ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އެޑީ އެންކެޓިއޭގެ ހެޓްރިކާ އެކު 5-1 ސަންޑަލެންޑް ބަލިކޮށް އާސެނަލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރަތަމަ 27 މިނިޓް ތެރޭ އާސެނަލުން ވަނީ އެންކެޓިއޭ އާއި ނިކޮލަސް ޕެޕޭގެ ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަންޑަލެންޑްގެ ނޭތަން ބްރޯޑްހެޑް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އާސެނަލް އިން ކުރިއަށް ޖެހި އެޓޭކް ވަރުގަދަކުރި އެވެ. ނަތީޖާ އަކަށްވީ އެންކެޓިއޭ އިތުރު ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރުމެވެ. މި ހާފުގައި އެންކެޓިއޭ ފުރަތަމަ ގޯލު ޖެހީ ނޫނޯ ޓަވަރޭސް ދިން ބޯޅަ އަކުންނެވެ. އަދި އޭނާ ހެޓްރިކް ހެދި ގޯލު ޖެހީ ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ގޯލަކުންނެވެ.
އާސެނަލްގެ ފަހު ގޯލު ޖެހީ އުމުރުން 18 އަހަރުގެ ފޯވާޑް ޗާލީ ޕަޓީނޯ އެވެ. މިއީ އޭނާ އާސެނަލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ލީގު ކަޕް ސެމީގައި އާސެނަލް ކުޅެން ޖެހޭ ޓީމެއް އެނގޭނީ ކުއާޓާ ފައިނަލުގައި ފަހު މެޗުތައް ނިމުމުންނެވެ. ލީގު ކަޕް ކުއާޓާގައި ދެން ކުޅޭނެ ތިން މެޗަކީ ބްރެންޓްފޯޑާއި ޗެލްސީގެ މެޗާއި ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުވެ.












