ހަނގުރާމައިގެ މައިދާނުން ގެންނަ މީހުންނާއި ކުދިން ބަންދުކުރާނެ އިޖުރާއަތު ކަނޑައަޅައިފި

ބޭރުގެ ހަނގުރާމައެއްގައި ދިވެހިންތަކެއް ހަރަކާތްތެރި ވަނީ: އެފަދަ ހަނގުރާމަތަކުން އެނބުރި ރާއްޖެ އަންނަ ފަރާތްތައް ބަންދު ކުރަން ހާއްސަ މަރުކަޒަކާއި ހާއްސަ އިޖުރާއަތްތަކެއް -- ފޮޓޯ: ފައިލް

ބޭރުގެ ހަނގުރާމައެއްގައި ދިވެހިންތަކެއް ހަރަކާތްތެރި ވަނީ: އެފަދަ ހަނގުރާމަތަކުން އެނބުރި ރާއްޖެ އަންނަ ފަރާތްތައް ބަންދު ކުރަން ހާއްސަ މަރުކަޒަކާއި ހާއްސަ އިޖުރާއަތްތަކެއް -- ފޮޓޯ: ފައިލް

އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނާއި ކުދިން ބަންދުކުރެވޭނެ ހާއްސަ އިޖުރާއަތްތަކެއް ހޯމް މިނިސްޓްރީން އިއްޔެ އާންމުކޮށްފި އެވެ.

މި ފަރާތްތައް ބަންދު ކުރުމުގެ އިހްތިޔާރު ހޯމް މިނިސްޓަރަށް މި އުސޫލުގެ ދަށުން ލިބޭއިރު، މި އިޖުރާއަތްތައް އެކުލަވާލާފައި ވަނީ ޓެރެރިޒަމް މަނާ ކުރާ ގާނޫނުން ބާރު ލިބިގެންނެވެ.

ހަނގުރާމަތީ އުޅުމަށްފަހު އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމަށް ޓެރެރިޒަމް މަނާ ކުރާ ގާނޫނުގައި ކަނޑައަޅާފައި ވާއިރު، އިއްޔެ ގެޒެޓް ކުރި އުސޫލުގެ ދަށުން އެފަދަ ފަރާތްތައް ބަންދު ކުރަން ޖެހެނީ ހާއްސަ މަރުކަޒެއްގަ އެވެ. އެ މަރުކަޒުގައި ފިރިހެނުންނަަށާއި، އަންހެނުންގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބައެއް ހުންނަން ޖެހެ އެވެ.

"އިދާރީ ބަންދުގެ މަރުކަޒެއްގައި މީހަކު ބަންދުކުރުމަށް ކަނޑައަޅަންވާނީ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް, އެ އަމުރުގައި، ބަންދުކުރެވޭ މީހާގެ ފުރިހަމަ މައުލޫމާތާއި، މި ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ މަރުކަޒުގެ މައުލޫމާތާއި، އެ އަމުރު ތަންފީޒު ކުރަންޖެހޭ ވަގުތު، މިނިސްޓަރު ކަނޑައަޅަންވާނެ. މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، އެ އަމުރު ބާތިލުކުރެވެންދެން ނުވަތަ ބަދަލުކުރެވެންދެން ދެމިއޮންނާނެ އަމުރެއް," ހަނގުރާމަ މަތިން އަންނަ ހުރިހާ އެންމެން ބަންދުކުރުމުގެ ގާނޫނީ ބާރުވެރިކަން ހޯމް މިނިސްޓަރަށް ލިބިގެންވާ ކަމަށް މި އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

15 އަހަރުން ދަށުގެ ކުދިން ބަންދު ކުރެވޭނެ ހާއްސަ އިޖުރާއަތް

ޖިނާއީ އެއްވެސް ކުށެއްގައި އުމުރުން 15 އަހަރުން ދަށުގެ ކުދިން ބަންދު ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވީނަމަވެސް، މި ހާއްސަ އުސޫލުގެ ދަށުން އެ އުމުރު ފުރާގެ ކުދިން ބަންދު ކުރެވޭނެ އެވެ. އެގޮތުން, މިކަމަށް ހާއްސަ އިޖުރާތެއް މި އުސޫލުގެ ދަށުން އެކުލަވާލާފައި ވެއެވެ.

އެފަދަ ކުދިން ވަކި މަރުކަޒެއްގައި ބައިތިއްބަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވީނަމަވެސް، މަސްލަހަތަށް ރިޔާއަތް ކުރުމަށްފަހު، ކުދިންގެ ބެލެނިވެރިޔަކާއި އެއް މަރުކަޒެއްގައި ބައިތިއްބިދާނެ އެވެ. ނަމަވެސް ވަކި ހާއްސަ ހާލަތްތަކުގައި އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް އިންޒާރަކާ ނުލާ ގެންދިއުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.

މައިންބަފައިންނާއި ކުދިން ވަކި ކުރެވޭނެ ހާލަތްތައް:

  1. އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން
  2. ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭންޖެހޭ އަޅައިލުމާއި ރައްކައުތެރިކަން ނުދެވުން
  3. އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުންވެފައިވުން
  4. އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ޝިކާރައަކަށް ކުއްޖާ ވެފައިވުން، ނުވަތަ އެކަމަށް ފުރުސަތު އޮތުން
  5. އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ހާލަތެއްގައި އެކުއްޖާ ހުރުން

މިފަދަ ކުދިން އާއިލާގެ އެހެން މެމްބަރަކާއި ހަވާލުކުރާނަމަ ރިސްކް އެސެސްމެންޓަކަށް ފަހު އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ޝަރުތުކޮށް ހަވާލުކުރެވިދާނެ ކަމަށް މި އުސޫލުގައި ވެއެވެ. ހަވާލުވާނެ ފަރާތެއް ނެތް ނަމަ މަރުކަޒުގައި ބަންދުކުރެވޭނެ އެވެ.

ކުޑަކުދިންގެ މަރުކަޒުގައި ތިބެން ޖެހޭނީ ކުޑަކުދިން ބެލުމުގެ ތަމްރީނު ލިބިފައިވާ މީހުން ކަމަށާއި، އެކުދިނަށް ތައުލީމާއި، ތަމްރީނު ލިބޭނެ އިންތިޒާމްތައް ބަންދު ކުރެވޭ މަރުކަޒެއްގައި ހަމަޖެހެން ވާނެ ކަމަށް އުސޫލުގައި ފާހަގަކޮށްފައި ވެއެވެ.

މި މަރުކަޒުގައި ބަންދު ކުރެވޭ ހުރިހާ އެންމެންވެސް ދޫކޮށްލާނީ އެމީހުންނަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓް ހެދުމަށްފަހު އެވެ. އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައިފިނަމަ، ރީހެބިލިޓޭޝަން ޕްރޮގްރާމާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެ އެވެ.

މި މަރުކަޒުގައި ބަންދު ކުރާ ފަރާތްތަކަށް ގުޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރާއްޖެ ނަމްބަރުތަކަށެވެ. އެއީވެސް އެ މީހުންގެ އާއިލާގެ މީހުންނަށް އެކަންޏެވެ.

މި އުސޫލުގެ އިތުރުން ހަނގުރާމައިން އަންނަ މީހުންގެ އިންޓެލިޖެންސް ޑީ-ބްރީފިންގއާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވާއިދަކާއި، އެމީހުންގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ވެސް ހޯމް މިނިސްޓްރީން ގެޒެޓް ކޮށްފައި ވެއެވެ.

އެ މީހުން (ސީރިޔާގެ ހަނގުރާމައަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން) ގެނެވެން އޮތް ގޮތެއް ބަލައި އެންމެ އަވަހަކަށް ގެނެވޭތޯ މަސައްކަތްތަކެއް އެބަކުރަން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 04 ޖުލައި 2019 ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސީރިޔާއަށް ގެންދިޔަ ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރުން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި އދ. އާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ސަރުކާރުން އެކަން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި ނަމަވެސް އެ މީހުން ގެނެސް މުޖުތަމައަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރެއްވި އެވެ.

"ޔޫއެންއެޗްސީއާރުން ވެސް އަދި އެހެން ގައުމުތަކުން ވެސް ބުނަނީ އެ މީހުން ގެނެސް ޑީރެޑިކަލައިޒްނުކޮށް ދޫކޮށްލުމަކީ މުޅި މުޖުތަމައަށް އޮތް ނުރައްކަލަކޭ،" ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ.

އެގޮތުން ސީރިއާއިން ގެންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން ހޭލުންތެރިކުރުމަށް ތަނެއް ހަދައި އެ މަސައްކަތަށް ބޭނުންވާ މީހުން ތަމްރީން ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ. ރައީސް އެ އިޝާރާތް ކުރެއްވީ އެ މީހުން ބަންދުކުރުމަށް ކ. ހިންމަފުށީގައި އެޅި ޑީރެޑިކަލައިޒޭޝަން ސެންޓަރަށެވެ.

ޓެރަރިޒަމް ގާނޫނު އިސްލާހުކުރި އިރު ޑީރެޑިކަލައިޒޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ހިމަނާފައިވާއިރު، އެތަން އިމާރާތް ކުރަން 49 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)އާ އެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ސީރިއާގެ ދާހިލީ ހަނގުރާމައަށް 60 އަށް ވުރެ ގިނަ ދިވެހީން ގޮސްފައިވެ އެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑުތަން އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox