ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން 3-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ކްލަބް އީގަލްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މުބާރާތުގައި މިއަދުގެ މެޗަށް ނުކުތްއިރު، މޮޅެއް ނުލިބި އޮތް ހަމައެކަނި ތިން ޓީމުގެ ތެރެެއިން ދެ ޓީމަކީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި އީގަލްސް އެވެ. ދެން މޮޅެއް ނުހޯދި އޮތީ ދަ ގްރާންޑޭ އެވެ. މިއަދުގެ މެޗުން މޮޅުވެ، އީގަލްސް އިން މި ވަނީ ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި ފަހަރުގެ ސީޒަނުގައި އީގަލްސް ފުރަތަމަ ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ.
މިއަދުގެ މޮޅާ އެކު އީގަލްސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތަރު މެޗުން ޕޮއިންޓެއް ހޯދައިގެން ލީގުގެ ފުލުގަ އެވެ. ހަތް ވަނައިގައި އޮތީ ތިން މެޗުން ޕޮއިންޓަކާ އެކު އޮތް ދަ ގްރާންޑޭ އެވެ. ދަ ގްރާންޑޭ މިރޭ ކުޅޭ މެޗުގައި ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ.
ޔުނައިޓެޑް ވިކްޓްރީން ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި މުހައްމަދު އާރިފް (ބަކާ) ހިމަނައިފަ އެވެ. މިއީ މި ފަަހަރުގެ ސީޒަނުގައި ބަކާ ކުޅޭ ފުރަތަމަ މެޗެވެ.
އީގަލްސް އިން ވަނީ މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ޔުނައިޓެޑް ވިކްޓްރީ ގޯލާ އަމާޒުކޮށް ހަމަލާ ފޮނުވާލަން ފަށައިފަ އެވެ. އެ ގޮތުން މެޗުގެ ނުވަ ވަނަ މިނިޓްގައި އީގަލްސްގެ އަލީ އަޒުވާން އަބްދުލް އަޒީޒް ހުސްކޮށްލާފައި އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ދިނުމުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ހަތަރު މިނިޓް ފަހުން އަޒުވާން އަށް ލިބުނު ފުރުސަތަކުން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ލަނޑެއް ޖަހަން އީގަލްސް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އޭރިއާތެރެއިން އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ) އަށް ލިބުނު ބޯޅަ އޭނާ ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކައިރިން ނައްޓާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ލިބުނެވެ. އެ ގޮތުން އެ ޓީމުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަހުމަދު ބައްސާމް މުހައްމަދު ނާއީމް (ބައްކު) އަށެވެ. މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ބޯޅައެއް އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ އަތުގައި ޖެހިފައި ނުކުތުމުން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ބައްކު ޖެހި ބޯޅަދިޔައީ ބޭރުންނެވެ. އޭގެ ފަހުން މެޗުގެ 36 ވަނަ މިނިޓްގައި ބައްކު ޖެހި ބޯޅައެއް ވެސް ކީޕަރު ތޯހާ ވަނީ ހުއްޓުވައިފަ އެވެ.
އީގަލްސް އިން ދެ ވަނަ ހާފަށް ނުކުތީ މުހައްމަދު މުސަފްގެ ބަދަލުގައި އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިގެންނެވެ.

އީގަލްސްގެ ހަންނަ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓްރީގެ މުސައްނިފު މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމުގައި ވިޔަސް ބައްކު ވަނީ ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައި ގޯލު ޖަހައިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ބައްކު އަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު ތޯހާ ގައިދަށުންނެވެ. އެކަމަކު، އޭގެ ދެ މިނިޓް ފަހުން ބައްކު އަށް ލިބުނު ފުރުސަތުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.
މެޗުގެ 57 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ނާޖީ އަށް ހެދުނު ގޯހެއްގެ ފައިދާނަަގައި އީގަލްސްގެ އިބްރާހިމް ޝަރީފް ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. އެ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ކީޕަރު ނާޖީ އަށް އަނިޔާވުމުން އޭނަ އަށް ވަނީ ދަނޑުމަތީގައި ފަރުވާދީފަ އެވެ. ފަހުން ނާޖީ އަށް މެޗު ފުރިހަމަ ނުުކުރެވޭނެތީ އޭނާގެ ބަދަލުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ދެ ވަނަ ކީޕަރު އަލީ އާރިފް ކުޅެން އަރުވައިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދޭން ބަދަލެއްގެ ގޮތުގައި ކުޅެން އެރި އަރީން އަބްދުﷲ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްވެގެން ދިޔައިރު އީގަލްސް ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ބަކާ އަތުން ހާފުގެ މެދުތެރެއިން ގެއްލުނު ބޯޅައެއްގައި އީގަލްސް އިން ކުރި އެޓޭކަކުން އަޒުވާން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 68 ވަަނަ މިނިޓްގައި ހަންނަ ދިން ބޯޅައަކުން އަޒުވާން މި ގޯލު ޖެހީ އޭރިއާތެރެއިންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އަަޒުވާން ޖެހި ދެ ވަނަ ގޯލެވެ.
ދެ ވަނަ ފަހަރަށް ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބަކާ އެވެ. މި ޕެނަލްޓީ އަކީ އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އޭރިއާތެރެއިން ޔުނައިޓެޑް ވިކްޓްރީގެ އަރީން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އީގަލްސް މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގައި ހަންނަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ގޮސް ހަންނަ ވަނީ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. ހަންނަ މި ގޯލު ޖަހަން ފުރުސަތު ހޯދީ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރަކަށް ފައުލުކޮށްފައި ކަމަށް ބުނެ، އެ ޓީމުގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު، ރެފްރީ ސިނާން ހުސެއިން ނިންމީ ގޯލު ބަލައިގަންނާށެވެ.











