ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(11 ވަނަ ބަޔާ ގުޅޭ)

އަޑު އިވުނު ދިމާއަށް ބަލައިލެވުނެވެ. އެ ދިމާއިން ފެންނަން އެ ހުރީ ރީތި ހުސްކޮށްގެން ހުރި ފަންމިންޏެއް ކަހަލަ ޒުވާނެކެވެ. އޮމާން ރީތި މޫނެކެވެ. މޫނާ އެކަށީގެންވާ ދެ ލޮލެވެ. ފިނިފެންމަލުގެ ފިޔަތައް ފަދަ ރީތި ދެ ތުންފަތެވެ. އޭނާ އަހަންނާ ދިމާއަށް ބަލައިލަމުން ހިނިތުންވެލި އެވެ.

"ޔަލް.." އަހަންނަށް އިނގިލި ދިއްކޮށްލެވުނެވެ.

Advertisement

ޔަލްވީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލަމުން ހިނިތުންވެލި އެވެ.

"އަލްހަމްދުﷲ. ޔަނާލްގެ ލޮލުގެ ފެނުމަށް އެއްވެސް އުނިކަމެއް، ގެއްލުމެއް ލިބިފައެއް ނެތް،" ޑޮކުޓަރ އިނގިރޭސި ބަހުން ވާހަކަދެއްކި އަޑު އިވުމުން އަހަންނަށް ބަލައިލެވުނެވެ. "އުފާވެރި ދުވަސްތަކަކަށް އެދެން."

ޑޮކުޓަރުގެ ވާހަކަތައް ހުރި ގޮތުން މުސްލިމެއްކަން ކަށަވަރުވީތީ އިތުރު ހިތްހަމަ ޖެހުމެއް ލިބުނެވެ. ޑޮކުޓަރ ދިއްކޮށްލި އަތުގައި ހިފައިލަމުން ސަލާމްކޮށްލުމަށްފަހު ޝުކުރު އަދާކޮށްލީމެވެ.

"ލޮލުގެ ފެނުމުގެ މައްސަލައެއް ނެތީމަ ލޮލުގެ ޑޮކުޓަރުގެ ބައި ދެން ނިމުނީ. މި ހުންނެވީ، ޑޮކުޓަރު އުބައިދު. މިއީ ޔަނާލް ބައްލަވާ ޑޮކުޓަރު." ޑޮކުޓަރ އުބައިދުގެ ތަޢާރަފެއް ދިނީ ޔަލްވީ އެވެ.

"ޔަނާލް." ޑޮކުޓަރު އުބައިދު ވަރަށް ފަރުވާތެރިކަމާއެކު އަހަންނަށް ބަލައިލި އެވެ.

"އާދެ ޑޮކުޓަރ." އަހަރެން އަދަބުވެރިކަމާއެކު ބުނެލީމެވެ.

"ވީ ގޮތާއި ވެގެން އުޅޭގޮތް ޔަނާލަށް އަދި މުޅިން ސާފު ނުވާނެ. އެއްވެސް ސުވާލެއް އުފެދޭތަ އެބަ އެއްވެސް ކަމަކާ." ޑޮކުޓަރު ވިސްނުންތެރިކަމާއެކު އަހަންނާ ދިމާއަށް ބަލައިލި އެވެ.

އަހަންނަށް ފުންކޮށް ވިސްނައިލަން މަޖުބޫރުވި އެވެ. ޑޮކުޓަރު ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އެވެ. ބުނަން އުޅެނީ ކީކޭކަން ވެސް ނޭނގޭތީ އެވެ. ބައެއް ހާލަތްތަކުގައި ޑޮކުޓަރުންނަކީ ނުރައްކާތެރި މެސެޖުތައް ތިލަކޮށްދޭ ބައެކެވެ. ބިރުން ފިތްކަނޑައިގެން ދާފަދަ ހިތި ޚަބަރުތަކުގައި މާމުއި ފޭރާން އަޅުވާ ބަޔެކެވެ. ދިރިއުޅުމުގެ ފަސްލުގެ މެދުތެރެއިން ކަފިކަފި ޚިޔާލު އުފައްދަން ޖެހޭ ވާހަކަތައް ބުނެދޭ ބަޔެކެވެ. އަނެއް ބައި ފަހަރު އުފާވެރިކަމުގެ އުއްމީދުގެ ހުޅުކޮޅު ދިއްލައިދޭ މީހުންނަކީ ހަމަ ޑޮކުޓަރުންނެވެ. ނަމަވެސް، ހަގީގަތަކީ ޑޮކުޓަރުން އަބަދުވެސް ދައްކަވަނީ ސާފު މަގެއް ކަމެވެ. ކޮށްޓަވާ ދެއްވަނީ އުއްމީދީ ކުރިމަގެކެވެ. އިއްވައިދެއްވަނީ ހަގީގީ ވާހަކަތަކެއް ކަމެވެ.

