ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(12 ވަނަ ބަޔާ ގުޅޭ)

"ޔަނާލަކީ ސިޔާސީ ޖޯކު ވެސް ޖަހާ މީހެއް ދޯ؟" ޑޮކުޓަރު ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

"ނޫނޭ. ހަމަ ހަގީގަތްވީމަ،" އަހަންނަށް މަޖަލެއް ނުވިއެވެ. "ދެން އަހަންނަށް ވެގެން އުޅޭ ގޮތް ސާފުކޮށްލަ ދެއްވަންވީނުންތޯ! ސާފުކޮށް ކިޔައި ދެއްވަންވީނުންތޯ! ކީއްވެގެންތޯ ޖެހިލުންވަނީ."

ޑޮކުޓަރު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ޑޮކުޓަރުގެ އެ ބެލުމުގައި މާނަތަކެއް އެކުލެވެ އެވެ. ވާހަކަތަކެއް ބުނެދެ އެވެ. އަހަންނަށް އެކަން ޔަގީންކުރެވެ އެވެ. އެކަން ހާމަވެ އެވެ. އަހަރެންގެ މޫނަށް ބަލަން އިނުމަށްފަހު އަނގައިން ވެސް ނުބުނެ އިނދެ ޑޮކުޓަރު ބަލައިލީ ޔަލްވީގެ މޫނަށެވެ. އެއާއެކު ޑޮކުޓަރު ނިތުން އިޝާރާތްކޮށްލި އެވެ.

"ޔަނާލް،" ޔަލްވީގެ އޯގާތެރި އަޑު އިވުނެވެ. "ޔަނާލު ކިޔައިދިން ވާހަކަތަކާއި، މި ކޮޅަށް ގެނެވުނު އިރު އޮތް ހާލަތާ ބަލައިފަ މިހާރު ޔަނާލް ތިޔަ ދަނީ ރިކަވަރ ވަމުން. ގާތްގަނޑަކަށް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ރިކަވަރ ވެއްޖެ."

"މާނައަކީ؟" އަހަންނަށް ބުނެލެވުނެވެ.

"ކޮންކަޝަން." ޑޮކުޓަރު ފަރުވާތެރިކަމާއެކު ބުނެލި އެވެ.

"އެކަމަކު ބޮލަށް.." އަހަންނަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޑޮކުޓަރު ފެށި އެވެ.

"ޔަނާލަށް ނޭނގި ނަމަވެސް. ކޮންމެ ވެސް ތަނެއްގައި ބޯޖެހުނީ. އެކަމުގެ ސަބަބުން ކޮންކަޝަންއަކަށް ދިޔައީ،" ޑޮކުޓަރު ހިނިތުންވެލިއެވެ. "މާބޮޑަށް ހާސްނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ."

ޑޮކުޓަރު ދެއްކި ވާހަކަތައް ގަބޫލުކުރަން އަހަންނަށް ވަރަށް ދަތިވި އެވެ. ޑޮކުޓަރަށް އިތުބާރުކުރާން ވެސް އުނދަގޫވި އެވެ. ނަމަވެސް ޔަލްވީ ވެސް ޑޮކުޓަރުގެ ވާހަކަތަކަށް ބާރު ލިބޭނެ އެތައް ވާހަކައެއް ދެއްކުމުން އަހަންނަށް މަޖުބޫރުވީ އެއީ ތެދުކަން ހިތުން ރުހުމުން ގަބޫލުކުރާށެވެ. އެ ވާހަކަތައް ގަބޫލުކޮށްގެން ލިބޭނެ ގެއްލުމެއް ދެރައެއް ނެތީމައެވެ. އެމީހުންގެ ކުރިމަތީގައި އެ ޑުރާމާ ކުޅޭށެވެ.

ދެތިން ދުވަސްވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު އަހަރެން ގެއަށް ދޫކޮށްލި އެވެ. ހޮސްޕިޓަލަށް ދެވުނު ގޮތް ހަނދާނަށް ނައި ނަމަވެސް ހޮސްޕިޓަލުން ނުކުމެގެން ދިޔައީ ހަނދާންތަކެއް ކިހިލި ޖަހައިގެންނެވެ. ހަނދާންތަކެއް އެކަންޏެއް ނޫނެވެ. ވިއްސި ވިހާލިވެފައިވާ އުއްމީދުތަކުގައި އައު ކުލައެއް ޖެހިގެން ހިތްހަމަ ޖެހިގެންނެވެ. ހަޔާތަށް ދިރުން ލިބޭފަދަ އުފާވެރި ހަނދާންތަކަކާ އެކުގައެވެ. ޔަލްވީގެ އޯގާތެރިކަމާއެކު އޭނާގެ އެހީތެރިކަމާއެކުގަ އެވެ.

"އަހަންނާ އިންނަން ކެރޭނެތަ؟" ޖެހިލުމެއް ނެތި އަހަންނަށް އަތް ދިއްކޮށްލެވުނީ ޔަލްވީ އަށެވެ.

އަހަރުމެން ތިބީ ހުޅުމާލޭގެ ޕާކުގައިވާ ގަހެއްގެ ދޮށުގަ އެވެ. ޔަލްވީ އިނީ ގޮނޑީގައި ހަމަޖެހިލައިގެންނެވެ. އޭނާ އިނީ ފަހަތުން ކުދިންތަކެއްގެ އަޑު އިވުމުން ފަހަތް ބަލާށެވެ. އަހަންނަށް ފުރުސަތު ލިބުމާއެކު ކުޑަކަކޫ މައްޗަށް ތިރިވެ ޖީބުގައި އޮތް އަނގޮޓި ނަގައި ދިއްކޮށްލީމެވެ. ޔަލްވީ އަހަންނާ ދިމާއަށް ބަލައިލީ އެ ވަގުތެވެ. ފުރުސަތުގެ ބޭނުން އަހަންނަށް ހިފުނެވެ. ޔަލްވީ އަހަންނާ ދިމާއަށް ބަލައިލީ އިރުކޮޅެއް ފަހުންނެވެ.

ޔަލްވީއަށް ލިބުނު ކުއްލި ސިހުމާއެކު އޭނާގެ މޫނަށް ޖަންބުކުލަ ވެރިވި އެވެ. އެ ރީތި މޫނަށް އުފާވެރިކަން އިތުރުވި އެވެ. އޭނާގެ ހޯލިކޮޅެއް ފަދަ ހިމަ އިނގިލިތައް އަހަންނަށް ދިއްކޮށްލި އެވެ. އަނގޮޓި އެޅުވުމާއެކު އޭނާ އުފަލުން ނަށައިލިއެވެ. އަހަރެންގެ ގައިގައި ބާރަށް ބައްދާލި އެވެ.

ކާވެނީގެ އުފާވެރި ހަނދާންތަކާއެކު ހޭދަކުރެވުނު މަޖާ ދުވަސްތައް ޞަފުހާއަކަށްފަހު ޞަފުހާއެއް އުކެމުން ދިޔަ އެވެ. ޔަލްވީގެ ބަނޑުގައި ކަންފަތް ޖައްސައިގެން އޮވެ ދެކެވުނު ވާހަކަތަކުގެ މަންޒަރުތައް ކުލަވަމުން ދިޔަ އެވެ.

"ބައްޕާ! ރޮނީތަ؟"

ޚިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނުކުމެވުނެވެ. ޔޫކާގެ އަޑު ޖެހުމުންނެވެ. ޔޫކާ ހުރީ އަހަންނާ ދިމާއަށް ބަލާށެވެ. މާޒީގެ ހިތި މަންޒަރުތައް ސިފަވަމުން ދިޔައިރު ލޮލުން ކަރުނަ ހިލިފައި ހުރިކަން ހަނދާންވީ ޔޫކާ އެހެން ބުނީމަ އެވެ.

"ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ބައްޕާ އެ ދައްތަ އެ ދެއްކީ ކޮން ތޫފާނެއްގެ ވާހަކައެއްތަ؟ އެ ދައްކަނީ ކޮން ވާހަކައެއްތަ؟" ޔޫކާ އައިސް އަހަރެންގެ އެނދުގައި އިށީނެވެ.

"ނޭނގެ ދަރިފުޅާ. މަންމައާއި ބައްޕަ ބައްދަލުވީ ހޮސްޕިޓަލުން. އެއީ އެ ބުނާ ތޫފާނުގެ ރޭ ބައްޕަ މަގުމަތީގައި ދުވެފައި ދަނިކޮށް ބައްޕައާ ވަރަށް ގާތުގައި ހުރި ތަނަކަށް ހޮނު އެޅި މަންޒަރު ފެނިގެން ބައްޕަ ވެއްޓުނުގަޑީ ތަނެއްގައި ބޯ ޖެހުމުން،" ޔޫކަށް ވިސްނޭ ގޮތަށް އެ ތޫފާނީރޭގެ ހާދިސާ އަހަރެން ކިޔައިދިނީމެވެ. "ދެން ބައްޕަ ވެއްޓި ބޯޖެހުނު ގޮތުން ހަނދާންތައް ގެއްލުނީ. ބައްޕަގެ ހަނދާންތައް އެނބުރި ލިބުނު އިރު، އެ ތޫފާނުގައި ދިމާވި އެއްވެސް ކަމެއް ހަނދާނެއް ނުވި. އެ ނޫން ހަނދާންތައް ބައްޕައަށް އަނބުރާ ލިބުނު."

"އޯހް. ޑޮކުޓަރު ކީކޭތަ ބުނީ؟" ޔޫކާ ކޮށްލީ ބޮޑު ސުވާލެކެވެ.

"އަލުން ޑޮކުޓަރަށް ދައްކައިގެން ފަރުވާ ހޯދަން." އަހަރެން ވިސްނުމެއް ނެތި ބުނެލީމެވެ.

"ދެން ބައްޕަ ދެއްކިންތަ ޑޮކުޓަރަށް؟"

"ބައްޕައަށް މައްސަލައެއް ނޫން އެ ދުވަސްތައް ހަނދާން ނެތުނަސް. ބައްޕަ ބޭނުމެއް ނޫން އެ ހަނދާންތައް އާކޮށްގެން ބައްޕަގެ ޚިޔާލުތައް ބަދަލުވާކަށް. ބައްޕަގެ ވިސްނުން ހުރީ އެގޮތަށް. އެ ހަނދާންތަކުގައި ބައްޕައަށް މުހިއްމު އެއްވެސް ކަމެއް ނުވޭ. އެއީ ބައްޕަގެ ހަޔާތަށް ނާންނަ ދުވަސްތަކެއް."

އަހަރެންގެ ލޮލަށް ބަލަހައްޓައިގެން އިން ޔޫކާއަށް ވަމުން ދިޔަ ގޮތްތައް ފެނިފައި އަހަރެން ފެންކަޅިވި އެވެ. އެ ދެ ލޮލަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ ސީދާ ޔަލްވީގެ ދެ ލޮލެވެ. އޭނާގެ ތުންފަތެވެ.

"ޔަނާލް، އުފަލުގައި އުޅެން ބޭނުން ނަމަ އެ މާޒީގެ މަތިން ހަނދާން ނައްތައިލާ. އެ ދުވަސްތައް އެއީ ނާންނަ ދުވަސްތަކެއް ކަމުގައި ބަލާ. އަހަރެން ދުވަހަކު ވެސް އެ މާޒީއާ ގުޅޭގޮތުން ސުވާލެއް ނުކުރާނަން. އާނ، ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. މާޒީއަކީ އަދާހަމައަށް އައުމަށް މެދުވެރިވާ ސަބަބު. އަދާހަމައަށް އަހަރުމެން ގެނެސްދޭ ސަވާރީ." ޔަލްވީގެ އެ އިބާރާތްތައް ކަންފަތުގައި ގުގުމައިލި ކަހަލަ އެވެ.

އެ ދުވަހުގެ ވާހަކަތައް އަހަރެން ހިއްސާކުރީ ހަމައެކަނި ޔަލްވީއަށެވެ. އެއީ ވެސް ކާވެންޏަށް ފަހުގަ އެވެ. އޭނާއަށް ހުރިހާ ކަމެއް އެނގުމުން ވެސް އަހަންނަށް ހިތްވަރު ދިނީއެވެ. އަހަންނަށް އަޅައިލީ އެވެ. އެހެން އަންހެނުންނާ ޔަލްވީ ތަފާތުވަނީ އެހެންވީމަ އެވެ. ޔަލްވީގެ ހަނދާންތަކުގައި އަހަންނަށް ދުވަސްތައް ހޭދަކުރެވެނީ އެހެންވީމަ އެވެ. ޔަލްވީ ނެތަސް ޔޫކާގެ މޫނުމަތިން ޔަލްވީ ފެންނާތީ އެވެ. އެ ތަސްވީރުން އޭނާ ފެންނާތީއެވެ.

އަހަންނަށް ޔޫކާ ގައިގައި އޮޅުލައި ގަނެވުނެވެ.

"ޝުކުރިއްޔާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ." ޔޫކާ ގައިގައި އޮޅުލަމުން އަހަންނަށް ގިސްލެވެން ފެށުނެވެ.

އިރުކޮޅެއް ފަހުން ޔޫކާ އަހަންނާ ދުރުވެލަމުން އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ކޮއްކޮ ވެސް ވަރަށް ލޯބިވޭ. ތީ ބެސްޓު ބައްޕަ." ޔޫކާގެ ތުއްތު އަޑުން ބުނެލި އެވެ.

އެއާއެކު އަހަންނަށް ކެތެއް ނުކުރެވުނެވެ. އަނެއްކާ ވެސް ޔޫކާގެ ގައިގައި އޮޅުލައިގަނެވުނެވެ.

އިރުކޮޅެއް ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅުނެވެ. ޔޫކާއަށް ނިދުނެވެ.

އަހަންނަށް އެ މާޒީއާ މެދު ވިސްނައިލެވުނެވެ. އެ ހަނދާންތަކާ މެދު ފިކުރުކޮށްލެވުނެވެ. ތޫފާނުގެ ވަގުތުގައި ކަންތައް ވީގޮތެވެ. އެރޭ ރިޔާޝާގެ ގެއިން ނުކުމެގެން ދުވެފައި ދަނިކޮށް އަހަންނަށް ކުރިމަތިވި ހާދިސާއެވެ. ވާރޭ ތެރޭގައި ދިމާވި ކަންތައްތަކެވެ. މަގުމަތިން ކޮރު އީސައާ ދިމާވި ވަގުތު އޭނާ ކިޔައިދިން ވާހަކަތަކެވެ. އޭނާގެ އެހީތެރިކަން ހޯދައިގެން ރިޔާޝާ ކުރި ކަންތައްތަކެވެ. އަހަރެން އޭނާގެ މީހަކަށް ހެދުމަށް ޓަކައި ކޮރު އީސަގެ މަދަދާއެކު ތަވީދު ލިޔެގެން އޭނާގެ އަވާގައި އަހަރެން ޖެއްސި ގޮތެވެ. ގަދަކަމުން އޭނާ އަހަންނަށް ކާންދިން ބިލެތްގަނޑެވެ. އޭގެ ފަހުން އަބަދު ރިޔާޝާއާއެކު އުޅެން އަހަންނަށް ހިތް ޖެހެވުނު ގޮތެވެ. ހުވަފެނެއްގައި އުޅެވުނު ފަދަ އެ ދުވަސްތަކުގެ ހަގީގަތް ހާމަވި އެވެ.

ކޮރު އީސައަށް ފައިސާ ދީގެން ރިޔާޝާ ބޭނުން ފިރިހެނެއްގެ ހިތް އަތުލުމަށް، އޭނާ ޖަހާ އެ ސަކަރާތުގެ ވާހަކަތަކުގެ ފަތްތޫރަ އީސާ ފަތުރައިލަދިނެވެ.

"މިހާރު އެހެން ސޮރެއް ފެނިގެން. އެ ސޮރަށް ދޭން ވެސް ބިލެތްގަނޑެއް ލިޔެދީފިން." އީސަ ބުނެދިނެވެ.

"އަހަރެން ބޭނުމެއް ނޫން، ތިކަހަލަ މީހަކާ ވައި އެޅެން ވެސް." އީސަގެ މޫނަށް ބަލައިލަމުން އަހަންނަށް ބުނެލެވުނެވެ.

"އަހަރެން ވެއްޖެ މަންތަރެއް ހަދައިފަ،" އީސަ ބުނެދިނެވެ. "މުޅި ގޭމު އަހަންނަށް ކާމިޔާބުވާ ގޮތަށް."

"މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.

"ރިޔާޝާއަކީ އަހަރެންގެ މީހަކަށް ހަދަން." އީސަ ހިނިތުންވެލި އެވެ.

"ޗީ! އީސަބެއަށް އެ ގޮތެއް ނެތް އަންހެނާ ނޫނީ ނުފެނުނުތަ؟" އަހަންނަށް ބުނެލެވުނެވެ.

"މީ ސިއްރެއް މި ސިއްރު މިގޮތުގައި ބާއްވަދޭތި. އަހަންނަށް މިކަމުގައި އެހީވެދީ. އަހަރެން މިދޭ ފެންފުޅި ގެންގޮސް އޭނާ ގަޔަށް އަޅައިލަދީ ނޫނީ އޭނާ ހެދުމަކަށް އަޅައިލަދީ." އީސަ އާދޭހުގެ ރާގުގައި ބުނެލި އެވެ.

