ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، ކްލަބް އީގަލްސް މުބާރާތުގެ ލީގު ބުރުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މިރޭގެ މެޗާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ ފަސް މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ 15 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އީގަލްސް އާއި ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ހަ ވަނައިގައި އޮތް ޓީސީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ އާއި އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީގެ އޮތީ އެންމެ ޕޮއިންޓެކެވެ.
ދަ ގްރާންޑޭ އިން މިރޭގެ މެޗަށް ނުކުތީ އެ ޓީމަށް ދާދި ފަހުން ގެނައި ޖަޕާނުގެ މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނެއްކޮޅުން އީގަލްސް އިން ވަނީ އަހަރެއްހާ ދުވަހުގެ ތެރޭ ފުރަތަމަ ފަހަރަށް އެ ޓީމުގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ) ފުރަތަަމަ އެގާރައިގައި ހިމަނައިފަ އެވެ. ކަކުލުގެ ސީރިއަސް އަނިޔާ އަކުން ރިކަވާވެގެން އެނބުރި އައިސް ރިޒޭ އެންމެ ފަހުން ދެ މެޗުގައި ކުޅުނީ ބަދަލެއްގެ ގޮތުގަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އީގަލްސްގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ އަލީ އަޒުވާން އަބްދުލް އަޒީޒު ރަނގަޅު ތަނަށް ހުސްވެ، އެޓޭކް ކުރަން މަސައްކަތްކުރި ނަމަވެސް ފުރުސަތުތަކުގައި ބޭނުމެއް ނުކުރެވުނެވެ. ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ހުރި ގޯލާ އަމާޒުކޮށް އީގަލްސް އަށް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.

ދަ ގްރާންޑޭގެ ޒުލްކިފްލި (ވ) ކައިރިން އީގަލްސްގެ ރިޒޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ދަ ގްރާންޑޭ އިން ވަނީ މެޗުގެ 30 ވަނަ މިނިޓްގައި މުސްރިފު މޫސާ ޖެހި މޮޅު ގޯލުން ލީޑުނަގައިފަ އެވެ. އަރިމަތިން ޖަޕާނުގެ ޔޫގޯ ހުރަސްކޮށްލި ބޯޅަ މުސްރިފު އެއް ފަހަރުން ފޮނުވާލީ އީގަލްސްގެ ކީޕަރު މުހައްމަދު ތޯހާ ބޯމަތިން ގޯލުގެ ދުރު ކަނަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ލީޑުފުޅާކުރަން ފުލުފުލުގައި ދެ ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޔޫގޯ އާއި އަހުމަދު އަބްދުލް ސައްތާރު ފޮނުވާލި ބޯޅަތައް ކީޕަރު ތޯހާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ދަ ގްރާންޑޭ އިން ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު ވަަނަ މިނިޓްގަ އެވެ. ދަ ގްރާންޑޭގެ އިސްމާއިލް މަފާޒް އަރިމަތިން އެ ޓީމުގެ މުސްރިފަށް ދިން ބޯޅަ އޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އިސްމާއިލް ނަޒީހު ވަނީ ހުސްކޮށް އަރައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އީގަލްސް އިން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ހިލޭ ޖެހުމަކުން މި ގޯލު ޖެހީ ރިޒޭ އެވެ. ރިޒޭ ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާބޭރުން ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން އޭރިއާތެރެއިން ހަންނަ އާއި އަޒުވާން ޖެހި ބޯޅަތަކެއް ކީޕަރު ޝިހާމް ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ ހަަމަހަަމަކުރަން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ހަންނަ ޖެހި. ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ކީޕަރު ޝިހާމަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އޭގެ ފަސް މިނިޓް ފަހުން އޭރިއާތެރެއިން ރިޒޭ ހުސްކޮށްލާފައި ހަންނަ އަށް ދިން ބޯޅަ އޭނާ ފޮނުވާލީ ކީޕަރު ޝިހާމް އަތަށެވެ. އީގަލްސް މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އެ ޓީމުގެ އީގަލްސްގެ ޑިފެންޑަރު ހުމައިދު ހުސައިން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދަ ގްރާންޑޭ ޑިފެންޑަރުންނަށް އެ ބޯޅަ ބޭރުކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.