"ބިރުވެރި ޚަބަރެއްތޯ؟" އަހަންނަށް ކެތެއް ނުކުރެވުނެވެ.

"ޔަނާލަށް ވިސްނެނީ ކޮން ގޮތަކަށް؟" ޑޮކުޓަރު ލުއި ގޮތަކަށް ހިނިތުންވެލި އެވެ.

"ހިތް ބިރުގަނޭ އެބަ. ވަރަށް ގިނަ ވަގުތު މި ތަނުގައި އޮވެވިއްޖެ. އެއްވެސް ސަބަބެއް ސާފެއް ނުވޭ. އެކަމަކު.. އަހަރެން ގަބޫލުކުރަނީ ކަންކަން ތެދަށް ހުރިނަމަ ހޮސްޕިޓަލްގައި ގިނަ ވަގުތު ހޭދަކުރާކަށް ނުޖެހޭނެ." އަހަންނަށް އެއް ނޭވާއިން އަމުނައިލެވުނެވެ.

"މިހެން ދިމާވެދާނެ ތަފާތު ހާލަތްތައް ހުރޭ." ޑޮކުޓަރު ކިޔައިލީ ސީދާ އަހަރެންގެ މޫނުމަތީގެ އިހުސާސްތަކެވެ.

"ކޮން؟" އަހަންނަށް އަހައިލެވުނެވެ.

"މިއީ ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ދިމާވާ ހާލަތެއްގެ ސަބަބުން، ބޮލަށް ލިބޭ ގެއްލުމަކާ ގުޅިގެން ސިކުނޑިއަށް ދިމާވާ ހާލަތެއް،" ލަސްލަހުން ޑޮކުޓަރު ބުނެދިނެވެ. "މި ގޮތަށް ދިމާވާ ދިމާވުމަށް މި ކިޔަނީ ކޮންކަޝަން."

"ކޮންކަޝަން؟" އަހަންނަށް އަހައިލެވުނެވެ.

"އާން، ކޮންކަޝަން ހިމެނެނީ ޓުރަމެޓިކް ބްރެއިން އިންޖަރީ، ކުރުކޮށް މި ކިޔާ ޓީ.ބީ.އައި ގެ ތެރޭގައި. ބޮލަށް އަނިޔާއެއް ވެގެން ކޮންކަޝަން ކުރިމަތި ވެއްޖެ މާނައަކީ އަނިޔާގެ އަސަރު ސިކުނޑިއަށް ކޮށްފިއޭ. ކުރިން ބުނެދިން ގޮތަށް މިއީ ސިކުނޑިއަށް ދިމާވާ ހާލަތެއް،" ޑޮކުޓަރު ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލައިލި އެވެ. "ގިނަ ފަހަރު މިފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހެނީ ކުޅިވަރުގެ ތެރެއިން ނުވަތަ އެނޫން ވެސް ގޮތަކުން ތަނެއްގައި ބޯ ޖެހުމުން ދިމާވާ ހާލަތްތަކުގައި."

އަހަންނަށް ވިސްނެން ފެށި އެވެ. އަހަންނަކީ ކުޅިވަރުގެ ދާއިރާގައި މާ ހަރަކާތްތެރި މީހެއް ނޫނެވެ. ކުޅިވަރަށް ލޯބިކުރާ މީހެއް ނޫނެވެ. އެއްވެސް އިރަކު ކުޅިވަރު ކުޅުނު މީހެއް ވެސް ނޫނެވެ. ދެން އަހަންނަށް އެފަދަ ހާލަތެއް މެދުވެރިވާންވީ ސަބަބެއް ނޭނގުނެވެ. ނުވިސްނުނެވެ. ދެން އޮތީ ޑޮކުޓަރު އެބުނާ އެނޫން ގޮތަކަށް ތަނެއްގައި ބޯ ޖެހުމެވެ. ވިސްނައިލެވުނެވެ. އެތައް ފަހަރަކު ވިސްނައިލެވުނެވެ. އެއްވެސް އިރެއްގައި ތަނެއްގައި ބޮލުން ޖެހުނު ހަނދާނެއް ނުވެ އެވެ. ބޮލަށް އަނިޔާއެއް ލިބުނު ހަނދާނެއް ނުވެއެވެ. ބޮލަށް ގެއްލުމެއް ލިބިގެން އެކަމާ ޑޮކުޓަރަކަށް ދެއްކުނު ކަމެއް ވެސް ނޭނގުނެވެ. އެ ފަދަ ހަނދާނެއް ވެސް ނުވި އެވެ.

