ޕްރެޒިޑެންޓަސް ކަޕްގައި މިއަދު ޑަ ގްރާންޑޭ އާއި ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވި ދެ ޓީމުގެ ކުރިމަތިލުމުގައި ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. މެޗުގައި ޑަ ގްރާންޑޭ އިން ލީޑު ނެގީ މެޗުގެ 62 ވަނަ މިނިޓުގައި އަހުމަދު އަބްދުލް ސައްތާރު ޖެހި ހިތްގައިމު ލަނޑުންނެވެ. އެކަމަކު މެޗުގެ 74 ވަނަ މިނިޓުގައި، ޔޫވީން މެޗުގެ ނަތީޖާ އެއްވަރުކުރީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ލަނޑުންނެވެ.
މި މެޗުގެ ނަތީޖާއާއެކު، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ދަ ގްރާންޑޭއަށެވެ. މާފުއްޓަށް ނިސްބަތްވާ ކުޅުންތެރިންތަކާއެކު، އެ ޓީމުން މި މުބާރާތަށް ނެރިފައިވަނީ ތަޖުރިބާމަދު ޓީމެކެވެ. މެޗުގެ ފަހުކޮޅު ލިބުނު ހުސް ފުރުސަތުތައް ބޭކާރުވުމާއެކު، ޔޫވީ އަށް މިއީ އެންމެ އެދެވޭ ނަތީޖާއެއް ނޫނެވެ.
މެޗުގެ ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ ދަ ގްރާންޑޭ އިންނެވެ. އެ ޓީމުގެ އިސްމާއިލް ނަޒީހް އަރިމަތިން ގޯލާ ދިމާލަށް ހުރަސްކޮށްލި ބޯޅަ، ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހް ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރުކޮށްލައިފަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި 33 ވަނަ މިނިޓުގައި ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޔޫވީގެ މިޑްފީލްޑަރު އަލީ ހަމްދާން (އައްޔަ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ބައްކު އޭރިޔާ ރޮނގުމަތިން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
އޭގެ ތިން މިނިޓު ފަހުން، ޔޫވީ އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ދަ ގްރާންޑޭގެ ޑިފެންޑަރު އިބްރާހިމް ދައިޝަމް އަތުން ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައި، ޔޫވީގެ ޒުވާން މިޑްފީލްޑަރު ސަމާހު އަހުމަދު ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެންވަދެ، ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ގޯލްކީޕަރު އިސްމާއިލް ޝިހާމް ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ޗުމްޕު އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ދަ ގްރާންޑޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށް ބޯޅައަކަށް މުޅިން ހުސްކޮށްހުރެ، ޗުމްޕު އަށް ބޮލުން ފޮނުވާލެވުނީ ގޯލްކީޕަރާ ދިމާލަށެވެ.
ދަ ގްރާންޑޭ އިން ލީޑު ނެގީ 68 ވަނަ މިނިޓުގައި ސައްތާރު ޖެހި މޮޅު ލަނޑަކުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ސައްތާރު ފޮނިވާލި ހަމަލާ، އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދަ ގްރާންޑޭ އިން ލީޑު ނެގުމާއެކު، ޔޫވީން ހަމަލާތައް ވަރުގަދަ ކުރަން މަސައްކަތްކުރި އެވެ. ނަތީޖާ އަކަށްވީ ޔޫވީ އަށް ލިބުނު ހިލޭޖެހުމަކުން، މެޗުގެ 74 ވަނަ މިނިޓުގައި ޗުމްޕު ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ޕެނަލްޓީ އޭރިޔާ ބޭރުން، ޗުމްޕު ފޮނުވާލި ބޯޅަ އޮއްސިގެންދިޔައީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި، ޔޫވީ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޗުމްޕުއަށެވެ. މެޗުގެ އިތުރު ވަގުތުގައި، ދަ ގްރާންޑޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ސަލާމަތްވެ، ޗުމްޕު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސް އެވެ.











