ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 2-0 އިން ބަލިކޮށް، ކްލަބް ގްރީން ސްޓްރީޓްސް ދެ ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗަށް ނުކުތްއިރު، އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް ވަނީ ވެލެންސިއާ އަތުން ބަލިވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީ ވަނީ ދަ ގްރާންޑޭއާ އެއްވަރުވެފަ އެވެ. އެހެންވެ، މިރޭގެ މެޗުން ނަތީޖާއެއް ނެރުން އޮތީ ދެ ޓީމަށް ވެސް މުހިއްމުވެފަ އެވެ. ގްރީން ސްޓްރީޓްސް އިން މެޗު ކާމިޔާބުކޮށް އަލުން ފޯމަކަށް އެޅުނީ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ މިއަދު ހަވީރު ދަ ގްރާންޑޭ 1-0 އިން ބަލިކުރި ވެލެންސިއާ އެވެ. ތިން މެޗުން ވެލެންސިއާ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް ދެ ވަނަ އަށް ޖެހިލީ ކުރިން އެ މަގާމުގައި އޮތް މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، އެ ޓީމާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ތިން މެޗުން ހަ ޕޮއިންޓާއި ފައިދާ ފަސް ގޯލު އޮތްއިރު، މާޒިޔާ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވަނީ ފައިދާ ތިން ގޯލާ އެކު އެވެ. މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް ކައިރިން ނަތީޖާއެއް ނެރެގެން މާޒިޔާ އަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.
ހަތަރެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ފަހެއްގައި އޮތް ޓީސީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި އީގަލްސް އޮތީ އެންމެ ފުލުގަ އެވެ.

ގްރީން ސްޓްރީޓްސްގެ ރިލޭ ޕެނަލްޓީ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިރޭގެ މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ގްރީން ސްޓްރީޓްސް އިންނެވެ. އަރިމަތިން ލިބުނު ހިލޭޖެހުމަކުން ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ބޭރުވީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އަތުގައި ޖެހިފައި ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު މުސައްނިފު މުހައްމަދު، އޭރިއާބޭރުން ފޮނުވާލި ބޯޅަ ދަނޑިކައިިރިން ބޭރަށް ދިޔައިރު، ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ރަމީޒް ހުރީ ހަރަކާތް ހުއްޓިފަ އެވެ.
ފުރަަތަމަ ހާފުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަލީ ހައިޝަމް (ޗުމްޕު) އޭރިއާތެރެއިން ފޮނުވާލި އެއް ޝޮޜް ބްލޮކްވިއިރު، އަނެއް ހަަމަލާ ގްރީން ސްޓްރީޓްސްގެ ކީޕަރު ރަމީޒް ވަނީ މަތަކޮށްފަ އެވެ.
ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފު ނިިމުމުގެ ކުރިން ލީޑުނެގީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ޖެހި ޕެނަލްޓީންނެވެ. ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީގައި ރިލޭ ފޮނުވާލީ ޕެނަންކާ ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ގްރީން ސްޓްރީޓްސް އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) މެދުތެރެއިން ބޯޅަ ހޯދައި ހުސްކޮށްލާފައި ޔާނު އަށް ދިން ބޯޅަ އަކުން އޭނާ ނެގި ހުރަސް ޗޯޓު ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީ އަށް ލަނޑެއް ޖަހައިދޭން އެ ޓީމުގެ ސަމާހު އަހުމަދު ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސަސް ކުޅޭނީ އީގަލްސްއާ އެވެ. މާދަމާރޭ ކުޅޭނީ މާޒިޔާ އާއި ޓީސީ އެވެ.











