ގިނަ ބާވަތްތަކެއްގެ އާންމު މުދާ އަގު ހެޔޮކޮށް ވިއްކަމުން ގެންދިއުމަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އާންމުނަން ލިއްބައިދޭ ވަރަށް ބޮޑު ފަސޭހައެކެވެ. ސުޕަމާޓުގެ ޖާގަ ބޮޑުކޮށް، ވިއްކާމުދާ އިތުރުކޮށް ކުދި ވިޔަފާރި ކުރާ ފަރާތަތަކަށް ފައިދާވާނެ ކޮންސެޕްޓަކަށް ތަން ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ވަނީ ފަށައިފަ އެވެ.
ސުޕަމާޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެތަނުގެ ވިޔަފާރި ހުއްޓާނުލަ އެވެ. އެސްޓީއޯއިން ބުނި ގޮތުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ސުޕަމާކެޓަށް މިފަހަރު ގެނެވޭނެ އެވެ.
ސުޕަމާޓަށް ގެންނަ ބަދަލުތައް
- ޓްރޭޑް ސެންޓަރުގައި ބީއެމްއެލް ހިންގި ބަޔާއެކު، އިތުރު އެއް ފޮލޯ ހިމޭނޭ ގޮތަށް ތަނުގެ ޖާގަ ދެ ގުނަ ބޮޑު ކުރުން
- އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ވިޔަފާރި ސުޕަމާޓަށް ބަދަލުކުރުން
- ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ ވިއްކުމަށް ހާއްސަ ސްޓޯލްތަކެއް ހެދުން
"މި ބަދަލު ގެނައުމުގެ ބޭނުމަކީ އެއްތަނަކުން ހުރިހާ ވައްތަރެއްގެ ބާޒާރެއް ކުރެވޭނެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުން، މިބަލަނީ ރޯދަމަސް ފެށެން ވާއިރަށް އެ ބަދަތުތައް ގެނެސް އެބައި ހުޅުވާލަން،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އަމިއްލަ އުފެއްދުނައް ތައްޔާރުކުރާ ފަރާތަތާއި އަދި އެނޫން ވެސް އެކި ބާވަތަތަކުގެ ކުދި ވިޔަފާރިތައް ކުރާ ފަރާތަތަކަށް ސުޕަމާޓުން ޖާގަތަކެއް ހާއްސަ ކުރެވިގެން ދާނެ އެވެ. ދެ ފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ޖާގަ ތަކުގައި ތަކެެތި ބަހައްޓައިގެން ސުޕަމާޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް، ސުޕަމާޓުން ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް އެސްޓީއޯ އިން އިސްކަން ދެ އެވެ. މިހާރު ފިލާ ބިތް ޖަހައިގެން ތަރައްގީކުރާ ބައި ނިމުން ފެންނާނީ ތަފާތު ސުޕަމާޓެކެވެ.










