ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
ޔުނައިޓެޑް ވިކްޓްރީން މި ފަހަރު ޕްރެޒިޑެންޓްސް ކަޕްގައި މޮޅުވީ މިއަދުގެ މެޗުން އެކަންޏެވެ. ދެން ޔުނައިޓެޑް ވިކްޓްރީން ޕޮއިންޓެއް ހޯދީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރު ކޮށްގެންނެވެ. ޔުނައިޓެޑް ވިކްޓްރީން ޕްރެޒިޑެންޓްސް ކަޕް ނިންމާލިއިރު، އޮތީ ހަތަރު ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ އިން މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗުގައި ނެރޭ ނަތީޖާ އަކުން ޔުނައިޓެޑް ވިކްްޓްރީން މުބާރާތް ލީގު ތާވަލު އެންމެ ފުލުގައި އޮވެގެން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.
ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އަކުން ރިކަވާވެގެން އަހަރެއްހާ ދުވަސް ފަހުން ކުޅުމަށް އެނބުރި އައި ޔުނައިޓެޑް ވިކްޓްރީގެ ނާވީ މުހައްމަދު ވަނީ މިއަދު ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީވެސް ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ނާވީ އެވެ. މެޗު ފަށައިގެން އެއް މިނިޓް 15 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖައްސާލި ބޯޅަ ނާވީ ރަނގަޅަށް ފޮނުވާލި ނަމަވެސް ޓީސީ ކީޕަރު އާދަމް އިމްއާން ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޔުނައިޓެޑް ވިކްޓްރީން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ޗުމްޕު ޖެހި ހިލޭ ޖެހުމުންނެވެ. އޭރިއާބޭރު ރޮނގުކައިރިން ޗުމްޕު ޖެހި ހިލޭ ޖެހުން ގޯލަށް ވަނީ ކީޕަރު އިމްއާން އަތުގައި ޖެހިފަ އެވެ. މިއީ މި ސީޒަނުގައި ޗުމްޕު ޖެހި ދެ ވަނަ ހިލޭ ޖެހުމެވެ.
ޔުނައިޓެޑް ވިކްޓްރީން ރަނގަޅު އެޓޭކް ކުރަމުން ގޮސް މެޗުގެ 38 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ އަލީ ހަމްދާން (އައްޔަ) އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަަތަމަ ހާފުގައި ޓީސީން ވެސް އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، ޔުނައިޓެޑް ވިކްޓްރީގެ ގޯލުގައި ހުރި އަހުމަދު އަނަފް ޒަރިޔަންދު ކައިރިން ނުރައްކާކުރާ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. ޓީސީގެ މުހައްމަދު ދާނިޝް އިބްރާހިމް ކުރަން އުޅުނު އެޓޭކެއް އޭރިއާތެރެއިން ޓެކަލްކޮށް ޔުނައިޓެޑް ވިކްޓްރީގެ ޝިފާން ހަސަން (ޝިފާންޓެ) ވަނީ ސަލާމަތްކޮށްފަ އެވެ.
ދެ ވަނަ ހާފް ފެށިއިރު، ޓީސީން ވަނީ ފަހަތަށް ކުޅެމުން ދިޔަ ހަސަން އީނާޒްގެ ބަދަލުގައި މެދުތެރެއަށް ކުޅޭ ހައިޝަމް ރަޝީދު ކުޅެން އަރުވައިގެންނެވެ. އޭރިއާބޭރުން ހައިޝަމް ޖެހި ދެ ހަމަލާއެއް ގޯލާ ސީދާވާ ގޮތެއްނުވި އެވެ. އަދި އޭގެ ފަހުން ޓީސީގެ ޒަޔާން ނަސީރު (ޒައްޔު) ގޯލެއް ޖަހަން ވެގެން ކުރި އެޓޭކެއްގައި ވެސް ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.
ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގެ 61 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ކައުންޓަ އެޓޭކެއްގައި ނާވީ އޭރިއާތެރެއިން އައްޔަ އަށް ދިން ބޯޅަ އޭނާ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ވަގުތު ބައްކު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ނާވީ (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ސާދު ޓެކަލްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ ފަހު ވިހި މިނިޓް ތެރޭގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ބަދަލުގެ ގޮތުގައި އެ ޓީމުގެ ތިން ބިދޭސީ ކުޅުންތެރިއަކު ކުޅެން އަރުވައިފަ އެވެ. އެއީ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް (ޓޯނީ) އާއި ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް އަދި ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ޓޯނީ އެވެ. މި ޕެނަލްޓީ އަކީ ކީޕަރު އިމްއާން އޭރިއާތެރެއިން އިވާން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ޔުނައިޓެޑް ވިކްޓްރީން ހަތަރު ވަނަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން ޓީސީން ވަނީ ގޯލެއް ޖަހައިފަ އެވެ. އޭރިއާތެރެއިން އަހުމަދު ޒައުލް ނާޒިމަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަނަފް ލަސްކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބޯޅަ ހޯދައި ޒައްޔު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު، ރެފްރީ މުހައްމަދު ޖާވިޒް ނިންމީ ޒައްޔު އެ ބޯޅަ ހޯދީ ކީޕަރު އަނަފަށް ފައުލުކޮށްފައި ކަމަށެވެ.
އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީ އަށް ގޯލެއް ޖަހައިދޭން މެޗުގެ އިތުރު ވަގުތުގައި އިވާން އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.












