މި ފަަހަރުގެ މުބާރާތުގެ ކުރިން އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ދެ މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ. ދެ ފައިނަލުން ވެސް ޓީސީ ބަލިވިއިރު، އޭރު އޮތް ޓީސީގެ ސްކޮޑަކީ އެ ދެ ފަހަރު ވެސް ތަށި ހޯދޭނެ ފެންވަރުގެ ތަޖުރިބާ އާއި ހުނަރު އޮތް ޓީމެކެވެ. އެކަމަކު، އެ ފަަހަރު އެކަން ނުވީ ވެސް ސަބަބުތަކާ އެކު އެވެ.
އޭގެ އަހަރުތަކެއް ފަހުން ޓީސީ ގޮވައިގެން ނިޒާމްބެ މިހާރު ނުކުމެ ހުރީ ޒުވާން ކުދިންގެ "މެޖޯރިޓީ" އޮތް ސްކޮޑަކާ އެކު އެވެ.
ހަމައެކަނި ކުޅެލާފައި ދާން އޮތް މުބާރާތެއްގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕް ނުނަގާނެ ކަަމަށް ބުނެ، ރޭ ޓީސީން ވަނީ ޒުވާން ކުޅުންތެރިންތަކެއްގެ އިތުރުން ގަލޮޅު ދަނޑަށް މުޅިން އަލަށް ނުކުތް ކުޅުންތެރިންތަކެއް ލައިގެން އީގަލްސް އަތުން މޮޅެއް ހޯދައިފަ އެވެ. ޓީސީ މޮޅުވީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ހަސަން އީނާޒް ޖެހި ޕެނަލްޓީންނެެވެ.
މެޗަށް ފަހު ނިޒާމްބެ ބުނީ އީގަލްސް ކަހަލަ އުނދަގޫ ޓީމެއް ކައިރީ ޓީސީގެ ކުޅުންތެރިން ހާއްސަކޮށް މުޅިން އަލަށް ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"އީގަލްސްއާ އެކު މި ވަރަށް ކުޅެވޭނެ ކަމަށް ފުރަތަމަ ގަބޫލު ވެސް ނުކުރެވޭ. ހަގީގަތުގައި ޓީމުގައި ތިބީ އާ ކުޅުންތެރިން މުޅިން އާ ސްޓައިލަކަށް ކުޅެން މަސައްކަތް ކުރަނީ ކުރާއިރު، ކުޅުންތެރިންނަށް ފަސޭހަވެގެން ނުދާނެކަން އެނގޭ. އަނެއްކާ އެބަތިބި އަލަށް ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިން. އެ މީހުންނަށް ޓާފްގައި ކުޅެފައި އައިސް ވިނައިގައި ކުޅެން އުނދަގޫވެސް ވާނެ،" ނިޒާމްބެ ބުންޏެވެ.
ޓީސީ ޓީމުގައި ރޭ ފާހަގަކޮށްލެވުނު އާ ކުޅުންތެރިންނަށް ބަލާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އީނާޒްގެ އިތުރުން މުހައްމަދު މާއިޝް މައުސޫމް (މާސޭ)، އަހުމަދު މާއިޝް ރަޝީދު (މައި) އަދި މުހައްމަދު ދާނިޝް އިބްރާހިމް ހިމެނެ އެވެ.
ނިޒާމްބެ ބުނީ ކުރިން ވެސް އުއްމީދުކުރި އެއް ކަމަކީ ކުޅުމަށް ބަލާއިރު، އެންމެ ރަނގަޅަށް ނުކުޅެވޭނެކަން ކަމަށެވެ. އެކަން އެ ގޮތަށް ދިޔަ އެއް ސަބަބަކީ ޕްރެޝަރުގައި ކުއްލިއަކަށް ކުޅެން އުނދަގޫވުން ކަމަށާއި ހިތްހަަމަ ޖެހުމަކީ ކުރިއަށްދާން ބަލާއިރު، ރަނގަޅު ނަތީޖާ އަކުން ފެށުން ކަމަށެވެ.
"އަނެއް ކޮޅުން ޕްރެޕަރޭޝަން (ތައްޔާރީތައް) ވެސް ރަނގަޅަށް ނުދާތީވެ. ހިތްހަމަޖެހުމަކީ މި މެޗުގެ ތިން ޕޮއިންޓް ލިބުން. އެ ހިތްހަމަޖެހުން އެބައޮތް،" ނިޒާމްބެ ބުންޏެވެ.
"ވަރަށް މުހިއްމު ތިން ޕޮއިންޓް މިއީ. މި މުބާރާތުގެ ޝަަރަފަށް ވުރެ ވެސް ބޮޑަށް އަލަށް ދަނޑަށް ނުކުތް ކުޅުންތެރިންނަށް ވަރަށް ބޮޑު ކޮންފިޑެންސެއް މި ލިބިގެންދިޔައީ. އެ ކުޅުންތެރިންނަށް މިރޭ (ރޭ) ހެދުނު ގޯސްތައް ރަނގަޅުކުރަން މި މެޗުން (އީގަލްސް މެޗުން) ބަލިނުވެ މޮޅަކާ އެކު ނިންމާލެވުން އެއީ ވެސް ހިތްހަމަޖެހުމެއް،"
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހަތް ވަރަކަށް މަހުގެ ބްރޭކަކަށް ފަހު ނުކުތްއިރު، ފުރަތަމަ މެޗުތަކަށް ބަލާއިރު، ފެންނަ މަންޒަރަކީ ތަޖުރިބާކާރު ކުޅުންތެރިންގެ ވެސް މެޗު ފިޓްނަސް ދަށްވުމުގެ މައްސަލަ ކަމަށް ނިޒާމްބެ ބުންޏެވެ.
"އަލަށް ނުކުތް ކުޅުންތެރިން ކުޅުނު ކުޅުމާއި ކުރި މަސައްކަތް ގޯހެއް ނޫން. ކޮމިޓްމަންޓް ވަރަށް ރަނގަޅު،" ނިޒާމްބެ ބުންޏެވެ.
ޓީސީ ދެ ވަނަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.











