ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ކްލަބް އީގަލްސް ބަލިވެއްޖެ އެވެ.
ޕްރެޒިންޓްސް ކަޕްގައި އެންމެ ފަހުން އީގަލްސް އާއި ޓީސީ ކުޅުނީ 2016 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު އީގަލްސް އިން ޓީސީ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އޭރު އެ ޓީމަށް ކުޅުނު ތިން ކުޅުންތެރިއަކު ވަނީ އީގަލްސް ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަދި ޓީސީ ޓީމުގައި ވެސް އޭރު އެ ޓީމަށް ކުުޅުނު ކުޅުންތެރިން ހިމެނެ އެވެ. އެކަަމަކު، ޖުމްލަކޮށް ދެ ޓީމުން ވެސް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.
ފުރަތަމަ ހާފުގައި އީގަލްސް އިން ކުރިއަށް ޖެހިގެން އެޓޭކްކުރަމުން ދިޔައިރު، އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނު ޒައިން ޒަފަރާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) އަށް ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ޒައިން ޖެހި ބޯޅައެއް ޓީސީގެ ކީޕަރު އިމްއާން އާދަމް މަތަކުރިއިރު، ހަންނަ އާއި ޖަންކީ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ޓީސީގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ ޒުވާން ފޯވާޑް މުހައްމަދު މާއިޝް މައުސޫމް (މާސޭ) އަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި އީގަލްސްގެ ޑިފެންޑަރުން ފައުލުކުރި ކަމަށް ބުނެ، ޓީސީން ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެކަމަކު، މެޗުގެ ރެފްރީ ހުސެއިން ސިނާން ވަނީ ޕެނަލްޓީ އެއް ނޫން ކަމަށް ނިންމައިފަ އެވެ.

އީނާޒް (ކ) ކައިރިން އީގަލްސްގެ ޒައިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭ ޓީސީ ކީޕަރު އިމްއާން އަތުން ދޫވި ބޯޅައެއް ހަންނަ ވަނީ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެ ބޯޅަ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ފަހުން ހަންނަ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ޖަހަން އެ ޓީމުގެ ކެޕްޓަން އަހުމަދު ނޫމާން (ހެލްމެޓް) އެރިއިރު، އޭނާ އަށް ލިބުމުގެ ކުރިން ކީޕަރު އިމްއާން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
ޓީސީން ލީޑުނެގީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ހަަސަން އީނާޒް ޖެހި ގޯލުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަމްދޫން އަބްދުލް ލަތީފް އަށް އޭރިއާތެރެއިން އީގަލްސްގެ ހަސަން ސަމީހު މޫސާ (ސަމިއްޓެ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އީނާޒް ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ މަތީ ކަނަށެވެ.
އީގަލްސް އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީނާޒް ބުނީ ހަގީގަތުގައި މިއީ މުޅި ޓީމު އެކުވެގެން ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި އީގަލްސްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިއީ އެ ކުޅުންތެރިންނަށް ލިބުނު މުހިއްމު ތަޖުރިބާތަކެއް ކަމަށާއި މީގެ ސަބަބުން ކުރިއަށްދާން އިތުބާރު ބޮޑުވާނެކަން އީނާޒް ފާހަގަކުރި އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ދިމާވީ ޓީސީ އަށް ރަނގަޅު ދުވަހަކާ ކަމަށާއި އީގަލްސް އިން ގޯލެއް ޖެހޭ ވަރަށް މަސައްކަތްކުރި ނަމަވެސް އެކަން ހާސިލްނުވެ ބަލިވީ ކަމަށެވެ. އަދި ދިގު މުއްދަތަކަށް ނުކުޅެ ހުރެފައި ކުޅޭ ފުރަތަމަ މެޗުގައި އުނދަގޫތަކެއް ހުންނާނެކަން ފާހަގަކޮށް ޝާޒް ބުނީ ފުރަތަމަ މެޗުން ބަލިވުމާ އެކު މުބާރާތުގައި ބޭނުންވާ ހިސާބަށް ދާނަމަ ދެން ކުޅޭ ކޮންމެ މެޗަކުން ވެސް ނަތީޖާ ނެރުން މުހިއްމު ކަމަށެވެ.
"މި ބަލަނީ ދެތިން މެޗު ކުޅޭއިރު ރަނގަޅުވާނެ ކަމަށް. ދެން ހުރި މެޗުތަކުގައި ކޮންމެ ގޮތެއް ވިޔަސް ނުކުންނަން ޖެހޭނީ ނަތީޖާ އަށް،" ޝާޒް ބުންޏެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެޒިޑެންޓްސް ކަޕް ކުޅޭއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ އަތުން ގްރީން ސްޓްރީޓްސް މޮޅުވީ 5-0 އިންނެެވެ. ރޭ ވެލެންސިއާ އިން 5-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކުރިއިރު، މިއަދު ހަވީރު މާޒިޔާ އިން ވަނީ 2-0 ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.
ލީގު އުސޫލުން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ޕްރެޒިޑެންޓްސް ކަޕް ކުޅޭއިރު، ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.