"މީގައި މުހިއްމީ ވީހާ އަވަހަކަށް ފަރުވާ ދިނުން. ކޮންކަޝަނެއް ކަމަށް ޝައްކު ކުރެވޭނަމަ ޓެސްޓު ހަދައިގެން އެކަން ކަށަވަރު ކުރުން،" ޑޮކުޓަރު ބުނެދިނެވެ. "ކޮންކަޝަންގެ އަލާމަތްތައް ފެންނަ ގޮތަކުން ކަންކުރަންވީ ގޮތް އެނގުމަކީ މުހިންމު ކަމެކެވެ. އާންމުކޮށް ފެންނަ ކޮންކަޝަންގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ބޯ އެނބުރުން، ގަބުވެފައި ހުރުން، ކަންކަން އޮޅުންބޮޅުންވުން، ފެނުމަށް އަސަރު ކުރުން ފަދަ ކަންކަން ހިމެނޭ."

"ތި ކަހަލަ ކަމެއް އަހަންނަށް؟" އަހަރެންގެ ހިތުގައި ޖެހެމުން ދިޔަ ސުވާލު މާކުތައް އޮބި ނޯވެ ދުލާ ހަމައަށް ނުކުތެވެ.

"ބައެއް ފަހަރު ތަރިތަކެއް ފަދަ އެއްޗެހި ތަކެއް ފެނުން އަދި ފަސޭހައިން ކަންކަމާ އުނދަގޫވެ މޫޑު ގޯސްވާން މެދުވެރިވުން ވެސް މީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ،" ޑޮކުޓަރު އިސްކަންދިނީ ދައްކަމުން ދިޔަ ވާހަކަ ފުރިހަމަ ކުރުމަށެވެ. "އާއްމު ގޮތެއްގައި ކޮންކަޝަނަށް ފަރުވާ ހޯދާ ގިނަ މީހުން ކުޑަ ދުވަސްކޮޅެއް ނުވަތަ ހަފުތާތަކެއް ތެރޭ އާންމު ހާލަތައް އައިސް އެއްކޮށް ރަނގަޅު ވެސްވޭ. މީގައި ވަރަށް ވިސްނަންވީ ކަމެއް ވެސް އެބައޮތް، ކޮންކަޝަންގެ އަލާމާތްތައް ވަގުތުން ނުފެނިދާނެ. ބޮލަށް ބޮޑަށް ތަދުވެއްޖެ ނަމަ އަލާމާތް ތަކަށް ސަމާލުވާން ޖެހޭނެ."

"ކޮން ކަހަލަ އަލާމަތްތަކެއްތޯ؟" ޑޮކުޓަރު ވާހަކަ ނުދައްކާ މަޑުކޮށްލުމުން އަހަންނަށް އަހައިލެވުނެވެ.

"ބޮލަށް އަނިޔާވުމާއެކު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހޭނެތުން، އަނިޔާއަށް ފަހު ހޮޑުލެވުން، ބޮލުގައި ރިހުން މަޑު ނުވުން، ހަނދާނަށް އަސަރު ކުރުން، މިސާލަކަށް އަނިޔާވީ ގޮތް ހަނދާ ނެތުން، ފަސޭހައިން ކަންކަމާ އުނދަގޫވެ ރުޅިއައުން ކަހަލަ ކަންކަމަކީ ސީރިއަސްކަން ބޮޑު ކަންކަން ކަމަށް ބަލައިގެން ފަރުވާ ހޯދުމަށް ސީދާ ޑޮކުޓަރުންނާ ހަމައަށް ދާންވާނެ،" ޑޮކުޓަރުގެ ވާހަކައިގެ ރާގު ބަދަލުވަމުން ދިޔަ އެވެ. "ބޮލަށް އަނިޔާވުމާ އެކު އެމަރޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހޭ ފަދަ އަލާމާތް ތަކަކީ ބޮލަށް ލިބުނު އަނިޔާއަށް ފަހު ހޭނެތިފައި އޮތުން، ހެޔަށް ގޮތްވެ ލޯ ހުޅުވައިގެން ހުންނަން ދަތިވުން، ފިޓު ޖެހުން ފަދަ ކަންކަން."

"ޑޮކުޓަރު ތިޔަ ހިއްސާކުރައްވާ މައުލޫމާތާއި އަޅުގަނޑާ..." އަހަންނަށް ސުވާލު އުފެދެމުން ދިޔައީ އެއީ އަހަންނަށް އަމާޒު ނުވާ ވާހަކަތަކެއް ކަމަށް ވިސްނައިގެންނެވެ.

"ތޫފާނުގެ ތެރެއިން ހިނގި އެއްވެސް ކަމެއް ހަނދާން އެބަހުރިތަ؟" ޑޮކުޓަރު އަހައިލި އެވެ.

"ހުދު އަލިކަން. ރިޔާޝާ.. ހުސްފައިގައި ދުވުން..." މި ފަހަރު ވާހަކަދެއްކީ ޔަލްވީ އެވެ.

އަހަންނަށް ބަލައިލެވުނީ ސީދާ ޔަލްވީގެ މޫނަށެވެ. މަޑުމަޑުން ދެ ތުންފަތް ކައިރިކޮށްލެވުނެވެ.

"މަންމަގެ ވަކިވެދިޔުން. ބޮޑުބޭބެގެ އެހީތެރިކަން. މާލެއަށް އަންނަން ޖެހުނު ސަބަބު. ރިޔާޝާ..." ޔަލްވީގެ ވާހަކަތަކާއެކު ހަނދާންވާން ފެށީ މާޒީގެ އެކި ޞަފްހާތަކެވެ.

މަޑުމަޑުން އެ ޞަފުހާތަކުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައީމެވެ. އެ ފަސްލަކަށް ފެތޭ ވާހަކައެއް އެއް ތަނަކަށް އަމުނައިލަމުންނެވެ.

"ހުދު ކުލައިގެ އަލިކަން." އެހައި ހިސާބުން ދެން އިތުރަށް އެއްވެސް ކަމެއް ހަނދާނަކަށް ތިލައެއް ނުވި އެވެ.

އެއް ފަހަރު ޑޮކުޓަރުގެ މޫނަށް އަނެއް ފަހަރަކު ޔަލްވީގެ މޫނަށް ބަލައިލެވުނެވެ. ދެން ވީގޮތެއް ހަނދާން ނެތޭ ބުނާފަދަ މޭރުމަކުންނެވެ. އަހަރެންގެ ލަފުޒެއް ނުބުންޏަށް އަހަރެންގެ ލޮލާއި ނިތުގެ ހަރަކާތްތަކުން ހަނދާނުން ބައެއް އުނިވެގެން އުޅޭކަމުގެ އިހުސާސް ކުރެވޭނެ އެވެ.

"އަދިވެސް ކުޑަކޮށް ހަނދާންކޮށްލަމާ ދޯ." ޔަލްވީ އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ރިޔާޝާގެ އެކުވެރިކަން. އޭނާ ޔަނާލް ދެކެވީ ލޯބި. އެ އިހުސާސްތައް.... ދެ މީހުން އެކުގައި ހޭދަކުރި ވަގުތުތައް... މޫދުގައި ޖެހުނު ސަކަރާތްތައް.." ޔަލްވީ ގަދަކަމުން ހިންދިރުވާލި މަންޒަރު އަހަންނަށް ފެނުނެވެ.

ޔަލްވީގެ އެ ހަރަކާތުން އަހަންނަށް ނެގުނީ އެހެން މާނައެކެވެ. ކުރެވުނީ އެހެން އިހުސާސެކެވެ. އޭނާގެ ދުލުން ބޭރުކޮށްލި އެ ލަފުޒުތަކަކީ ދިރުވާލަން ފަސޭހަ ވާހަކަތަކެއް ނޫންކަމެވެ. އަޑު އަހައިލަން ފަހި އިބާރާތްތަކެއް ނޫން ކަމެވެ.

"ތިޔަ ހުރިހާ ކަމަކާ ކޮންކަސަންއާ އޮތީ ކޮން ގުޅުމެއް؟" އަހަންނަށް އަހައިލެވުނެވެ.

ޑޮކުޓަރު ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ރަނގަޅަށް ބައްލަވަން ވީނުންތޯ ޔަނާލް ކިޔާ އެހެން ބަލި މީހަކު ތިޔަ ބުނާ ފަދަ އިންޖަރީއެއް ވެގެން ނޫނީ، ތަނެއްގައި ބޯ ޖެހިގެން ހަނދާންނަށް އަސަރު ކޮށްގެން ގެނެވުނުތޯ. ވަރަށް ގިނަ ފަހަރު އޮޅިގެން ކަންކަން އެބަ ދިމާވެއެއްނުންތޯ! މިހާރަކަށް އައިސް ވަރަށް ބޮޑެތި ކަންކަން ވަރަށް ފަސޭހައިން އެބަ އޮޅެއެއްނޫންތޯ؟"

އަހަރެންގެ ޖުމުލަ އިވިފައި ޑޮކުޓަރު ގާތަށް އައީ ހިންޏެވެ. އެ ހިނިތުންވުމުގެ ފަހަތުން ދުވަމުން ދިޔައީ ސިޔާސީ ކަންކަމަށް ޖޯކު ޖެހުމުގެ ވަހެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox