ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރަށް ގޯސްވެ، ދުނިޔެ އަލުން ހުއްޓުމަކަށް ނުގޮސްފި ނަމަ، ބަލިމަޑުކަމުގެ ކުރިން ވަމުން އައި ވަރަށް މިއަހަރު ފައިދާ ވާނެ ކަމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.
އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "އަަދަދު"އަށް މިއަދު ވިދާޅުވީ 2019 އަހަރު ފައިދާވި މިންވަރަށް، މިއަހަރު ނިމޭ އިރު ފައިދާވާން ފަށާނެ ކަމަށް ލަފާކުރަނީ މައިގަނޑު ދެ ކަމަކަށް ބިނާކޮށް ކަމަށެވެ. އެއް ކަމަކީ ކުރިން ހުއްޓިފައި ހުރި ގިނަ ގައުމުތަކެއް ހުޅުވި، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ. ދެވަނަ ކަމަކީ މޯލްޑިވިއަންއިން އާ މަންޒިލުތަކަށް ދަތުކުރަން ފެށުމެވެ.
"ގިނައިން ޓޫރިސްޓުން އަންނަންޏާ އަޅުގަނޑުމެންނަށް ސީޕްލޭން އޮޕަރޭޓްކުރުމުގެ އިތުރު ކޮންޓްރެކްޓްތައް ހޯދޭނެ. އެއީ ވެސް ފައިދާ އިތުރުވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބައިނަލް އަގުވާމީ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަކީ މޯލްޑިވިއަންގެ ދިގުމުއްދަތުގެ ޓާގެޓެކެވެ. ބައެއް މަންޒިލްތަކަށް މިއަހަރު ވެސް އަލަށް ދަތުރު ފަށަން އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ނިއުދިއްލީއަށް މިދިޔަ ނޮވެމްބަރު މަހު ދަތުރު ފެށުމުން އެ ދަތުރުތަކުން ވެސް އަންނަނީ ފައިދާ ވަމުން ކަމަށާއި އިންޑިއާގެ އަހުމަދު އާބާދަށް ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ.
އެހެން ނަމަވެސް, އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ހުއްޓުނު ބައެއް ދަތުރުތައް އަދިވެސް ވަނީ ނުފެށި އެވެ. ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ، އަދިވެސް އޮތީ ހުޅުވައި ނުލަ އެވެ.
"މިއަހަރު ފައިދާ ވާނެ ކަމަށް ލަފާކުރައްވަނީ ޗައިނާ ވެސް ހުޅުވޭނެ ކަމަށް ބަލައިގެންތޯ" ސުވާލުކުރުމުން އޭނާ ވިދާޅުވީ ޗައިނާ ނުހުޅުވުނަސް، ބަލިމަޑުކަމުގެ ކުރީގެ ހާލަތަށް، ކުންފުނީގެ ހާލަތު އިއާދަވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް 2019 ވަނަ އަހަރު އޮތް ހިސާބަށް، މިއަހަރު ނިމޭ އިރު ދެވޭނެ ކަމުގެ،" ޖެނިފާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު، އައިއޭއެސްއަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ ބޮޑު ފައިދާއެއް ވެފަ އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިއޭއެސްއަށް 104 މިލިޔަން ރުފިޔާގެ ފައިދާ ވި އެވެ. އެއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 52 މިލިޔަން ރުފިޔާގެ ފައިދާ އެވެ.










