ފުޓްބޯޅަ ކްލަބްތަކަކީ ގޭންގްތަކެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ބަލައެއް ނުގަނެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ޑިވިޝަން ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓްކޮށްފައި ވަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް، މިއަދު ހެނދުނު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ކްލަބްތަކަކީ ދިވެހި ފުޓްބޯޅައިގެ "ބެކްބޯން" ކަމަށާއި އެ ޓީމުތަކަށް ދިމާވާ އެކި ގޮންޖެހުންތަކުގެ ތެރެއިން ކުރާ ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ބައްސާމް ވިދާޅުވީ ކްލަބްތަކާއި ފުޓްބޯޅަ އަށް އަމާޒުކޮށް ބިނާކުރަނިވި ފާޑުކިޔުން ކިޔާނަމަ އަބަދުވެސް ބަލައިގަންނާނެ ކަމަށެވެ.
"އެކަމަކު، ފުޓްބޯޅަ ކްލަބްތަކަކީ ގޭންގްތަކެއް ކަމަށް ސިފަކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ވަކި ގޮތަކަށް އަނބުރާލައިގެން ގެނެސްދިނުން ބަަލައެއް ނުގަނެވޭނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި ލިޔުއްވާ ކޮލަމްގައި ފުޓްބޯޅަ ކްލަބްތަކަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ދާދި ފަހުން ނޫސްވެެރިންގެ ބައްދަލުވުމުގައި އެކި ކޯޗުން ވަނީ ނޫސް ކޮންފަރެންސްގައި ދައްކާ ވާހަކަ މާނަ އޮޅޭ ގޮތަށް އަމިއްލަ މަންފާ އަށް ޓަކައި ހަބަރުތައް ނުގެންނަން ނޫސްވެރިން ކިބައިން އެދިފަ އެވެ.
ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާ އިން އަބަދުވެސް މީޑިއާ އާއި ނޫސްވެރިންނަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެ ގޮތުގެ މަތިން ނޫސްވެރިން ވެސް ފުޓްބޯޅަ އާއިލާ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ފުޓްބޯޅަ އާއިލާ އިން ދެކެނީ ނޫސްވެރިންނަކީ ވެސް. އެ އާއިލާގެ މެމްބަރުންގެ ގޮތުގައި ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އުއްމީދަކީ މި ހުރި ހިޔާލު ތަފާތުވުންތައް ދޫކޮށްލައި ފުޓްބޯޅައިގެ ރަނގަޅަށްޓަކައި އެކުގައި މަސައްކަތް ކުރުން،" ބައްސާމް ވިދާޅުވި އެވެ.
ފުރަަތަމަ ޑިވިޝަން ކްލަބްތަކުން އަންނަނީ "މިހާރު" ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަމުންނެވެ. އޭގެ ސަބަބެއް ކަމަށް ކްލަބްތަކުން ބުނަނީ "މިހާރު" އިން މަސައްކަތް ކުރަނީ ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް ކަމަށެވެ.











