ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާ މެދު ނަފުރަތު ނުއުފައްދަން އެމްއާރްއެމް އިން ގޮވާލައިފި

Dec 26, 2021, 2:57 PM
އެމްއާރްއެމްގެ ޒައީމް ރައީސް މައުމޫން (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު. --ފޮޓޯ: ރައީސް އޮފީސް

އެމްއާރްއެމްގެ ޒައީމް ރައީސް މައުމޫން (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު. --ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާ މެދު ނަފުރަތު އުފައްދައި އެ ގައުމުތަކާ އޮތް ގުޅުން ހީނާރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި ރައްޔިތުންނަށް މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފައްދަވާފައިވާ އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިވާ ޕާޓީން މިއަދު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި ނުސީދާކޮށް އެ އިޝާރާތްކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ސިފައިން ބޭރުކުރަން އެ ދެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތާ ސަރުކާރު ކޯލިޝަނުގެ އެމްޑީޕީން ފާޅުގައި ދެކޮޅު ހަދާއިރު، އަނެއް ދެ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެކަމާ ދެކޮޅަށް ބަޔާން ނެރެފަ އެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނީ ސުނާމީ ކާރިސާއަކީ އަވައްޓެރި ގައުމުތަކާ އޮތް ގުޅުމާ އެ ގުޅުން ހީނަރުވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރު ކަމަށެވެ. އެހެންވެ ސިޔާސީ ދަހިވެތިކަމުގައި އަވަށްޓެރި ގައުމުތަކާ މެދު ނަފުރަތު އުފައްދައި އެ ގައުމުތަކާ އޮތް ގުޅުން ހީނާރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ރައްޔިތުންނަށް ގޮވާލީ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އަވައްޓެރި ގައުމުތަކުގެ ރައްޔިތުންނަށް، ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިހުތިރާމުކޮށް އިސްލާމް ދީން ދަސްކޮށްދީފައިވާ ރިވެތި އުސޫލުތަކުގެ ތެރެއިން އަހުވަންތަކަމާއި އޯގާތެރިކަމާ އެކު އެ މީހުންނާ މެދު އަމަލުތައް ބެހެއްޓުމަށް ވެސް އެ ޕާޓީން އިލްތިމާސްކުރި އެވެ.

"ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސް ޖެހުމެއް ނެތި އަވައްޓެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ މުޖުތަމައުން ދިވެހިރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ، މި ޕާޓީން އެ ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އެމްއާރްއެމް އިން ބުނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި މަތިވެރި ގައުމީ ރޫހުގެ ހަނދާން އާކޮށް އެއިން، އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އެ ދުވަހު ދިވެހިން އިސްކުރީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށް ވެސް ބުނެފައިވެ އެވެ.

"ކޮވިޑް 19 ގެ ހާލަތުގައި ވެސް ސަރުކާރާ އެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ގައުމީ އެއްބައިވަންތަކަމެވެ." މިހާރުގެ ހާލަތަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox