ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން 2-0 އިން ކްލަބް އީގަލްސް ބަލިކޮށްފި އެވެ.
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ ދެ މެޗުގައި އީގަލްސް ބަލިވީ ޓީސީ އާއި މާޒިޔާ އަތުންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެންމެ ފުލުގައި އީގަލްސް އޮތީ ޕޮއިންޓެއް ނުލިބި އެވެ. މިިދިޔަ ސީޒަނުގައި ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް ލީގުގެ ފުރަތަމަ ހަތަރު މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ. މި ފަހަރު ސީޒަން ފަށައިގެން މިހާތަނަށް ޕޮއިންޓެއް ވެސް ނުލިބި އޮތް ޓީމަކީ އީގަލްސް އެވެ.
ސަސް އިން މި ވަނީ ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ޓީސީ އާއި އީގަލްސް ބަލިކޮށްފަ އެވެ. ސަސް ހަތަރު ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

ސަސްގެ ކީޕަރު ޝަފީއު (ވ) ކައިރިން ބޯޅަ ހިފައިގެންދާން އީގަލްސްގެ އިންމަ (ކ) މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިއަދުގެ މެޗަށް އީގަލްސް އިން ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ފަހު ވަގުތު ބަދަލެއް ގެނެސްފަ އެވެ. ޒައިން ޒަފަރުގެ ބަދަލުގައި އިމްރާން ނަޝީދު (އިންމަ) ވަނީ ކުޅެން އަރުވައިފަ އެވެ. މެޗުގައި ފުރަތަމަ ފުރުސަތު ވެސް ލިބުނީ އިންމަ އަށެވެ. ސަސްގެ އޭރިއާތެރެއިން ވެއްޓިގެންފައި ބޮލުން ގޯލަށް ފޮނުވާލަން އިންމަ މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.
ސަސްގެ މިޑްފީލްޑަރު އަހުމަދު ނަޝާހު (ނައްޓު) އަށް މެޗުގެ 14 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވިގެން އޭގެ ބޭނުން ނުހިފުނެވެ. ސަސް އިން ވަނީ ފުރަތަމަ ހާފުގައި އީގަލްސް އޭރިއާތެރެއިން ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ކުރި ދެ ފައުލަކަށް ޕެނަލްޓީ ހޯދަން އެޕީލްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އީގަލްސްގެ ކުޅުންތެރިންނަށް ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހުރި ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.
ސަސް އިން ވަނީ މެޗުގެ 34 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ އިބްރާހިމް އަތީގް (އިއްބެ) އެވެ. ސަސްގެ މުހައްމަދު ރަޝީދު (ހޮކޭ) ހުސްކޮށްލާފައި އަރިމަތިން ނައްޓު އަށް ޖައްސާލި ބޯޅަ އޭނާ ވަނީ ރަނގަޅު ވަގުތުގައި އޭރިއާތެރެއިން އިއްބެ އަށް ކުޅެފަ އެވެ. އިއްބެ ޖެހި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ އަތުގައި ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ސަސް އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ މުލަކޭ އެވެ. ފުރަތަމަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު ސަހާއު (ބޭލް) އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މުލަކޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އީގަލްސް އިން ވަނީ މެޗުގެ 51 ވަނަ މިނިޓްގައި އަހުމަދު ރިޒްވާން (ރިޒޭ) ކުޅެން އަރުވައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅެނިކޮށް ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އިން ރިކަވާވުމަށް ފަހު ރިޒޭ ކުޅުނު ފުރަތަމަ މެޗެވެ.

އީގަލްސްގެ ނޫމާން ސަސްގެ ހޮކޭ ކައިރިން ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސަސް އިން ދެ ގޯލުގެ ލީޑުނަގައި، ފަހަތަށް ޖެހި ޑިފެންސް ކޮށްގެން ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެން ފެށި އެވެ. އީގަލްސް އިން ގިނަ ކުޅުންތެރިންތަކެއް އެޓޭކުގައި ބައިވެރިކޮށްގެން ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުން ދިޔަ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ސަސް އޭރިއާތެރެއިން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅަ ސަސް ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) މެޗުގެ 80 ވަނަ މިނިޓްގައި ފޮނުވާލި ހަމަލާ ސަސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
އިތުރު ގޯލެއް ޖަހަން ސަސްގެ ކުޅުންތެރިންނަށް މެޗުގެ ފަހު ވަގުތު އީގަލްސް އޭރިއާތެރެއިން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މުލަކޭ ފޮނުވާލި ބޯޅަ އީގަލްސްގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.











