ސަސް އަތުން ގްރީން ސްޓްރީޓްސް އަށް މުހިންމު މޮޅެއް

Jan 4, 2022, 5:58 PM
ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-1 އިން ކްލަބް ގްރީން ސްޓްރީޓްސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުވެ، ޖެހި ގޯލުގެ ތަފާތުންނެވެ. މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އިން ވަނީ ތިން ވަނައިގައި ލީޑެއް ނަގައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސަސްގެ އޮތީ ހަ ޕޮއިންޓެވެ.

ފަސް ވަނައިގައި އޮތް އީގަލްސް އާއި ހަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު ބުރު ނިމޭއިރު އެއް ވަނަ އާއި ދެ ވަނަ ޓީމަށެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އެބައޮތެވެ.

ގްރީން ސްޓްރީޓްސްގެ ޔާނު (ކ) ސަސްގެ މުލަކޭ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސް އިން މިރޭގެ މެޗަށް ނުކުތީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރި ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ނުލަ އެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ އެގާރައިގައި ވަނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ހިމަނައިފަ އެވެ. ސަސް އިން ވަނީ މެޗަށް ނެރެން ނިންމި ފުރަތަމަ އެގާރަ އަށް ފަހު ވަގުތު ބަދަލެއް ގެނެސްފަ އެވެ. މަމްދޫހު އިބްރާހިމްގެ ބަދަލުގައި އަހުމަދު ފަރުހާން (ގައްބެ) ވަނީ ކުޅެން އަރުވައިފަ އެވެ.

މެޗު ފަށައިގެން ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި އިބްރާހިމް އަތީގް ހަސަން (އިއްބެ) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާސީދާނުވެ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގައި ތަނަވަސްކުރި ރަނގަޅު ފުރަތަމަ ފުރުސަތުގައި ލީޑުނަގައިފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ދިން ބޯޅަ މުނޯޒް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އެ ގޯލު ޖެހިތާ ހަ މިނިޓް ތެރޭ އަންސަރު އިބްރާހިމް (އަންކޮ) ވަނީ ގްރީން ސްޓްރީޓްސްގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިއު (މައިތޯ) ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ތަނަވަސްކުރި ފުރުސަތެއްގައި އަންކޮ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ސަސް އަށް ފުރަަތަމަ ހާފުގައި ގޯލެއް ޖަހައިދޭން މެޗުގެ 29 ވަނަ މިނިޓްގައި އިއްބެ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކުޑަ އޭރިއާތެެރެއިން ހުސްކޮށް ކަހަލަ ގޮތަކަށް އިއްބެ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އިބްރާހިމް ހަސީބް ވަނީ ސަލާމަތްކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ސަސް އިން ވަނީ 50 ވަނަ މިނިޓްގައި ފުރަަތަމަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މުލަކޭ އެވެ. މުލަކޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަންކޮ (ކ) ސަސްގެ ސާމިރު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލު ޖަހަން މެޗުގެ 62 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ސަސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއިން ޗޯޓު ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ރަނގަޅު ވަގުތުގައި އަރައި ބޯޅަ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓްގައި ސަސް އިން ނަތީޖާ ހަމަހަމަކުރަން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ލިބުނު ހިލޭ ޖެހުމެއްގައި އައިހަމް އަހުމަދު ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސް އިން ވެސް ދިޔައީ ނުރައްކާ ކުރަމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) ރަނގަޅު ހުރަސްތަކެއް ކުރި ނަމަވެސް އެ ބޯޅަތައް ފޮނުވާލަން އަރާނެ ކުޅުންތެރިއަކު ނުވި އެވެ.

ސަސް އިން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ތެރޭގައި ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަހުމަދު ރަމީޒް ވަނީ އެ ބޯޅަތައް ހުއްޓުވަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox