ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ރާއްޖޭގެ ސަރުކާރާއެކު ރަސްމީ މަޝްވަރާތަކެއް ބޭއްވި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު އެމެރިކާގެ ނިއުޔޯކްގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ވާންގް ޔީގެ ދަތުރުފުޅަށެވެ.
ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މަޝްވަރާތަކުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި އެހެންގައުމުތަކުގެ މެދުގައި ރާއްޖެ އާއި ޗައިނާއިން އޮންނަ ގުޅުމާމެދު ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެއީ:
- ރާއްޖެ/ޗައިނާގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ވިސާއަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް ހެދުމުގެ އެއްބަސްވުން. ޗައިނާއަށްދާ ދިވެހިންނަށް އެ އެއްބަސްވުމުގެ ދަށުން 30 ދުވަހުގެ ހިލޭ ވިސާ ލިބޭނެ. ނަމަވެސް މި އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން.
- އިގްތިސާދީ ގޮތުން އަދި ޓެކްނިކަލީ ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ސޮއި ކުރި އެއްބަސްވުން. ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އެ އެއްބަސްވުން ސަޕޯޓަކަށްވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
- މާލެ/ހުޅުމާލެ ބްރިޖުގެ މެއިންޓެނަންސް ކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއި ކުރި.
- ފެން އުފައްދާ ޕްލާންޓުތަކެއް ބެހެއްޓުމަށް މީގެ ކުރިން ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ސަޕްލިމަންޓްރީ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
- ހޮސްޕިޓަލް އެސިސްޓެންސް ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމުގެ އެއްބަސްވުމެއްގައި ސޮއި ކުރި.
ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ދެއްކުމަށްފަހު އަދި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު، ވާންގް ޔީ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެއީ ރައީސް ސޯލިހުގެ އަރިހަށް ވާންގް ޔީ ކުރެއްވި އިހްތިރާމްގެ ޒިޔާރަތެކެވެ. އެ ބައްދަލުވުމުގައި އެއްވެސް ރަސްމީ މަސައްކަތެއް ނުކުރައްވަ އެވެ.

ވާންގް ޔީ ރާއްޖެއިން ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް އަލްވަދާއު ވިދާޅުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
"މި ދަތުރުފުޅުގައި ދެކެވުނު ވާހަކަތަކާމެދު އަދި ބައްދަލުވުންތަކުގެ ނަތީޖާއާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ ގުޅުން އަދި އެކުވެރިކަން ހާމަވެއްޖެ،" ޝާހިދު ވިދާޅުވެފައިވެ އެވެ.
ބައެއް މުހިންމު ހަބަރު:
- ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ވިލިމާލެއިން ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރުމުގެ އިތުރުން ތިން ގެއެއް ބަލައި ފާސް ކުރި އެވެ. ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
- އިންތިގާލީ އިންސާފުގެ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ބުނާ މާއްދާ ބުރާސްފަތި ދުވަހު ވަނީ އުވާލައިފަ. އުވާލާފައި ވަނީ "އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލު ކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދު" ގެ 20 ވަނަ މާއްދާ އެވެ.
- ށ. ކޮމަންޑޫގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 32 އަހަރުވަންދެން ހިންގި ބާ އިންޖީނުގެ ބޭނުން ކުރުން ހުއްޓައިލީ ހުކުރު ދުވަހެވެ. އެ ރަށުގައި މިހާރު ބޭނުން ކުރަނީ ފެނަކަ ކޯޕަރޭޝަނުން އެޅި މުޅިން އާ އިންޖީނުގެއެކެވެ. އެފަދަ 70 މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން އެބަ ކުރިއަށްދެ އެވެ.
ދުވަހުގެ ކަލަންޑަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ގޮއްވާލި ބޮމުގެ މޭސްތެރި ކަމަށް ފުލުހުން ބުނާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މާލޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ބޭނުމުގައި ބޮމެއް ހެދިކަމުގެ ތުހުމަތުގައި ތަސްލީމު ވަނީ މީގެ ކުރިން އޭޕްރީލް 24، 2017 ގައި ވެސް ހައްޔަރުކޮށްފަ އެވެ. އޭނާއާއެކު އެ ފަހަރު އިތުރު ފަސް މީހަކު ހައްޔަރު ކުރި އެވެ.
އޭގެ އިތުރުން، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ވެސް މާދަމާ ކޯޓުގައި އޮންނާނެ އެވެ. އޭނާގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ފުލުހުން ކުރިން ބުނެފައި ވަނީ އޭނާއަކީ، ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާގެ އަންނައުނު ފޮރުވުމަށް އެހީތެރިވެދިން މީހާ ކަމަށެވެ.
އަބްދުﷲ އަލިމަނިކަކީ ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި 2007 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްކޮށް ބައިވެރިވެގެން ޖަލަށްލުމަށް ހުކުމްކޮށްފައި ހުރި މީހެކެވެ. އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާ ތިން ފަހަރަކު ޖަލުން ފިލި އެވެ.
ދުވަހުގެ ކޯޓޭޝަން:
އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ހުކުރު ދުވަހު ރައީސް ވިދާޅުވީ:
"އެމްޑީޕީގެ އެޖެންޑާ ނަވާރައިން މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދީ ވެސް ވައުދުތަކަކާ އެކީގައި. މެނިފެސްޓޯއަކާ އެކީގައި. އަަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ ކަމަކީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް. މިދާއިރާއަށް ކުރިމަތިލައްވައިގެން ތިއްބެވި އެހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވައިލާނީ މަޑުކޮށްލައްވާށޭ. އިހަށް މަޑުކޮށްލައްވާށޭ. އަަޅުގަނޑުމެން ވެގެން އައި ވައުދުތަކެއް އެބަހުއްޓޭ. މިދަނީ ބަރާބަރަށް އެ ވައުދުތައް ފުއްދަމުންނޭ."
ދުވަހުގެ ފޮޓޯ:

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެއާޕޯޓުގައި މަރުހަބާ ވިދާޅުވަނީ: ޔީގެ އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ
ދިރާސާތަކުން ކިޔާލުމަށް:
މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އެދިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފަރާތުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. މި ދިރާސާ ޝާއިއުކޮށްފައި ވަނީ ޑިސެމްބަރު، 2020 ގަ އެވެ. މި ދިރާސާގައި ބަލާފައި އޮތީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމަށްކޮށްފައިވާ އަސަރުތަކެވެ. އޭގެ ތެރޭގައި ޕޮލިސީއަށާއި އެކަޑެމިކްސް އާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް ރެސްޕޮންސަށް ބަލާފައި ވެއެވެ. ކިޔަވައިދޭ ފަރާތްތަކާއި ކިޔަވާ ދަރިވަރުންނަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ނަފްސާނީ މައްސަލަތަކަށް ވެސް މި ދިރާސާގައި އަލި އަޅުވާލާފައިވެ އެވެ.