އަހަރެން އެ ފެންފުޅީގައި ހިފީ ރިޔާޝާގެ ކިބައިން ބަދަލު ހިފަން އެހާ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން އެނގޭތީ އެވެ. އެއީ އުނދަގޫ ކަމަކަށް ވީނަމަވެސް އެކަން ކާމިޔާބު ކުރުމުގެ ރޫހު އުފެދިގެންނެވެ. ބަދަލު ހިފުމުގެ އަލިފާންގަނޑު ހަށީގައި ރޯވީމައެވެ. އަހަންނަށް އޭނާ ދިން ލަނޑުގެ ބަދަލުގައި އޭނާއަށް މުޅި އުމުރަށް އެކަމުގެ ހިތި ތަހަންމަލު ކުރާން ޖެހޭނެ ފޯމިއުލާއަކަށް އެކަންވާނެތީ އެވެ.

އޭރު ވެސް ވާރޭ ވެހޭވަރަށް ވާރޭ ވެހެމުން ދެ އެވެ. ގުގުރުމާއެކު ވިދުންކަނީގެ އަސަރު އިތުރުވަމުން ދިޔަ އެވެ. ރިޔާޝާމެން ގެއާ ހަމައަށް ދެވުނު އިރު ދެ މީހަކު ބެލްކަނީގައި ވާރޭ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. މަސްހުނިވެ އެއް ހިޔަންޏަށް ވެފައިވާ އެ މަންޒަރު ފެނުމުން އަހަންނަށް މުއްކަވާލެވުނެވެ. އެއީ ކޮން ބައެއް ކަމާއި ކުރަނީ ކޮންކަމެއް ކަން އެނގުމުން އިތުރަށް ރުޅި ގަދަވި އެވެ. އެއާއެކު އަހަންނަށް ހިނިތުންވެވުނެވެ. ވިހަ ގޮތަކަށެވެ. ރަނުގެ ފުރުސަތެއްކަމަށް ހިތް ބުނެލީމަ އެވެ.

ސިއްރުސިއްރުން ސިޑިން އަރައިގެން އަހަންނަށް އެޕާޓުމަންޓާ ހަމައަށް ދެވުނުއިރު ރިޔާޝާގެ އަޑު ފަނޑުގޮތަކަށް އިވިއިވި ހުއްޓެވެ. އެ އަޑުގެ މައްޗަށް އަރީފުގެ އަޑު ވެސް ގަދަވަމުން ދިޔަ އެވެ. އިރުކޮޅެއް ވަންދެން އަހަންނަށް ފިލައިފައި ހުންނަން މަޖުބޫރުވިއެވެ. އެމީހުންނަށް އަހަރެން ފެނިދާނެތީ އެވެ.

ބާރު ގުގުރީގެ އަޑާއެކު ރިޔާޝާގެ ހަޅޭއްލުގެ އަޑު އިވުނެވެ. އަހަންނަށް ވެސް ލިބުނު ކުއްލި ސިހުމާއެކު އަތުން ފުޅި ދޫވި އެވެ. އަތުގައި އޮތީ ފުޅީގެ މަތިގަނޑެވެ. އެ ފުޅި ބިންމައްޗަށް ވެއްޓި އޭގައި ހުރި ފެންތައް ސިޑި މައްޗަށް އެޅެމުން ދިޔަ އެވެ. އަވަސްއަވަހަށް ފުޅި ނެގީމެވެ. މަޑުމަޑުން ބެލްކަންޏަށް ބަލައިލެވުނެވެ. އޭރު ރިޔާޝާއާއި އަރީފު އެތެރެއަށް ވަންނަނީ އެވެ. ފުރުސަތުގެ ބޭނުން ހިފައި އަހަރެން އެތެރެއަށް ދެމިގަތީމެވެ. އަރީފު ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަރެން ހުއްޓިލީ އަރީފުގެ ފަހަތުގައެވެ. އޭރު ވެސް ރިޔާޝާއާއި އަރީފު ތިބީ ތަތްވެގެންނެވެ. އަރީފުގެ ގަޔަކު ޓީޝާޓެއް ނެތެވެ. އޭނާގެ ޖީންސަވަނީ ތެމިފައެވެ. މުޅި ގައިގައިވަނީ ފެނެވެ. އޭނާގެ ކޮނޑުމަތިން ރިޔާޝާގެ އިސްތަށިގަނޑު ފެންނަން އޮތެވެ. އިސްތަށިތައް ހުރީ އަރީފުގެ ގައިގައި ތަތްވެފަ އެވެ.

