ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތް ދަނޑިވަޅުގައި ވެސް އެ ގައުމަށް ބޭސްފަރުވާއަށް ދިއުމަށް ހާއްސަ ހުއްދައެއް ދިވެހިންނަށް ލިބުމަކީ، ލިބުނު ނަސީބެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީން ރޭ ވިދާޅުވެއްޖެ އެވެ.
އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އަވައްޓެރި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތްފުޅުން ކަމަށެވެ.
އިންޑިޔާގެ ބޯޑަރު ވެސް ބަންދުކޮށްފައި އޮއްވާ، ރާއްޖެއިން އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދިނީތީ، އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ރޭ ޝުކުރު އަދާކުރެއްވި އެވެ.
"ރާއްޖެއާ ކައިރި ހުރިހާ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި އޮތް ވަގުތެއްގައި ވެސް ހާއްސަކޮށް ދިވެހިންނަށްޓަކައި ރައީސްގެ އެދުމުގެ މަތިން ސީދާ އިންޑިއާ ސަރުކާރުން އިންޑިއާގެ ބޮޑުވަޒީރު އެ ގައުމަށް ބޭސްފަރުވާއަށް ދިމުގެ އެކަން ހަމަޖައްސަވައިދެއްވި ކަމީ ދިވެހިންނަށް ލިބުނު ނަސީބެއް،" ނައިބް ރައީސް
ނައިބް ރައީސް ވިދާޅުވީ ފުރަތަމަ ފަސް ޗާޓާ ފްލައިޓު ފެށީގެން ދިޔައީވެސް ކޮވިޑްގެ އެ ދުވަސްވަރުގައި ކަމަށެވެ.

"ރެޔާ ދުވާލު، ހާއްސަކޮށް އެންމެ ދުވަހެއް ވެސް ވޭތުވެގެން ނުދޭ އާސަންދައަށް ގުޅަން ނުޖެހޭ. ވަރަށް އުނދަގޫ ވަގުތުތަކުގައި ވެސް އެކި ކަންކަމުގައި ގުޅި. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބޭސްފަރުވައަށް ނުދެވިގެން ވެސް ގުޅި،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ނައިބް ރައީސް އަލިއަޅުއްވައިލެއްވި އެވެ.
އޭގެ އިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކާއި ދައުލަތުން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިހްލާސްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމަށް ނައިބު ރައީސް ފައިސަލް ގޮވާލެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދެވި އާސަން ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ އެވޯޑްތައް ހަވާލުކޮށްފަ އެވެ. އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ނައިބް ރައީސެވެ. އެ ހަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ނައިބް ރައީސަށް ވެސް ހަނދާނީ ފިލައެއް އަރުވާފަ އެވެ.














