ރިޒޭ އަހަރެއްހާ ދުވަސް ފަހުން އެނބުރި ދަނޑަށް

Dec 31, 2021, 3:51 AM
އިއްޔެގެ މެޗުގެ ތެރެއިން ރިޒޭ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެގެ މެޗުގެ ތެރެއިން ރިޒޭ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު ކުޅުމާ ދުުރުގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކުޅުމަށް އެނބުރި އައިސް ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި އެވެ.

އިއްޔެ، ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން އީގަލްސް ބަލިވި މެޗުގައި ރިޒޭ ކުޅެން އެރީ މެޗުގެ 52 ވަނަ މިނިޓްްގައި ހުސެއިން އަހުސާމް މޫސާ (ތިއްތޭ)ގެ ބަދަލުގަ އެވެ. މިއީ މި އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު ވެެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒޭގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދިއުމަށް ފަހު ރިޒޭ ކުޅުނު ފުރަތަމަ މެޗެވެ.

ސަސްއާ ދެކޮޅަށް އިއްޔެ 40 އަށް ވުރެ ގިނަ މިނިޓް ޖުމްލަ އެއްކޮށް ކުޅުނު ރިޒޭ "އަދަދު" އަށް ބުނީ ބޭނުންވަނީ އަންނަ ފެބްރުއަރީ މަހު ފަށާ ދިވެހި ޕްރިމިއާ ލީގަށް ރަނގަޅަށް ފިޓްވުމަށް ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކުގައި ކުޅެން ނިންމީ މަޑުމަޑުން މެޗު ފިޓްނަސް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ކުރިން ހުރި ލެވަލަށް ދާން ޖެހޭނީ މަސައްކަތް ކުރަން،" އީގަލްސް އަށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިިދިން ގޯލު ޖެހި ފޯވާޑް، ރިޒޭ ބުންޏެވެ.

ސަސްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން އީގަލްސްގެ ފޯވާޑް ރިޒޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިޒޭ އިއްޔެ ސަސްއާ ދެކޮޅަށް ކުޅުނީ އެންމެ ފަހުން މެޗެއް ކުޅުނުތާ 360 ދުވަސް (11 މަހާއި 26 ދުވަސް) ފަހުންނެވެ.

ކޮވިޑާ ހެދި ރިޒޭ އޮޕަރޭޝަން ކުރަން އެންމެ ފުރަތަމަ ހަމަޖެހުނު ތާރީހުގައި ނުކުރެވި އެންމެ ފަހުން ސާޖަރީ ކުރެވޭގޮތްވީ މި އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ރިޒޭގެ ޕޯސްޓް ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށް ގެންދިޔައީ، ގިނަ ކުޅުންތެރިންގެ ރިކަވަރީގައި އެހީތެރިވެދޭ، ފިޓްނަސް ކޯޗު އަދި ކާމިޔާބު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު އެވެ.

މީގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި މުއީނާ ބުނީ ކޮވިޑް ލޮކްޑައުނާއި އެހެނިހެން ކަންތައްތަކުގެ ސަބަބުން ރިޒޭގެ ރިހެބިލިޓޭޝަން ދިގުލައިގެންދިޔަ ކަަމަށެެވެ.

އެހެން ނަމަވެސް ރިޒޭގެ، އޮޕަރޭޝަން ކުރި ފައިގައި ވަރު ޖެއްސުމާއި އެހެނިހެން ފިޓްނަސްގެ ކަންކަމަށް ބަލައިގެން އޭނާ އަށް އަލުން ދަނޑަށް އަންނައިރު ހުންނާނީ އަނިޔާއިން ރަނގަޅުވެފައި ކަމަށާއި ދެން ޖެހޭނީ ބިރުކަނޑުވާލައި، ކޮންފިޑެންސް ބިލްޑްކުރަން ކަމަށް މުއީނާ ބުންޏެވެ.

ރިޒޭ ޕްރެކްޓިހުގައި ބައިވެރިވާން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އިންޑިވިޖުއަލް ޕްރެކްޓިސްތަކެއް ކުރުމަށް ފަހު ޓީމު ޓްރެއިނިންއާ ގުޅުނީ އީގަލްސްގެ ޕްރެކްޓިސްތައް ފެށުމުންނެވެ. އީގަލްސްގެ ޕްރެކްޓިސް ފެށީ މިިދިޔަ މަހުގެ މެދުތެެރޭގަ އެވެ.

މިދިޔަ ތިން ވަރަކަށް ސީޒަނަށް ބަލާއިރު، އުމުރުން 26 އަހަރުގެ ރިޒޭ ހުރީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ތަފާތު ފޯމުގަ އެވެ. ރިޒޭ ވަނީ 2019-2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އީގަލްސް އަށް 28 ގޯލު ޖަހައިދީފަ އެވެ. އެ ސީޒަނުގައި ޖުމްލަ އެއްކޮށް ފަސް ހެޓްރިކް ހެދި އެވެ.

އޭގެ ކުރިން އަހަރު 2018 ވަނަ އަހަރުގެ ސީޒަނުގައި ރިޒޭ ވަނީ 31 ގޯލު ޖަހައިފަ އެވެ. އެ ސީޒަނުގައި ވަނީ ޖުމްލަ އަށް ހެޓްރިކް ހަދައިފަ އެވެ.

ރިޒޭ (ކ) އަށް މުއީނާ ނަގައިދިން ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާއިރު، ރިޒޭގެ ކެރިއަރުގެ އެންމެ ހާއްސަ އެއް އުސްއައްޔަކީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ހަމަކުރުމެވެ. ރިޒޭ، 2018 ވަނަ އަހަރު ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި އެއްވަރުކުރީ ކްރޮއޭޝިއާގެ ސްޓޭޓް ލީގެއް ކަމަށްވާ ޑަކޯވޯ ލީގުގެ އެންކޭ ޒިރިންސްކީގެ ފޯވާޑް ސްޓެފަން ލުސިޖަނިޗްގެ ރެކޯޑާ އެވެ.

ރިޒޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފަ އެވެ.

އަނިޔާގައި ހުންނަން ޖެހުމުން ރިޒޭ އަށް މި އަހަރު އޮކްޓޫބަރު މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕް ގެއްލުނުއިރު، ކްލަބް އީގަލްސްގެ އޭއެފްސީ ކަޕްގެ މެޗުތަކުގައި ވެސް ނުކުޅެވުނެވެ. އީގަލްސް މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅުނުއިރު، އެ ޓީމު އެ ހިސާބަށް ގެންގޮސްދިނުމުގައި ރިޒޭ އިސް ދައުރެއް އަދާކުރި އެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ ބަލިވެފަ އެވެ. އީގަލްސް ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox