އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރަން ރާއްޖެއިން ނިންމައިފި އެވެ.
އޭއެފްސީން މިއަދު ނެރުނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ.
މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ޒޯނުގެ ކޮންމެ ގްރޫޕަކުން ދެ ޓީމު މުބާރާތަށް ހޮވޭނެ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން ކުޅޭނެ ތާރީހަކީ އޭޕްރީލް 1-15 އަށެވެ. އޭއެފްސީން މިހާތަނަށް އިއުލާނުކޮށްފައިވަނީ ވެސްޓް ޒޯން ހޯސްޓްކުރާނެ ގައުމެކެވެ. ވެސްޓް ޒޯން ހޯސްޓްކުރާނީ ޔޫއޭއީގަ އެވެ. މިހާރު އޮތްގޮތުން ރާއްޖެ ހިމެނޭ ޒޯންގެ މެޗުތައް ހޯސްޓް ކުރަން ނިންމާފައިވަނީ ކިރްގިސްތާނުގަ އެވެ.
އޭއެފްސީގެ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ މި އަހަރުގެ 25 ސެޕްޓެމްބަރާއި 20 އޮކްޓޫބަރާ ދެމެދު ކުވޭތުގަ އެވެ. މުބާރާތަށް ކޮލިފައިން އިން ހޮވޭނީ 15 ޓީމެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްްސަލްގައި ވާދަކުރީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގަ އެވެ. އަފްގާނިސްތާނާއި އުޒްބެކިސްތާނާއި ޔޫއޭއީ އަދި ޗައިނާއާ ވާދަކޮށް ރާއްޖޭން މުބާރާތް ނިންމާލީ އެންމެ ފުލުގައި ޕޮއިންޓެއް ވެސް ނުލިބި އެވެ. އެ މުބާރާތުގައި ރާއްޖެ އަށް ދިމާވި މައްސަަލަ އަކީ ވެއްޔާއި ޓާފްގައި ފުޓްސަލް ކުޅެފައި ގޮސް އިންޑޯ އެރީނާއެއްގައި ފުޓްސަލް ކުޅެން ޖެހުމުގެ މައްސަލަ އެވެ.
ފުޓްސަލް އަކީ މި ވަގުތު ރާއްޖޭގައި އެންމެ މަގުބޫލުކަން ބޮޑު ކުޅިވަރެވެ. އަހަރެއްގެ މައްޗަށް ގިނަ އަދަދެއްގެ ފުޓްސަލް މުބާރާތްތަކެއް ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ އިތުރުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅެ އެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރަތަކީ ކްލަބް މޯލްޑިވްސް ކަޕް އެވެ. އެފްއޭއެމް އިން އެންޑޯޒްކޮށްފައިވާ ކްލަބް މޯލްޑިވްސް ކަޕް ކުޅެނީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެންނެވެ.












