ފާއިތުވި އަހަރަކީ ކޮވިޑް-19ގެ ސަބަބުން ދިވެހި ކުޅިވަރަށް އެކި ގޮތްގޮތުން ހުއްޓުން އައި އަހަރެކެވެ. އެކަމަކު، 2022 ވަނަ އަހަރަށް ދިވެހި ކުޅިވަރު ތައްޔާރުވާން ޖެހޭނީ އާ އަޒުމެއްގަ އެވެ. ރާއްޖޭގެ އެތުލީޓުންނަށް ފަހި ފުރުސަތުތަކެއް މި އަހަރު އެބައޮތެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ މި އަހަރު ރާއްޖެ ފަސް ގޭމްސް އެއްގައި ވާދަކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ރާއްޖޭގެ އެތުލީޓުން މި އަހަރު ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ފަސް ގޭމްސް އަކީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ.
ރަޝިއާގެ ވްލަޑިވޮސްޓޯކްގައި ޖުލައި މަހުގެ 22 އިން 8 އޯގަސްޓަށް ކުރިއަށްދާނީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް އެވެ. ކޮމަންވެލްތު ގޭމްސް އޮންނާނީ ޖުލައި 28 އިން އޯގަސްޓް 8 އަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ތުރުކީގެ ކޮންޔާގައި ކުރިއަށްދާ އިސްލާކިމް ސޮލިޑަރިޓީ ގޭމްސް އޮތީ އޮގަސްޓް 9 އިން 18 އަށެެވެ. އޭޝިއަން ގޭމްސް އޮތީ ސެޕްޓެމްބަރު 10 އިން 25 އަށް ޗައިނާގެ ހަންޒޫގަ އެވެ. އަދި އޭޝިއަން ޔޫތު ގޭމްސް އޮތީ ޑިސެމްބަރު 20 އިން 28 އަށް ޗައިނާގެ ޝަންޓޯގަ އެވެ.
މި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަވާނީ ކޮމަންވެލްތު ގޭމްސް އެވެ. ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހު އެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.
ކޮމަންވެލްތު ގޭމްސްގެ ބެޓަން ރިލޭ ހަރަކާތްތައް ރާއްޖޭގައި
ކޮމަންވެލްތު ގޭމްސްގެ "ބާމިންހަމް 2022 ކުއީންސް ބެޓަން" އަށް ރާއްޖޭން މަރުހަބާ ކިޔާފައިވަނީ ރައީސް އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އިވެންޓެއްގަ އެވެ. ރާއްޖޭގެ ފަރާތުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އިވެންޓެއްގަ އެވެ. އަރިހުގައި ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމަންވެލްތުން ހަމަޖައްސާފައިވަނީ ކޮންމެ ގައުމެއްގައި ވެސް ބެޓަންގެ ދަތުރުގެ ރަސްމީ ހަރަކާތްތައް ވަކި ދުވަސްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ރާއްޖޭގެ ރަސްމީ ހަރަކާތްތައް ފެށީ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސްޓޭޑިއަމްގައި ބޭއްވި އާ އަހަރުގެ މިއުޒިކް ޝޯގަ އެވެ. އާންމުންނަށް ކޮމަންވެލްތު ގޭމްސްގެ ކުއީންސް ބެޓަން ދައްކާލި މި ހަރަކާތުގައި އެމްއޯސީގެ ރައީސް ސައްތާރާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވި އެވެ.

މަރުހަބާވީސް އިވެންޓްގެ ތެރެއިން ކުޑަކުދިންތަކެއް ކޮމަންވެލްތު ކުއީންސް ބެޓަން ހިފައިގެން.-- ފޮޓޯ: އިމޭޖަސް،އެމްވީ
ކުރިއަށް އޮތް ދެ ދުވަހު ކޮމަންވެލްތު ބެޓަން ރިލޭގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދާނެ އެވެ. އެ ގޮތުން ހަރަކާތްތައް ރޭވިފައި އޮތީ ތިލަދުންމަތީ ތިން ރަށެއްގަ އެވެ. އެ ގޮތުން މިއަދު ހދ. ނޮޅިވަރަންފަރުގައި އޮތީ ކުއީންސްބެޓަން ރިލޭ އާއި ހޮޅުއަށިގެ ނަމުގައި ކުރިއަށްދާ ވާހަކަ ކިޔައިދިނުމުގެ އިވެންޓެކެވެ. އެ އަށް ފަހު ނޮޅިވަރަންފަރުގެ އަތިރިމަތި ސާފުކުރުމުގެ ހަރަަކާތެއް ބާއްވާނެ އެވެ. މިއަދު ހަވީރު ނޮޅިވަރަމްގައި ވެސް ބެޓަން ރިލޭގެ އިވެންޓެއް އޮންނާނެ އެވެ.
އެ އަށް ފަހު މާދަމާ ހއ. ދިއްދޫގައި ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ހެދުނު އޮންނާނީ އަތިރިމަތި ސާފުކުރުމާއި ޗޭންޖްމޭކާ އިވެންޓް އެވެ. އަދި ހަވީރު ވަގުތު ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެެވެ. މި ފެސްޓިވަލްގައި ކުރިއަށްދާނެ ކުޅިވަރު ހަރަކާތްތަކަކީ ފެތުން، ވޯޓާ ޕޯލޯ، ކައިޓް ބޯޑިން، އެކުއަޓިކް ޒުމްބާ، ބޮއްކުރާ ރޭސް، ބީޗްވޮލީ އަދި ބަށި އެވެ. އެ އަށް ފަހު ދިއްދޫގައި ކުއީންސް ބެޓަން ރިލޭގެ އިވެންޓް އޮންނާނެ އެވެ.
ރާއްޖޭގެ ހަރަކާތްތަކަށް ފަހު ދެން ބެޓަން ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ސްރީ ލަންކާ އަށެވެ.ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭ ފެށީ މި އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިންގްލެންޑުންނެވެ. އޭގެ ފަހުން 294 ދުވަސް ތެރޭ ދުނިޔޭގެ 72 ގައުމަކަށް މި ބެޓަން ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.