ފުޅި ނަގައި ރިޔާޝާގެ ބޮލާ ދިމާއަށް އަރިކޮށްލީމެވެ. އަރީފަށް އެކަން ނޭނގޭނެ ގޮތަށެވެ. ފެން އެޅެން ފެށުމާއެކު ރިޔާޝާ އިތުރަށް އަޑުގަދަކޮށްލި އެވެ. އަތުގައި އޮތް ފުޅި ހުސްކޮށްލުމަށްފަހު އަހަރެން އަރީފުގެ ބުރަކަށީގައި އެތި ފަހަރެއް އެޅުމަށްފަހު ދުއްވާ ގަތީމެވެ.

އެމީހުންނަށް ލިބުނު ސިހުމާއެކު އަރީފު އެއްލިގެން ދިޔަ އެވެ. ރިޔާޝާ ވެސް ބާރުބާރަށް ހަޅޭއްލަވާގަތެވެ. އަހަރެން ސިޑިން ފައިބެ މަގުމައްޗަށް ނުކުމެ ފަހަތް ބަލައިލީމެވެ. އަރީފު އާދޭތޯ އެވެ. ނަސީބަކުން މީހެއްގެ ހިލަމެއް ނުވެއެވެ. ނަމަވެސް އެ ވަގުތު ކަންތައް ދިމާވީ އެހެން ކަހަލަ ގޮތަކަށެވެ. ކާނުގަނޑު ތެރެއަށް އަހަރެން ގަނބައިގަތީ އެވެ. ފެންގަނޑުގެ ތެރެއަށް ވެއްޓުނީ އެވެ. ނު ތެދުވެވި އުޅެނިކޮށް ކައިރީގައި ހުރި ރުކަށް ހޮނު އެޅީއެވެ. އެހައި ހިސާބުން މުޅި މަންޒަރު ހުދުވީ އެވެ.

އަހަންނަށް މި ހުރިހާ ހަނދާންތަކެއް ސާފުކޮށް އޭރު ވެސް މިހާރު ވެސް ތަސްވީރުވެ އެވެ. ނަމަވެސް، ރިޔާޝާގެ ބޮލަށް ފެންފުޅި އަޅައިލީ އަހަރެން ކަން ހަނދާންކުރާކަށް ބޭނުމެއް ނުވެ އެވެ. އެއީ ނާންނަ ދުވަސްތަކެއް ކަމަށް ހެދިގެން މި ވީހާ ތަނަށް އަހަރެން މި އުޅެނީއެވެ. އެއީ އަހަރެން ކުރި ކަމެއް ނޫންކަމަށް ހެދިގެންނެވެ.

މިރޭ އީސައާ ބައްދަލުވުމުން އެ ހަނދާންތައް އާވި ނަމަވެސް ދެން ވެސް ކުރިއަށް ދާން ބޭނުންވަނީ އެ ހިތި ހަނދާންތަކުން ނުކުމެގެންނެވެ. ޒުވާން ފިރިހެނުންގެ މީރުކަމުން ދުނިޔެ ބަލަމުން ދިޔަ ރިޔާޝާގެ ހަޔާތަށް ތޫފާނެއް ގެނެވުމުގައި އެހީތެރިވެވުނީތީ އުފާކުރަމުންނެވެ. އާއެކެވެ. ހަޔާތަށް ތޫފާން އަންނާނީ އެކި ގޮތަށެވެ. އެކި ސިފަ ސިފައިގައެވެ. ހުއްދަނޫން ގޮތުގައި ކަމެއް ހާސިލުކުރާން ކުރާ ކޮންމެ ކަމެއް ނިމިގެންދާނީ އިބުރަތުން ފުރިގެންވާ މެސެޖުތައް ތިބީންނަށް ދެމުންނެވެ. ރިޔާޝާއަށް ވެސް އެވީ އެހެންނެވެ. ހަޔާތުގެ މި ފިލުމުގައި އަހަންނަށް ކުޅެވުނީ ވިލަންގެ ރޯލެއްތޯ ނޫނީ ބަޠަލުގެ ރޯލުތޯ ނިންމާނީ އަހަންނެއް ނޫނެވެ. ތޫފާނުގެ ނިމުން ފެންނާނީ ތޫފާނާ ކުރިމަތިވީމަ އެވެ. (ނިމުނީ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox