް ނެތެެވެ. ސުވާލަކީ މާޒީގެ ކަންކަމަށް ބަލައި ތާރީހުގައި ވެފައި ހުރި ކަންކަމަށް ނަޒަރު ހިންގާލައި، މެޗުން ހާސިލްކުރެވޭނެ އިތުރު ކަމަކަށް ބަލަންވީ އެވެ.
ފުޓްބޯޅައިގެ ވާދަވެރި ރޫހުގައި ބަދަލު ހިފުމުގެ ކަަމަކަށް ބަލާނަމަ ގްރީން ސްޓްރީޓްސްގެ ހަޔާތުގެ ބޮޑު މެޗެއްގައި އެ ޓީމުގެ މައްޗަށް އަތްގަދަ ކުރުމުގެ ފުރުސަތު އީގަލްސް އަށް މިއަދު އެބައޮތެވެ. އީގަލްސް އަތުން މިއަދު ހަވީރު ގްރީން ސްޓްރީޓްސް ބަލިވެއްޖެނަމަ އެ ޓީމަށް އަމިއްލަ ބާރުގައި ފައިނަލަށް ނުދެވޭނެ އެވެ. އެ ހާލަތުގައި ޖެހޭނީ މިރޭ ވެލެންސިއާ އިން މާޒިޔާ ބަލިކުރޭތޯ އެ މެޗު ނިމެންދެން އިންތިޒާރު ކުރާށެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)، މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގްރީން ސްޓްރީޓްސްގެ ކިބައިން 2017ގެ މާލޭ ލީގުން އީގަލްސް ކެޓި މެޗުގެ ބަދަލުހިފުން އެއީ މިއަދުގެ މެޗަށް ޓީމު މޯޓިވޭޓް ކުރުމުގެ ވިސްނުމަކަށް ވެދާނެތޯ "އަދަދު" އިން އެހުމުން އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އީގަލްސް އިން މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި މެޗުތަކުން މޮޅުވާން ފެއްޓި ހިސާބުން ވެސް ފައިނަލުގެ ޖާގައެއް ހަގީގަތުގައި އެ ޓީމަށް ހޯދެން ނެތް ކަމަށެވެ.
"މިހާ ހިސާބަށް އައިސްފައި، ޓީމު މި އައި ރަނގަޅު ރޫހު ހުއްޓާލާކަށް ބޭނުމެއް ނޫން. ކުރިއަށް ދާން ބޭނުންވަނީ. ދެން ގްރީން އަކީ މިހާތަނަށް ބަލާއިރު، ތިބުނާހެން ހިސްޓްރީ އަށް ބަލައިފިއްޔާ ވަރަށް ގިނަ ފަހަރު އީގަލްސް އަތުން މޮޅުވެފައި އޮތް ޓީމެއް. ހުރިހާ ގޮތެއް ވެސް އެ ގޮތަށް (ގްރީން ބަލިކުރަން މަސައްކަތް ކުރުން) އޮތީ. އެހެން ނަމަވެސް އެ އަށް ވުރެ ބޮޑަށް މުހިންމީ މި ފޯމުގައި މި މެޗު (ގްރީން މެޗު) ނަގާފައި މުބާރާތް ނިންމާލާފައި ލީގަށް ތައްޔާރުވާން،" ޝާޒް ބުންޏެވެ.
މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވީ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ އަދި ސަސް އަތުންނެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދަ ގްރާންޑޭ ބަލިކޮށް އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ވެލެންސިއާއާ އެއްވަރުކޮށްފަ އެވެ.
އީގަލްސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުން ހިތްވަރު އެލުވާނުލައި ނަތީޖާ ނެރެން ކުޅެފައިވުމަކީ އެ ޓީމު ރަނގަޅު ޓްރެކުގައި އޮތް ކަމުގެ ހެއްކެއްގެ ގޮތުގައި ޝާޒް ގަބޫލުކުރެ އެވެ.
"އީގަލްސްގައި މިހާރު އެންމެ ހިތްގައިމު ކަމަކަށް އިނީ، މެޗު ތެރޭގައި އެ ކަމްބެކަށް ދާއިރުގައި ކުޅުންތެރިންގެ އެ ހިތްވަރު އެބަހުރި. ގޯލެއް ވަން ކަމުގައި ވިޔަސް އަނބުރާލަން އެކުރާ މަސައްކަތާ، ފަހު މިނިޓްގައި ގޯލު ޖެހުމާއި ޓީމުގެ އެ ރޫހު އެބައިން. ފުޓްބޯޅަ ޓީމެއްގައި އެންމެ ބޭނުންވާނެ ކަމަކީ އެއީ ކަންނޭނގެ،" ޝާޒް ބުންޏެވެ. "ލީޑެއް ހިފެހެއްޓުމަށް ވުރެ، ލީޑެއް ނެތިދާ ވަގުތެއްގައި އަލުން އެނބުރި އަންނަން އީގަލްސްގެ ފަރާތުން ތަފާތު ފެންނާތީ އެއީ ހިތްވަރެއް. ފަހު މިނިޓާ ޖެހެންދެން އީގަލްސް އިން ހިތްވަރު އެލުވާނުލައި ކުޅޭނެކަން އެނގޭ. އެހެންވެ، މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އިން ކަމަށް ގަބޫލުކުރަނީ،"
އަންނަ އާދިއްތަ ދުވަހު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ވާދަކުރާ ދެ ޓީމެއް އެނގޭނީ މިއަދުގެ ދެ މެޗަށް ފަހު އެވެ.
މި ވަގުތު ޕްރެޒިޑެންޓްސް ކަޕްގެ ތާވަލަށް ބަލާނަމަ، އެއް ވަނައިގައި ވެލެންސިއާ އޮތީ 16 ޕޮއިންޓް ހޯދައި، ފައިދާ 12 ގޯލާ އެކު އެވެ. ދެ ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ތިން ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް 15 ޕޮއިންޓް ހޯދައިގެންނެވެ. ގްރީން ސްޓްރީޓްސްގެ ފައިދާ 12 ގޯލު އޮތްއިރު، މާޒިޔާ އަށް ލިބިފައިވަނީ ފައިދާ 11 ގޯލެެވެ.
ފައިނަލަށް ދާން ގްރީން ސްޓްރީޓްސް އަށް މިއަދު ހަވީރު ކުޅޭ އީގަލްސް މެޗުން ބޭނުމީ ޕޮއިންޓެކެވެ. އީގަލްސް އިން މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން މޮޅުވެއްޖެނަމަ ވެލެންސިއާ މިރޭގެ މެޗަށް ނުނިކުންނަނިސް ފައިނަލުގެ ޖާގަ ޔަގީންވާނެ އެވެ. އެ ހާލަތުގައި ގްރީން ސްޓްރީޓްސް ކަޓާނީ މާޒިޔާ އިން ވެލެންސިއާ ބަލިކޮށްފިނަމަ އެވެ. އީގަލްސް އަތުން ގްރީން ސްޓްރީޓްސް ބަލިވި ކަމުގައި ވިޔަސް ވެލެންސިއާ އިން މާޒިޔާ ބަލިކޮށްފިނަމަ ލަނޑުގެ ތަފާތުން ގްރީން ސްޓްރީޓްސް ފައިނަލަށް ދިއުމުގެ ފުރުސަތެއް އޮންނާނެ އެވެ.











